އިޒްރޭލުން ހުއްޓުމެއް ނެތި ގާޒާއަށް ދެމުން ގެންދަ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރު ތެރޭ 704 މީހަކު ޝަހީދު ކޮށްލައިފިއެވެ.
އދ ގައި ހުންނަވާ ފަލަސްތީނުގެ އިސް ޑިޕްލޮމޭޓް ރިޔާދު އަލް މާލިކީ ވިދާޅުވީ, އެ ހިތާމައިގައި ބައިވެރި ނުވާ ހަމަ އެކަކުވެސް އަދި އިޒްރޭލުގެ މުސީބާތަ ކުރިމަތި ނުވާ ހަމައެއްވެސް އާއިލާއެއް ގާޒާގައި ނެތް ކަމަށެވެ. އެމީހުންނަށް ރައްކާތެރި ކަމެއް ވެސް ނެތް ކަމަށް ވިދާޅުވަމުން އިޒްރޭލުން ދޭ ހަމަލާތަކާ ދެކޮޅަށް ފަލަސްތީނާ ބައިވެރިވާ މީހަކު [ބައިނަލްއަގުވާމީ ފަރާތްތައް] ނެތް ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުންވެސް ފާޅު ކުރެއްވިއެވެ. އެރޮނގުން 3 ސުވާލެއް އުފައްދަވައި އޭނާ ވިދާޅުވީ, އެމީހުން [ގާޒާގެ ރައްޔިތުން] ނާ މެދު ހަމްދަރުދީ ވާ މީހަކު ނެތް ކަމަށާއި އިޒްރޭލުގެ އުދުވާނަ ދެކޮޅަށް އަޑުއުފުލާ މީހަކުވެސް ނެތް ކަމަށް ވިދާޅު އދ ގެ މެންބަރުންނަށް އެ ސުވާލުތައް ރައްދު ކުރެއްވިއެވެ.
އޮކްޓޯބަރު 7, 2023 ގައި ހަމާސް އިން ގާޒާއަށް ހަމަލާ ދިން މައްސަލައަށް އިޝާރާތް ކުރައްވައި އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވީ އެކަން ދިމާވާން މެދުވެރިވި ސަބަބަކީ 56 އަހަރު ވާންދެން އިޒްރޭލުން ފަލަސްތީން އަޅުވެތި ކޮށްފައި އޮތް އޮތުމަށް އެ މީހުންނަށް [ގާޒާގެ ރައްޔިތުންނަށް] ކެތް ނުކުރެވުން ކަމަށެވެ.
އޭނާ ވިދާޅުވީ އެހެނެއް ކަމަކު ހަމާސް އިން ދިން ހަމަލާވެސް ބަލައި ނުގަނެވޭނެ ކަމަށާއި އެހެން ނަމަވެސް އެއީ ފަލަސްތީނުގެ ހުރިހާ ރައްޔިތުންނަށް އަދަބު ލިބެން ޖެހޭނެ ކަމެއް ނޫން ކަމަށެވެ.
މިފަދަ ވަގުތެއްގައި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ހަނގުރާމައިގެ ހާލަތުގައި ވެސް އެންމެ އަސާސީ ކަންތައް ކަން ފާހަގަ ކުރައްވައި އޭނާ ވަނީ ގާޒާއަށް އެހީގެ ތަކެތި ލިބެމުން ދިޔުމަކީ އުފާކުރައްވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ފުދޭ މިންވަރަށް ވުރެވެސް މާ ކުޑަ މިންވަރެއް ކަމަށާއި މިވަގުތު އެހީގެ ތަކެތި 'އަޅަން ޖެހިފައި ވަނީ އެކަމަށް ބޭނުންވެފައި އޮތް ކަނޑަކަށް' ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ އިޒްރޭލުގެ އުދުވާނީ ކަނޑައެޅިގެން ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ ހިލާފު ކަމެއް ކަމަށް ވެސް ވިދާޅުވެއެވެ.
ހަމަލާތައް ވަރުގަދަ ކޮށް ގާޒާގެ އުތުރު ބިތް އެއްކޮށްހެން މިހާރު ބިމަ ހަމަކޮށްފައި ވާ އިރު, އިޒްރޭލާ ގުޅުން އުފައްދާފައި ވަ އަރަބި ގައުމުތަކުން އެ ގުޅުން ކަނޑާލައި އެގައުމުތަކުގައި ތިބި އިޒްރޭލުގެ ސަފީރު ފޮނުވާލުމަށް ހަމާސް އިން ވަނީ ގޮވާލާފައެވެ.
އިޒްރޭލުން ހުއްޓުމެއް ނެތި ބޮން އަޅާ އާންމުން ޝަހީދު ކުރަމުން ދާ އިރު މިހާތަނަށް ޖުމްލަ 5791 މީހަކު ވަނީ މިދުނިޔެ ދޫކޮށްފައެވެ. އަދި ބިމާ ހަމަކޮށްފައި ވާ އިމާރާތްތަކުގެ ދަށުގައި މަދުވެގެން 1500 އެއްހާ މީހުންގެ ހަށިގަނޑު ވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.