ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގަށް ބައެއް އެއްޗެހި ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެފްއޭއެމްގެ މާލީ މުއާމަލާތްތަކާ ގުޅޭ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް ޕްރޮސްކިއުޓާ ޖެނެރަލް އޮފީހުގެ އެންގުމުގެ މަތިން ކޯޓު އަމުރަކާއެކު ފުލުހުން އެފްއޭއެމް ހައުސް ބަލާ ފާސް ކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. މީގެ ކުރިން އެފްއޭއެމް ހިންގަމުން އައި އެ އިމާރާތް ފުލުހުން ބަލާ ފާސްކޮށްފައި ވަނީ އެފްއޭއެމްއަށް ބޭރުން ލިބުނު ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލައިގެ ތަހުގީގު ތެރެއިން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ މައްސަލައާ ގުޅުންހުރި ބައެއް ތަކެތި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އަދި މިހާރު ކުރިއަށް ދަނީ އެތަކެތި އެނަލައިޒް ކުރުމުގެ މަސައްކަތް ކަމަށެވެ. އެ މައްސަލައިގެ ތަހުގީގަށް އެފްއޭއެމްގެ އިސްވެރިންނާ ސުވާލު ކުރުމާ ގުޅޭ ގޮތުން ފުލުހުން ވަކި އެއްޗެއް ބުނެފައި ނުވާއިރު އެފްއޭއެމް ހިންގުމާ ހަވާލުވެ ހުރި ބައްސާމް އަދީލް ޖަލީލް ވެސް ވިދާޅުވީ، ތަހުގީގު ނިމުމުން އެކަމާ ވާހަކަ ދައްކަވާނެ ކަމަށެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ ރާއްޖެއަކީ ބޭރުގެ ޖަމިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ގައުމެއް ކަމަށާއި ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި، އިންސާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ގައުމީ މަސްލަހަތާ ސީދާގޮތުން ގުޅުން ހުރި ކަމެއް ކަމަށެވެ.

އެހެންކަމުން ގާނޫނު އަސާސީގެ ދަށުން ލިބިފައިވާ ބާރުތަކުގެ ތެރެއިން އެފްއޭއެމްއަށް އެކި ފަރާތްތަކުން ފޯރުކޮށްދީފައިވާ ފައިސާ އަށް އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންގާއި، ވައްކަމާއި، ހިޔާނާތާއި، އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ، އެ ކަމެއް ތަހުގީގުކޮށް، އެ މައްސަލައިގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވާނޭ ކަމަށް އެފީހުން ވަނީ ބުނެފައެވެ.

އެ އިދާރާގެ ދަރަނި ބޮޑުވެފައިވާއިރު އެފްއޭއެމްގެ އިދާރީ މުވައްޒަފުންގެ އިތުރުން ނިމިދިޔަ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމާ އެކު ދިޔަ ކޯޗިން ސްޓާފުންނަށް އަދި ގައުމީ ޓީމުގެ ބައެއް ކުޅުންތެރިނަށްވެސް މުސާރަ ނުލިބޭ މައްސަލަ ވަނީ ފެންމަތިވެފައެވެ. ނަމަވެސް އެ ތުހުމަތުތަކަށް އެފްއޭއެމް އިން އަންނަނީ ތަކުރާރުކޮށް އިންކާރު ކުރަމުންނެވެ.