ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ލިޔެކިޔުންތަކެއް ނައްތާލާފައި ވަނީ ގައުމީ އަރްޝީފަށް އަންގާފައި ނޫން ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ނިންމާފައި ވާ ކަމަށް ގައުމީ އަރްޝީފްގެ ޑިރެކްޓަރު އަހްމަދު އާމިރު ވިދާޅުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އާމިރު ވިދާޅުވީ، ގައުމީ އަރްޝީފްގެ ގާނޫނުގައި ބުނާ ގޮތުގައި ދައުލަތުގެ މުއައްސަސާ އަކުން ލިޔެކިޔުންތަކެއް ނައްތާލަން ޖެހިއްޖެ ހާލަތެއްގައި އެތަނަށް އަންގަން ޖެހޭނެއެވެ. އެއްވެސް ލިޔެކިޔުމެއްް ނައްތާލުމުގެ ކުރިން ކުރަން ޖެހޭ ކަންކަން ގައުމީ އަރްޝީގް ގާނޫނުގައި ވާނެ ކަމަށާއި އެފްއެސްއެމް އިން ކަން ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.

އެ މައްސަލަ ފެންމަތިވުމުން އެކަން ބެލި އިރު ގައުމީ އަރްޝީފަށް އެ ކުންފުނިން ލިޔެކިޔުންތަކެއް ނައްތާލަން އުޅޭ ކަން އަންގާފައި ނުވާ ކަމަށާއި އެ މައްސަލަ ބަލައި ދިނުމަށް ފުލުހަށް ހުށަހަޅަން މިއަދު ނިންމާފައިވާ ކަަމަށް އާމިރު ވިދާޅުވިއެވެ. މިހާރު ކުރަމުންދާ މަސައްކަތަކީ އެ މައްސަލަ ފުލުހަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށް ވެސް އާމިރު ވިދާޅުވިއެވެ.

އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައިގެން ކ. ތިލަފުށީގައި އިއްޔެ ނައްތާލަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މި ވީޑިއޯ އާންމުވުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުން އެފްއެސްއެމްއަށް ވަނީ އަމާޒުވެފައެވެ.

އެކަމާ ގުޅިގެން އެފްއެސްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ، އެކުންފުނީގެ މުހިންމު އެއްވެސް ލިޔެކިއުމެއް ކުންފުނިން ނައްތާލާފައި ނުވާނެ ކަމަށާއި ނަމަވެސް ގިނަ ދުވަސްވެފައި ހުންނަ ކުންފުންޏަށް އިތުރަށް ބޭނުންނުވާ ބައެއް ލިޔުންތައް ނައްތާލާފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިދާރީ ގޮތުން އެކުންފުނިން ބަލަމުންދާ ކަމަށް ވެސް އެފްއެސްއިން ބުނެއެވެ. އެފްއެސްއެމް އިން ވަނީ ދައުލަތުގެ އެއްވެސް އިދާރާއަކުން މައުލޫމާތެއް ސާފު ކުރަން ބޭނުންވާނަމަ އެކުންފުނިން މަރުހަބާ ކިޔާނެ ކަމަށް ވެސް ބުނެފައެވެ.

އެފްއެސްއެމް އިން މިހެން ބުނެފައިވާއިރު، ސޯޝަލް މީޑިއާގައި އެ ވީޑިއޯ އާންމު ކޮށްފައި ވަނީ އަހުމަދު އަނީސް ނަމަކަށް ކިޔާ އެފްއެސްއެމްގެ މުވައްޒަފެކެވެ. އޭނާ ވަނީ އެ މަންޒަރު ވީޑިއޯކޮށް އާންމުކުރީ ނައްތާލި ލިޔުންތަކަކީ ކުންފުނިން ހިންގާފައިވާ ކޮރަޕްޝަންތަކާ ގުޅޭ ލިޔުންތަކެއް ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ބުނެފައެވެ. އެވީޑިއޯ އާންމުކުރުމުން އިއްޔެ އިން ފެށިގެން އަނީސް އެ ކުންފުނީގެ މަގާމުގެ މަސްއޫލިއްޔަތު ތަކުން ވަގުތީ ގޮތުން އެކަހެރި ކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އޭސީސީން ބަޔާނެއް ނެރެފައި ވާއިރު ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމާއި ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ، އެ ކޮމިޝަނުން ހިންގާ ތަހުގީގު ތަކަށް އެކަމުގެ ސަބަބުން ހުރަސްއެޅޭނެ އަމަލުތަކެއް ކަމަށް ވުމުން އެފަދަ އަމަލުތައް ހުއްޓާލުމަށް އެ އޭސީސީން ވަނީ އަންގާފައެވެ. އެފަދަ ކަމެއް ކުރުމަށް ވަކި ފަރާތަކުން އަންގާ ހާލަތެއްގައި އެފަދަ އަމަލުތަކުން ދުރުހެލިވެ، ނަޒާހާތްތެރިކަން އިސްކުރުމަށް ވެސް އެ ކޮމިޝަނުން އެދެއެވެ. މީގެއިތުރުން އެފަދަ އަމަލު ހިންގާ ކަމުގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބޭނަމަ އެކަމުގެ ތަފްސީލީ މައުލޫމާތު އެ ކޮމިޝަނަށް ހުށަހެޅުމަށް އެސީސީއިން ވަނީ އެދިފައެވެ.

ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމާއި، ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ، ދިވެހިރާއްޖޭގެ ގާނޫނުތަކުން ކުށްކަމުގައި ކަނޑައަޅާފައިވާ އަމަލުތަކެއް ކަން ފާހަގަކޮށް އެސީސީއިން ބުނީ އެކަންކަން ދިވެހި ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މިފަދަ އަމަލުތައް ހުއްޓުވައިދިނުމަށް ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގައި އެދިފައިވާނެ ކަމަށް ވެސް އޭސީސީއިން ވަނީ ބުނެފައެވެ.