ހާން ޔޫނިސްގެ އިރުމަތީގައި އޮންނަ ގާޒާގެ ދެކުނުގެ އަވަށެއް ކަމަށްވާ ބަނީ ސުހައިލާގައި ހުންނަ ޖަމީލް އަބޫ އައްސީގެ ގޭގެ ބޭރުގެ ޕޭވްމަންޓްމަތީގައި އުމުރުން 31 އަހަރުގެ އަބޫ އައްސީއާއި އޭނާގެ އާއިލާ މީހުން ތިބީ ކާބޯތަކެތީގެ ބޮޑެތި ކެއުންތައް ކެއްކުމުގައި އަވަދިނެތިއެވެ.

އަބޫ އައްސީއަކީ މީގެ ކުރިން މީހުންގެ އެދުމުގެ މަތިން ކެއުންތައް ތައްޔާރު ކުރި މީހެކެވެ. ނަމަވެސް 2014 ވަނަ އަހަރު އިޒްރޭލުން ގާޒާއަށް ދިން ހަމަލާއެއްގައި އޭނާގެ ބަދިގެ ހަލާކުވުމާ ގުޅިގެން އޭނާ ވަނީ އެކަން ކުރުން މަޑުޖައްސާލާފައެވެ.

އޭނާގެ އާއިލާއިން އަދިވެސް ބޮޑެތި ކެއުންތައް ކައްކަމުން އަންނަ އިރު، މިދުވަސްވަރު އެ ކެއުންތައް ހާއްސަކޮށްފައި ވަނީ އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންނަށް އެހީވުމަށެވެ.

އދ އިން ބުނި ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލުން އެ ސަރަހައްދަށް ބޮން އަޅަން ފެށި ފަހުން ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ އެއް މިލިއަން މީހުން ވަނީ ގެދޮރު ގެއްލިފައެވެ.

ހާން ޔޫނިސް އަށް އައި ބައެއް މީހުންނަށް ކާންދޭން 2،000 ކެއުން އެ އާއިލާއިން ދުވާލެއްގެ މައްޗަށް ތައްޔާރު ކުރެއެވެ.

"ކައްކާ ގޭސް ނެތުމުން ހެނދުނު ފަށަނީ ލަކުޑި ހޯދަން." އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ތެޔޮ ސަޕްލައި ކުރުން މުޅިން ބްލޮކް ކުރި މައްސަލައަށް އިޝާރާތްކޮށް މީޑިއާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ. ނަމަވެސް ބައެއް ދުވަސްތަކުގައި ލަކުޑި ގެނައުމަކީ ނުރައްކާ ބޮޑު ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

އަބޫ އައްސީ އާއިލާއިން މިހާރު މައިގަނޑުގޮތެއްގައި ކައްކަމުން އަންނަނީ ތަރުކާރީގެ ކެއުންތައް

އަހަރެމެންނަށް ވީ ވަރަކުން އެހީވާން މަސައްކަތް ކުރަން

އަބޫ އައްސީ އާއި އޭނާގެ އާއިލާއިން ވަނީ އެމީހުންގެ މަސައްކަތްތައް ބަހާލައި، މިހާރަށް ވުރެ ހަރުދަނާ ކޮށްފައެވެ. އެކަކަށް ފިޔާ ކޮށުން، އަނެކަކަށް ކައްކަން ބޭނުންވާ ސާމާނުތައް ތައްޔާރުކޮށް ކެއްކުމާއި، ތިން ވަނަ މީހާއަށް ކާއެއްޗެހި ބަންދުކުރުމަށް ވަނީ ބަހާލާފައެވެ.

މިހާރު އާންމުކޮށް ކައްކާ އުޅެނީ ތަރުކާރީގެ ކެއުންތަކެވެ. މަހަކީ މީގެ ކުރިން ކެއުމުގައި ހިމަނާ މައިގަނޑު ބާވަތެއް ނަމަވެސް، އިޒްރޭލުން ދިން ބޮމުގެ ހަމަލާތަކުގައި މަސް ވިއްކާ ގިނަ މީހުންގެ ފިހާރަތަކަށް ގެއްލުން ލިބުމުން ވަނީ ބަންދު ކޮށްފައެވެ. ސަޕްލައި ނުލިބުމުގެ ދަތިތައްވެސް ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.

ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާ، ޔޫއެން ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫއެންއާރްޑަބްލިއުއޭ) އިން ހިންގާ ސްކޫލްތަކުގައި، ގާޒާގެ ދެކުނުގެ ސަރަހައްދަށް ހިޖުރަކޮށްފައިވާ ފަލަސްތީނުގެ ގިނަ ބަޔަކު ވަނީ އެ ތަންތަނަކީ ވަރަށް ރައްކާތެރި ތަންތަން ކަމަށް ގަބޫލު ކޮށްފައެވެ. އަނެއް ބައި މީހުން އެހެން އާއިލާތަކާއި މުޖުތަމައުތަކާ އެކު ދިރިއުޅެމުން އަންނަނީ ދަތި ހާލުގައެވެ. އިޒްރޭލުން ދިން އިންޒާރުތަކާ ގުޅިގެން ބައެއް މީހުން އުތުރު ދޫކޮށް ދެކުނަށް ދިޔައީ މަދު ހެދުން ކޮޅަކާއި ކުޑަ ދަބަސްގަނޑެއް ހިފައިގެންނެވެ.

އިޒްރޭލުން ގާޒާއަށް ދިން ބޮމުގެ ހަމަލާތަކުގައި ގިނަ އަވަށްތައް ފުނޑުފުނޑުވެ، 16 ދުވަހުގެ ތެރޭގައި ފަލަސްތީނުގެ 4600 އަށްވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު އޭގެ ތެރޭގައި 1873 ކުޑަކުދިންނާއި 1023 އަންހެނުން ހިމެނެއެވެ.

އެހެންނަމަވެސް، ގާޒާއާއި، އިޒްރޭލާއި، ހިފާފައިވާ ހުޅަނގު އައްސޭރީގެ ފަލަސްތީނު ރައްޔިތުންނާ ބެހޭގޮތުން، އަބޫ އައްސީ އަށް އެންމެ ފަހުގެ ހަމަލާއަކީ އަމިއްލަ ތާރީހެއް ހަނދާންކޮށްދޭ ކަމެކެވެ.

ދުވާލެއްގެ މައްޗަށް މަދުވެގެން 2،000 ކެއުން ތައްޔާރުކުރޭ

ރީތި އިޖުތިމާއީ އެއްބައިވަންތަކަން

އަބޫ އައްސީ އަކީ 1948 ވަނަ އަހަރު ފަލަސްތީނު މީހުން ނަކްބާ ގެ ނަމުން ސިފަކުރާ ދުވަސްވަރު އޭނާގެ ކާފަމެން ގެދޮރު ގެއްލުނު ޖަފާއަށް ނިސްބަތްވާ ތިން ވަނަ ޖީލުގެ ރެފިއުޖީ އެކެވެ. ފަލަސްތީނުގެ 750،000 އަށްވުރެ ގިނަ މީހުން އެމީހުންގެ ބިންތަކާއި ގެދޮރުން ގަދަކަމުން ބޭރުކޮށް، 500 އެއްހާ އަވަށާއި ސަރަހައްދުތައް ހަލާކުކޮށް، ޔަހޫދީ ލަޝްކަރުތަކާއި، އޭރު އުފެދުނު އިޒްރޭލު ދައުލަތުގެ އަސްކަރިއްޔާއިން ހިންގި ނަސްލު ނައްތާލުމުގެ އިންސާނީ ޖަރީމާއެއްގައި އެތައް ހާސް ބަޔަކު ވަނީ ޝަހީދު ވެފައެވެ.

"އަހަރެމެންގެ ކާފަ ބުނީ ރެފިއުޖީއަކަށް ވުމަކީ އެކަމުން އަރައިގަންނަން އުނދަގޫ ކަމެއް ކަމަށާއި މި ހިތިކަން ދުވަހަކުވެސް ހަނދާން ނައްތާނުލެވޭނެ ކަމަށް،"
އަބޫ އައްސީ

"އަހަރެމެންގެ ހިތްތަކުގައި އުފެދިފައިވާ ވޭނާއި އިޒްރޭލުން އަހަރެމެންނާ މެދު ކޮށްފައިވާ އަދި ކުރަމުން ގެންދާ ކަންކަމަށް މައާފެއް ނުކުރާނަން." އޭނާ އިތުރަށް ބުންޏެވެ.

މިފަހަރުގެ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ކުދިންނަށް ކާބޯތަކެއްޗާއި ފެނާއި ކަރަންޓު ނުލިބި ދިރިއުޅެމުން އަންނަ ހަނދާން ނައްތާ ނުލެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ނަމަވެސް މިސައިލްތަކުގެ ބިރުވެރިކަމާއި ހިތްދަތިކަމާއި ހަމަލާތަކުގެ ތެރޭގައި މުޖުތަމައުއެއް ވަނީ އެކަތިގަނޑަކަށް ވެފައެވެ. ބައެއް މީހުން އަބޫ އައްސީ އާއިލާއަށް ގުޅައި، ގެންދަނީ އެ މީހުންނަށް ވެސް ގެދޮރު ގެއްލިފައިވާ ފަލަސްތީނަށް ކާބޯތަކެތި ހަދިޔާ ކުރެވޭނެ ގޮތްތައް ބަލަމުންނެވެ.

"ހާން ޔޫނިސް ސިޓީގައި ވަރަށް ރީތި އިޖުތިމާއީ އެއްބައިވަންތަކަމެއް އެބައޮތް." އަބޫ އައްސީ ބުންޏެވެ. "ބަނޑުހައިހޫނުކަމުގައި ތިބި މީހުންނަށް ކާބޯތަކެތި ނުލިބުމަކީ އަހަރެމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން، އެހެންވީމަ އަހަރެމެންނަށް ވެވެން އޮތް ގޮތަކުން އެމީހުންނަށް އެހީވެވޭތޯ ބަލާނަން." އޭނާ ބުނެފައި ވެއެވެ.

އަބޫ އައްސީ އާއިލާގެ މީހުން ހެނދުނު 7:00 ގައި ކެއްކުމުގެ ތައްޔާރީތައް ފަށައި މެންދުރު ފަހު 2:00 ގައި ނިންމާލާ

ރައްޔިތުންގެ މެދުގައި ރައްކާތެރިކަން އިހުސާސް ކުރެވޭ

ގެދޮރު ގެއްލިފައިވާ އާބާދީގެ ކާބޯތަކެތީގެ ބޭނުންތައް ފުއްދައިދިނުމުގެ ގޮތުން އަބޫ އައްސީ ވަނީ އުނދުންތަކުގެ އަދަދު އިތުރުކޮށް އެ މަސައްކަތް ދެ ޓީމަކަށް ބަހާލާފައެވެ.

ހެނދުނު 7 ޖަހާއިރު ކެއުން ތައްޔާރުކުރަން ފަށާއިރު، ކެއްކުން ކުރިއަށް ދަނީ މެންދުރު ފަހު 2:00 އާ ހަމައަށެވެ.

"މަސައްކަތުގެ މާހައުލު ދޫކޮށްފަ އަހަރެމެންނަކަށް ނުދެވޭ. އެކަމަކު ކާބޯތަކެތި ބޭނުންވާ މީހުން މެންދުރު 2:00 އިން ހަވީރު 5:00 އާ ހަމައަށް އަންނަން ބުނެފަ އޮންނާނީ."
އަބޫ އައްސީ

"ބައެއް ރައްޔިތުން އަމިއްލައަށް އިސްނަގައިގެން އެމީހުންގެ ކާރުތަކުގައި ގޮސް މި ކާ އެއްޗެހި ބަހާ ހަދާ. ކޮންމެ ކޮންމެ މީހަކީ މިތަނަށް ހިނގާފަ އަންނަން ފަސޭހަ މީހަކަށް ނުވެދާނެ. އެހެންވީމާ ކާރުތަކުގައި ގޮސް ކާ އެއްޗެހި ބަހާ މީހުންގެ ފަރާތުން ވަރަށް ފަސޭހަވޭ." އޭނާ ބުނެލިއެވެ.

ޚާން ޔުނިސްގެ ޔޫއެންއާރްޑަބްލިއުއޭ ސްކޫލްތަކުގައި ދިރިއުޅެމުންދާ ގެދޮރު ގެއްލިފައިވާ މީހުންނަށް ކެއުން ބެހުމަށް ފަލަސްތީނުގެ ވޮލަންޓިއަރުން އެހީވަނީ

ބައެއް އާއިލާތަކުން ހަމަ އެކަނި ބަތް ކޮޅެއް ކާން ލިބުނަސް ޝުކުރުވެރި ވެއެވެ. އެއީ އެމީހުންނަށް އެދުވަހު ކާން ލިބޭނެ ހަމައެކަނި އެއްޗަށްވެސް ވެދާނެއެވެ. އޭނާ އިތުރަށް ބުނީ އެއީ އެއް މުޖުތަމައެއް ކަމަށާއި އެއް ބައެއް ކަމަށެވެ.