ދައުލަތުގެ ބައެއް އިދާރާތަކާއި، ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ލިޔެކިޔުން ނައްތާލަމުންދާ މައްސަލަ އޭންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފުލުހުންގެ ސަމާލު ކަމަށް ގެނެސްފިއެވެ.

އޭސީސީއިން ބުނީ ދައުލަތުގެ ބައެއް އިދާރާތަކާއި، ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ލިޔެކިޔުން ނައްތާލަމުންދާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ހުށަހަޅާ އެކަމުގެ ކަންބޮޑުވުން ފާހަގަ ކުރަމުންދާ ކަމަށެވެ. އަދި އެކަން އެ ކޮމިޝަނަށް ވެސް އެ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމާއި ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ، އެ ކޮމިޝަނުން ހިންގާ ތަހުގީގުތަކަށް އެކަމުގެ ސަބަބުން ހުރަސްއެޅޭނެ އަމަލުތަކެއްކަމަށްވުމުން އެފަދަ އަމަލުތައް ހުއްޓާލުމަށް އެ ކުންފުނިން ވަނީ އަންގާފައެވެ. އެފަދަކަމެއް ކުރުމަށް ވަކި ފަރާތަކުން އަންގާ ހާލަތެއްގައި އެފަދަ އަމަލުތަކުން ދުރުހެލިވެ، ނަޒާހާތްތެރިކަން އިސްކުރުމަށް ވެސް އެ ކޮމިޝަނުން އެދެއެވެ.

މީގެއިތުރުން އެފަދަ އަމަލު ހިންގާ ކަމުގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބޭނަމަ އެކަމުގެ ތަފްސީލީ މައުލޫމާތު އެ ކޮމިޝަނަށް ހުށަހެޅުމަށް އެސީސީއިން ވަނީ އެދިފައެވެ.

ދައުލަތުގެ ލިޔެކިޔުމަށް ބަދަލުގެނައުމާއި، ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ، ދިވެހިރާއްޖޭގެ ގާނޫނުތަކުން ކުށްކަމުގައި ކަނޑައަޅާފައިވާ އަމަލުތަކެއް ކަން ފާހަގަކޮށް އެސީސީއިން ބުނީ އެކަންކަން ދިވެހި ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މިފަދަ އަމަލުތައް ހުއްޓުވައިދިނުމަށް ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގައި އެދިފައިވާނެ ކަމަށް ވެސް އޭސީސީއިން ވަނީ ބުނެފައެވެ.

އޭސީސީއިން މިކަން ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައި މި ވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ލިޔެކިޔުންތަކެއް ނައްތާލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ. އެ ވީޑިއޯ އާންމު ކުރި އެ ކުންފުނީގެ މުވައްޒަފު މިހާރު ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ.