އިޒްރޭލުގެ ޓޭންކަރަކުން ޖެހި އުންޑައެއް މިސްރުގެ ބޯޑަރަށް އަރައި، މިސްރުގެ ބޯޑަރު ބަލަހައްޓާ ބައެއް ގާޑުންނާ އެކު ހަތް މީހަކު ޒަހަމްވެފައިވާ ކަމަށް ދެ ގައުމުގެ އަސްކަރިއްޔާ އިން ބުނެފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކު މަރުވެފައިވާ ކަަމަށް ރިޕޯޓެއް ނުކުރެއެވެ.
މިސްރުގެ އަސްކަރިއްޔާގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އިޒްރޭލުގެ ޓޭންކަރެއް ޖެހި އުންޑައެއް އަރައި މިސްރުގެ ބޯޑަރު ބަލަހައްޓާ ބައެއް ގާޑުންނަށް އަނިޔާވެފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އައިޑީއެފް (އިޒްރޭލް ޑިފެންސް ފޯސަސް) ބުނެފައި ވަނީ، އެ ގައުމުގެ ޓޭންކަކުން ފޮނުވާލި އުންޑައެއް ގާޒާގެ ބޯޑަރުގެ ކަރީމް ސާލިމްގައި ހުންނަ މިސްރުގެ ޕޯސްޓެއްގައި ޖެހިފައިވާ ކަމަށެވެ. މި ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަމުގެ ތަފްސީލްތައް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
މިސްރުގެ އަސްކަރިއްޔާއިން، މި ހާދިސާގައި ގާޑުންތަކަކަށް އަނިޔާވެފައިވާ ކަމަށް ބުނި ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއެވެ. އިޒްރޭލުން "ނޭނގި ހިނގި ހާދިސާއާ ގުޅިގެން ވަގުތުން ހިތާމަ ފާޅުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ" ކަމަށް މިސްރުގެ އަސްކަރިއްޔާއިން ބުނެއެވެ.
ޒަހަމްވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މެޑިކަލް އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާ ނޫހުން ބުނާއިރު، އެ ނޫހުން ބުނެފައި ވަނީ ޒަހަމްވެފައި ވަނީ 7 މީހުން ކަމަށެވެ. އެ ނޫހުން ބުނި ގޮތުގައި އިޒްރޭލުން ފޮނުވާލި އުންޑަ ޕޯސްޓުގައި ޖެހުނު އަޑުފައްގަނޑަށް މިސްރުގެ ފަރާތުން ހަރަކާތްތެރިވާ އެމްބިއުލާންސްތައް އެ ސަރަހައްދަށް ދިޔަ ކަަމަށް މަންޒަރު ދުން މީހަކު ބުނެފައިވެއެވެ.
އިޒްރޭލުގެ ހަމަލާއެއްގައި ޒަހަމްވެފައި މި ވަނީ ރަފާ ބޯޑަރު ހުރަސްކޮށް ފަލަސްތީނަށް ވައްދާ އެހީގެ ޓްރަކްތައް ވެއްދުމުގެ ހުއްދަ ދީފައި ވަނިކޮށް އެތާ ކައިރީގައެވެ. ހޮނިހިރު ދުވަހުން ފެށިގެން މިހާތަނަށް 37 ޓްރަކް އެ ބޯޑަރު ހުރަސްކޮށް ފަލަސްތީނަށް ވަަދެފައިވާ ކަަމަށް އަލް އަރަބިއްޔާ ނޫހުން ބުނެއެވެ.