ރާއްޖޭގެ އާބާދީގެ އެންމެ ކުޑަ އެއް ރަށް ކަމުގައިވާ ވ. ރަކީދޫއަކީ ހިތްގައިމު ރަށެކެވެ. ރަޖިސްޓްރީގައި 369 މީހުން ހިމެނޭ ރަކީދޫގައި ދިރިއުޅެމުން ދަނީ އެންމެ 60 ހަކަށް މީހުން ނަމަވެސް އެ ރަށުގެ މީހުންނަނީ ހިތްހެޔޮ ބައެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ރަށަކީ ރަތްމަހުގެ މަސްވެރިކަމަށް މަޝްހޫރު މާގުޅީ ކަނޑާ އެންމެ ކައިރީގައި އޮންނަ ރަށެވެ. މި ރަށަކީވެސް މަސްވެރިރަށަކަށް ވާއިރު، އާމްދަނީ ހޯދުމަށް ތަފާތު އެހެން ދާއިރާތަކުގައިވެސް މީހުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

މި ރަށުގެ އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ފަންޑުކޮށްގެން ރަކީދޫގައި ގާއިމު ކޮށްފައިވާ ސޯލާ ހައިބްރިޑް ސިސްޓަމެވެ. މި ސިސްޓަމާއެކު އިއާދަކުރަނިވި ހަކަތައިން ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ އެމްޑީ ހުސައިން ފަހުމީ ވެސް ވަނީ ވިދާޅުވެފައެވެ. މި ރަށުގައި ކަރަންޓު އުފެއްދުމަށް ހައިބްރިޑް ޕީވީ-ބީއީއެސްއެސް-ޑީޖީ ސިސްޓަމެއް ގާއިމްކޮށްފައިވާއިރު އެ ސިސްޓަމުން ސޯލާއިން ކަރަންޓު އުފެއްދުމުގެ އިތުރުން، ބެޓެރީގައި ހަކަތަ ރައްކާ ކުރުމުގެ ގާބިލްކަން ހުރެއެވެ. މިއާއެކު ރަށުގެ ޖެނެރޭޓަރު ޖައްސަން ޖެހެނީ އެންމެ 2 ގަޑީރަށެވެ.

ހައިބްރިޑް ސޯލާ ސިސްޓަމަކީ ސޯލާ ޕެނަލްތަކާއި ބެޓެރީ ސްޓޯރޭޖާއި ލޯކަލް ޔުޓިލިޓީ ގްރިޑާ ގުޅުން އެއްކޮށްލާ ސޯލާ ޕަވާ ސެޓަޕްގެ ވައްތަރެކެވެ. މި ނިޒާމުގެ ސަބަބުން ދުވާލު ވަގުތު އުފައްދާ އިތުރު ސޯލާ އެނާޖީ ރޭގަނޑު ނުވަތަ ކަރަންޓް ކެނޑޭ ވަގުތުތަކުގައި ބޭނުން ކުރުމަށް ރައްކާކުރެވޭނެއެވެ. މިއީ އިތުބާރު ހުރި ނިޒާމަކަށްވާއިރު، ހައިބްރިޑް ސިސްޓަމްގެ ސަބަބުން ޑީސަލް ޖަނަރޭޓަރުތަކަށް ނުވަތަ ގްރިޑަށް ބަރޯސާވުން މަދުވެގެން ދެއެވެ. މިކަމުގެ ސަބަބުން ކަރަންޓު ހަރަދު ކުޑަވެ، ޖައްވުގެ ތެރެއަށް ކާބަން ދޫކުރާ ނިސްބަތްވެސް މަދުވެގެން ދެއެވެ.

ރަކީދޫގައި ގާއިމުކޮށްފައިވާ ސޯލާ ހައިބްރިޑް ސިސްޓަމުގެ ބެޓެރި / ފޮޓޯ: އައިޝަތު އިބްރާހިމް - ދަ ޕްރެސް

ރަކީދޫގައި ގާއިމުކޮށްފައިވާ ސޯލާ ހައިބްރިޑް ސިސްޓަމްގެ މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް އެރަށަށް ހާއްސަ ދަތުރެއް އިއްޔެ ވަނީ ކުރެވިފައެވެ. މި ދަތުރުގައި ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނިޒާމް ވަނީ މި ރަށުގައި ހަރުކޮށްފައިވާ ސޯލާއިން ރަށަށް އެކަށީގެންވާ މިންވަރަށްވުރެވެސް އިތުރަށް ކަރަންޓު ފޯރުކޮށްދެވޭ ކަމަށް ވިދާޅުވެފައެވެ. އަވިދީފައި އޮންނަ ހުރިހާ ގަޑިތަކެއްގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭނީ ސޯލާއިން ކަން ފާހަގަކުރައްވާ ނިޒާމް ވިދާޅުވީ އެއަށްފަހު ރޭގަނޑު ބެޓަރިން ކަރަންޓް ފޯރުކޮށްދޭކަމަށެވެ.

މި މުޅި ސިސްޓަމަކީ އޮޓަމެޓިކް ސިސްޓަމެއް. ސިސްޓަމް ހިނގަމުންދާ ގޮތް މުވައްޒަފުން ބަލަމުންދާނެ. އަމާޒަކީ ކުރިއަށް އޮތް ދެ ހަފްތާގައި އިންޖީނު ނުހިންގާ ސޯލާއިން އެއްކޮށް ކަރަންޓުގެ ހިދުމަތް ރަށަށް ފޯރުކޮށްދިނުން
އިބްރާހިމް ނިޒާމް

މި ރަށުގެ 12 ފުރާޅެއްގައި ސްޓެލްކޯއިން ވަނީ ސޯލާ ހަރުކޮށްފައެވެ. ނިޒާމް ވިދާޅުވިގޮތުގައި އިތުރު ދެ ގެއަކުންވެސް ވަނީ ސޯލާ ހަރުކުރުމަށް އެދިފައެވެ. ސްޓެލްކޯއިން އެރަށުގެ އެކި ސަރަހައްދުގައި ޖަހާފައިވަނީ ސޯލާގެ 270 ކިލޯވޮޓްއެވެ. ރަށުގައި ސޯލާ އާއި ބެޓަރި މެދުވެރިކޮށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭއިރު ޖެނަރޭޓަރު ހިންގާނީ ސޯލާ އާއި ބެޓަރީގެ ލޯޑް ނުހިފަހައްޓާނަމަ އެކަނިކަމަށް ނިޒާމް ވަނީ ވިދާޅުވެފައެވެ.

"ރަށުގައި މުސްތަގްބަލެއް ނެތުމުން ކަންބޮޑުވޭ"

ރަކީދޫގައި ދިރިއުޅޭ އެރަށަށް އުފަން، އަންހެނަކު އޭނާގެ އިހުސާސްތައް ބަންޑުން ކޮށްލަމުން ބުނީ ރަކީދޫއަކީ އޭނާ ވަރަށް ލޯބިވާ ރަށެއް ކަމަށާއި ރަށުގެ ހިތްގައިމު ކަމުގެ ވާހަކަ އެރަށަށް އަންނަ އެންމެން ވެސް ދައްކާކަމަށެވެ. ނަމަވެސް އޭނާ ފާހަގަކުރި ގޮތުގައި ރަކީދޫއަކީ އާބާދީގެ ގޮތުން ކުޑަ ރަށަކަށްވެފައި ސުކޫލެއް ހުރި ނަމަވެސް ކިޔަވާނެ ދަރިވަރުން ނުތިބެއެވެ. ހިތާމައާއެކު އޭނާ ފާހަގަކުރީ ރަށު ސުކޫލު ބަންދުކޮށްފައި ހުރި ކަމަށާއި ދަރިންނަށް ކިޔަވައިދޭން ކައިރި އެހެން ރަށްރަށަށް ނުވަތަ މާލެއަށް ހިޖުރަކުރަން މިއަދު މަޖުބޫރުވެފައިވާ ކަމަށެވެ.

އާދައިގެ ފެންވަރުގެ މީހުންނަށް މާލެ ފަދަ ތަންތަނަށް ދަރިން ގޮވައިން ބަދަލުވުމަކީ ބޮޑު ތަކުލީފެއްކަން ފާހަގަކޮށް އޭނާ ބުނީ އެންމެ ދެކެން ބޭނުންވާ ދުވަހަކީ އެރަށުގައިވެސް ގިނަ ބަޔަކު އާބާދުވެ ރާއްޖޭގެ އެހެން ރަށްތައް ފަދައިން މީހުން ދިރިއުޅޭ މަންޒަރު ބެލުން ކަމަށެވެ.

ރަކީދޫގެ ރައްޔިތަކު އޭނާގެ އިހުސާސްތައް ކިޔައިދެނީ / ފޮޓޯ: އައިޝަތު އިބްރާހިމް - ދަ ޕްރެސް

މި ރަށުގައި ހިނގާލުމުން ފެނިގެންދިޔައީ މަގުމައްޗަށް ކުނި ނޭޅުމަށް ހަނދާން ކޮށްދީ ކޮންމެ މަގެއްގައި ޖަހާފައި ހުރި ބޯޑުތަކެވެ. ރަށުގެ މަގުތައްވެސް ކުނިކަހާ ސާފުކޮށްފައިވާއިރު މިކަމުންވެސް އެރަށު މީހުންގެ ހީވާގި ކަމާއި ސާފްތާހިރުކަމަށް ދޭ އަހައްމިއްޔަތު ދޭހަވެއެވެ.