ރައްޔިތުން މަޖިލީހަކީ ގާނޫނު ހަދާ މަޖިލިސް ކަމަށްވާއިރު އެކަމަށް ގާބިލުކަން ހުރި ތަޖުރިބާކާރަކު ދާއިރާއަށް އިންތިހާބުކޮށްގެން ލިބޭ ފައިދާތައް މުޅި ރާއްޖެއަށްވެސް ފެންނާނެއެވެ. އެގޮތުން ދާއިރާއާއި ދާއިރާގެ ރައްޔިތުންގެ ހައްގުގައި އެންމެ ފުރިހަމަ މާނާގައި ވަކާލާތުކޮށް ހައްގުތައް ހޯދައިދެއްވުމަށްވެސް އެ މެންބަރަކު މަސައްކަތް ކުރައްވާނެ ކަމާމެދު ޝައްކެތްވެސް ކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ.
20 ވަނަ ރައްޔިތުން މަޖިލީހަށް މެންބަރަކު ހޮވުމަށް މާދަމާ ބާއްވާ އިންތިހާބާ ދޭތެރޭގައި ވިސްނާލާއިރު ވ އަތޮޅު ކެޔޮދޫ އަދި ރަކީދޫ ތަމްސީލް ކުރައްވަން ޕީއެންސީގެ ކެންޑިޑޭޓް، އަބްދުއް ރައޫފް އަކީ ރައްޔިތުންގެ މަޖިލީހުގައި ވަކާލާތު ކުރެއްވުމުގެ ގާބިލުކަން ހުންނެވި ބޭފުޅެއް ކަމާމެދު އެއްވެސް މީހަކު ދެބަހެއް ނުވާނެއެވެ.
ރައޫފަކީ ތައުލީމާއި ތަޖުރިބާގެ ގާބިލުކަން ލިބިވަޑައިގެން ހުންނެވި ކެންޑިޑޭޓެއް
ކެޔޮދޫ ސްކޫލުންނާއި އަމީރު އަހުމަދު އަދި އީޕީއެސް އިން މަދަރުސީ ހަޔާތް ނިންމަވާލެއްވި ރައޫފް ވަނީ ޝަރީއަތާއި ގާނޫނުގެ ޑިޕްލޮމާ ކޯހެއް މައުހަދުލް ދިރާސަތުލް އިސްލާމިއްޔާއިން ހާސިލް ކުރައްވާފައެވެ. އޭގެ ފަހުން އެ ދާއިރާއިން ރައޫފް ބެޗްލާސް ޑިގްރީ ހާސިލް ކުރެވީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީންނެވެ.
1999 ވަނަ އަހަރު ވަޒީފާގެ މައިދާނަށް ނިކުމެވަޑައިގެން ރައޫފް ފުރަތަމަ މަސައްކަތް ކުރެއްވީ އެޓާނީ ޖެނެރަލް އޮފީހުގެ ލީގަލް އެސިސްޓެންޓެއްގެ މަގާމުގައެވެ. ދައުލަތުގެ ގާނޫނީ ވަކީލެއްގެ ހައިސިއްުޔަތުން ކޯޓުތަކުގައި ވަކާލާތު ކުރައްވައި ދައުލަތާއި ދައުލަތުގެ ކުންފުނިތަކަށް ގާނޫނީ ލަފާ ދެއްވުމާއި ބިލްތަކާއި ގަވާއިދުތައް ޑްރާޓް ކުރެއްވުމުގައި ރައޫފް ވަނީ އުޅުއްވާފައެވެ. އަދި އަމިއްލަ ގޮތުންވެސް ބައެއް އިސް ފަރާތްތަކަށް ކޯޓުގައި ވަކާލާތު ކޮށްދެއްވައި ގާނޫނީ ލަފާ، ރައޫފް ވަނީ ދެއްވާފައެވެ.
އެސްޓީއޯގެ ކޮންޓްރެކްޓެއްގެ ދަށުން އެތަނުގެ މައްސަލަތަކުގައިވެސް ވަކާލާތު ކޮށްދެއްވާފައިވާ ރައޫފް ވަނީ ސިވިލް ކޯޓުގައިވެސް މަސައްކަތް ކުރައްވާފައެވެ. އޭގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައިވެސް 11 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި އިރު ރައޫފް ވަނީ ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްކަމާއި ޖޭއެސްސީގެ، ހައިކޯޓުގެ ފަނޑިޔާރުގެ މެންބަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ. އެއަށްފަހު ރައޫފް ވަނީ ސްޓެލްކޯގެ ލީގަލް ކޮންސަލްޓެންޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ.
ގާނޫނީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވުމަށްފަހު ރައޫފް ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގެންނެވީ މިވަގުތު ގައުމަށާއި ދާއިރާއަށް އެންމެ ރަނގަޅަށް ހިދުމަތް ކޮށްދެވޭނީ ސިޔާސީ ގޮތުން ކުރިއަށް ގޮސްގެން ކަމަށް ނިންމަވައެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޕީޕީއެމް/ ޕީއެންސީގެ ޓީމާ ގުޅިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ދުވަސްވަރު މާލެއާއި އެހެން ރަށްތަކުގައިވެސް ރައޫފް ހަރަކާތްތެރިވެ ވަޑައިގެންނެވިއެވެ.
ރައޫފް ވިދާޅުވީ ދާއިރާގެ ހައްގުގައި އޭނާ ނިކުމެވަޑައިގަންނަވަން އެ ދާއިރާގެ ގިނަ ރައްޔިތުންތަކެއް އެދުނު ކަމަށާއި އެކަމަށް ގިނަ ބަޔަކު ހިތްވަރުވެސް ދިން ކަމަށެވެ. އަދި ސިޔާސީ ދާއިރާއަށް ޝައުގުވެރިކަން ހުންނަވާ ކަން ރައޫފް ފާހަގަ ކުރެއްވިއެވެ.
ކެމްޕެއިން ނިންމަން ކުޑަ ވަގުތު ކޮޅަކަށްވެފައި ވާއިރު ރައޫފްގެ ކެމްޕެއިން ހަރަކާތްތައް ދަނީ ވަރަށް ފޯރިއާއެކު ކުރިއަށެވެ. އެއާއެކު މާދަމާ ނެގޭ ވޯޓާމެދު އޭނާގެ އުންމީދުވެސް ބޮޑެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ދާއިރާގެ ގިނަ ރައްޔިތުންނާ ރައޫފް ބައްދަލުކުރައްވާފައި ވާއިރު ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުމާއި ޝަކުވާވެސް އެބައޮތެވެ. ބޯހިޔާވަހިކަމުގެ މައްސަލައަކީ އެންމެ ބޮޑު ކަންބޮޑުވުން ކަމަށް ވާއިރު ވ. އަތޮޅުގެ ރަށްތަކަކީ އެހެން އަތޮޅުގެ ރަށްތަކާއި ބަލާފައި ކުދި ކުދި ރަށްތަކެއް ކަމުން ކޮޔޮދޫ އަދި ރަކީދޫގެވެސް އާބާދީ އާ އެއްވަރަށް ރަށުގެ ބިމެއް ނެތެވެ.
ރަށުގެ ބިންހިއްކާ އާބަދީއާ އެއްވަރަށް ގޯތި ނުވަތަ ފްލެޓް އަޅަން ބެލިޔަސް ކެޔޮދޫގައި ބިން ހިއްކެން އޮތީ ވަރަށް ކުޑަކޮށެވެ. އެ ހިއްކާ ބިމުން މިހާރު އޮތް އާބާދީއާ އެއްވަރަށް ގޯތި ނުވަތަ ފްލެޓް ދެވޭ ވަރެއް ނުވާނެއެވެ. އެހެންކަމުން އެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އެތާ ކައިރި ރަށެއް ހަމަޖުމަކީވެސް ގިނަ ރައްޔިތުން އެދޭ ކަމެކެވެ. އެ ރަށްތަކުގައި ބިން ހިއްކެން އޮތް ވަރަކަށް ބިން ހިއްކުމަކީ ރައޫފްގެ އެއްބާރުލުން ސަރުކާރަށް ލިބިގެންދާނެއެވެ.
ވ އަތޮޅަކީ ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ އަތޮޅަކަށް ވެފައި ވާއިރު ފަތުރުވެރިން ގޮވައިގެން ޕިކްނިކް ދާނެ ރަށެއް ނެތުމަކީވެސް އެ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަކީ ވޭތުވެދިޔަ ސަރުކާރުގައިވެސް ވައުދެއް ނަމަވެސް އެ ސަރުކާރުން ވައުދު ފުއްދާފައި ނުވާ ކަން ރައޫފް ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރުން ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކުގެ ފަރާތުން ލޯނު ނެގުމުގެ ދަތިކަމާއި ދަތުރުފަތުރު ކުރުމުގެ ދަތިކަމުގެ ކަންބޮޑުވުންވެސް އިންތިހާއެވެ.
އޭގެ އިތުރުން ސިއްހީ ގޮތުންވެސް އެކަށީގެންވާ ފަރުވާ ލިބުމުގެ ދަތިކަން އެ ރައްޔިތުން ފާހަގަ ކުރާއިރު ވ އަތޮޅު ހޮސްޕިޓަލްގެ ފެންވަރު ކުރިއަށްވުރެ ދަށް ކަން ރައޫފް ވަނީ ފާހަގަ ކުރައްވާފައެވެ.
އެ ހުރިހާ ކަންބޮޑުވުމަކާ އެކު ދާއިރާއަށް އެދެވޭ ގޮތެއްގައި ކުރިއެރުން ލިބުމުގައި އިހުމާލު ތަކެއް ވެފައިވާކަން އެނގެއެވެ. އެހެންނަމަވެސް ރައީސް މުއިއްޒުގެ ތަސައްވުރާއި މެނިފެސްޓޯގެ ދަށުން އެކަންކަން ހައްލުވެ، ދާއިރާގެ މުސްތަގުބަލު އުޖާލާކުރެވިދާނެ ކަމަށް ރައުފް ގަބޫލު ކުރައްވައެވެ.
ތަޖުރިބާއާއެކު ގާނޫނުތަކަށް ހެޔޮ ބަދެލެއް ގެނެވޭނެ
ރައޫފަކީ ގިނަ ބައެއްގެ ހައްގުގައި ވަކާލާތު ކުރައްވާފައިވާ ގާނޫނު އަސާސީއަށް ފަރިތަ ބޭފުޅެކެވެ. ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަކާއި ވުޖޫދުކުރަން ޖެހޭ ގާނޫނުތައް ފުރިހަމައަށް ދަންނަ ބޭފުޅަކަށް ރައޫފް ވާނެއެވެ. ގާނޫނު އަސާސީގައި ހުރި އުނިކަން ފިލުވަން މަސައްކަތް ކުރައްވާނެ މެންބަރަކަށް ރައޫފް ވާނެއެވެ.
ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ޖެހޭކަން ރައޫފް ގަބޫލު ކުރައްވާއިރު އޭނާ ވިދާޅުވީ ވާނުވާ ބަންދާއި ޖަލު ފުރުމާއި މަސްތުވާތަކެތީގެ ފަރުވާ އެކަށީގެންވާ ވަރަށް ލިބެން ނެތް ވާހަކަތަކަކީ ހައްލު ނުވެފައިވާ މައްސަލަތައް ކަމަށެވެ.
މިހާރުވެސް ކުށްތަކުގައި ދައުވާކުރެވުނު ނަމަވެސް ތަހުގީގު މަރުހަލާ ދިގުލައިގެން ދާކަން ފާހަގަކުރައްވާ ރައޫފް ވިދާޅުވީ ކުދިކުދި މައްސަލަތަކުގައި ވެސް ކަން ހިނގަނީ އެފަދައިން ކަމަށާއި މުއްދަތެއް ކަނޑައެޅިފައި އޮތް ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައެޅިގެންވާ މުއްދަތުގެ ބޭނުން އެ ތުހުމަތު ކުރެވޭ މީހާއަށް ފައިދާ ކުރި ގޮތެއްގައި ބޭނުން ކުރަމުންދާތަން ނުފެންނަ ކަމަށެވެ. އެކަމަށް އެކަށީގެންވާ ހައްލެއް ގެނެސްދެއްވުމަށް ރައޫފް މަސައްކަތް ކުރައްވާނެއެވެ.
ރައޫފް ވިދާޅުވީ ކޮންމެ ކުށެއްގައި ބަންދުކުރާ މީހުންނަކީ ތަހުގީގު ކުރަން ޖެހޭ މީހުން ނޫން ކަމަށާއި ކޮންމެ މައްސަލައަކީ ފަނޑިޔާރު ކުރިމައްޗަށް ގެންގޮސް މުއްދަތު ޖަހަން ޖެހޭ މައްސަލައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އޭގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ޓްރެފިކް ކުރުމާއި ފަރުވާ ދޭ ނިޒާމަށް އެކި ދުވަސްވަރު ގެންނަ ބަދަލުތަކާއެކު މިހާރު ފަރުވާ ދެވޭނެ މިންވަރު ބަޔާން ކުރެވެން ނެތެވެ. ރައޫފް ވިދާޅުވީ އެކަންކަމުގައި ގޮތް ކަނޑަނޭޅި ބައިވަރު މީހުން އެބަތިބި ކަމަށާއި މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް މި އޮންނަ ގާނޫނަށް ވެސް އިސްލާހު ކުރަންޖެހޭ ކަމަށެވެ.
ކެޔޮދޫ ދާއިރާގެ މުސްތަގުބަލައްޓަކައި ރައޫފް ނޫން ގޮތެއް ނެތް
ރައޫފަކީ މަޖިލީހުގައި ދާއިރާއާއި މުޅި ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކަށްވެސް ހައްލު ހޯދައިދެއްވާނެ މެންބަރަކަށް ވާނެއެވެ. ލިބިވަޑައިގެން ގާނޫނީ އިލްމާއެކު ކޯޓުތަކުގައި ވަކާލާތު ކުރެއްވުމަށް ފަހު ރައޫފް ނިކުމެވަޑައިގެން ހުންނެވީ ކެޔޮދޫ ދާއިރާގެ ހައްގުގައި މަޖިލީހުގައި ވަކާލާތު ކުރައްވަންށެވެ.
މަޖިލީހުގެ ޒިންމާގައި ބަޔާންކޮށްފައިވާ ސަރުކާރުގެ އެހެން މުއައްސަސާތަކުގެ ކަންކަން ހިނގާ ގޮތް ބަލާ ޖަވާބުދާރީ ކުރުވަން ރައޫފް ފިސާރި ފަރިތަވާނެއެވެ. ރައޫފްކީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެވޭނެ ހަމައެކަނި ކެންޑިޑޭޓެވެ. ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވައިގެން މައްސަލަތައް ހައްލުކުރަން ކެރިގެން މަސައްކަތް ކުރައްވަން ރައޫފް ހުންނެވީ ތައްޔާރަށެވެ.
ރައޫފަކީ ވަކި އުމުރެއް ޖިންސެއް ބެލުމެއް ނެތި އެންމެންނާވެސް ގުޅޭ މިތުރެކެވެ. އޭރުވެސް މިހާރުވެސް ރައްޔިތުންގެ ހާލު ބައްލަވާނެ ބޭފުޅަކަށް ރައޫފް ވާނެއެވެ. އާބާދީގެ ގޮތުގައ ކުޑަ އެ ދާއިރާއަށް ރައޫފަކީ ފަރިތަ މޫނެކެވެ. ރައޫފްގެ ނަންބަރު ދާއިރާގެ ގިނަ ބައެއްގެ އަތުގައި އޮންނާނެއެވެ. ރައޫފް އިންތިހާބުވެވަޑައިގެންފިނަމަ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެވޭނެ އޮފީހެއް މާލޭގައި ގާއިމުކުރަން ވަނީ ނިންމާފައެވެ. ރައޫފަކީ ގެއްލޭނެ މެންބަރެއް ނޫނެވެ. ގެއްލޭ މެންބަރުގެ ޝަކުވާ ނިމުމަކަށް ގެެނސްދޭނެ މެންބަރަކަށް ރައޫފް ވާނެއެވެ.
ރައޫފް އިންތިހާބުވެ ވަޑައިގެންފިނަމަ ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ އެކި އެކި މައްސަލަތުކުގައި ސަރުކާރުގެ އެހީތެރިކަމާ އެއްބާރުލުމާއެކު މަސައްކަތް ކުރައްވާނެއެވެ. ރައްޔިތުންގެ ކޮންމެ ހައްގެއް ފުރިހަމައަށް ހޯދައިދެއްވުމުގައި ރައޫފް ވަކާލާތު ކުރައްވާނެއެވެ.
ރައޫފަކީ ދެގޮތެއް ނުވާނެ މެންބަރެކެވެ. ކެޔޮދޫ ދާއިރާއަށް ރައޫފް ނޫން ޗޮއިސްއެއް ނެތެވެ.