ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ވަބާގެ ކުރިން، 2020 ގެ ޖެނުއަރީ މަހުގެ ތެރޭގައި 2 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައިގެ ވާހަކަތަކަކީ އެއްވެސް ދިވެއްސެއްގެ ހިތުން ފޮހެވިގެން ދާނެ ވާހަކަތަކެއް ނޫނެވެ. އެ ކުއްޖާގެ ހައްގުގައި އެތައް ބަޔަކު މަގުމައްޗަށް ނިކުމެ އަޑު އުފުލައި އިންސާފު ހޯދައި ދިނުމަށް އެދި ގޮވި ދުވަސް އަދިވެސް ގިނަ ބައެއްގެ ހިތްތަކުގައި ހަރުލާފައި ހުންނާނެއެވެ.

އެ ހާދިސާ ފެންމަތިވެގެން އައި ދުވަސްވަރަކީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ވާހަކަތަކުގެ އަޑުތައް ގަދަވި ދުވަސްވަރެކެވެ. ކޮންމެ ދުވަހަކު އެތައް ކޭސްއެއް ފުލުފުލުން ރިޕޯޓް ކުރަމުން ދިޔަ އިރު އެ ކޭސްތައް ދިޔައީ ހަބަރުތަކުގެ ފަލަ ސުރުހީގައި ފަވާލަމުންނެވެ. އަހަރުގެ މެދާ ހަމައަށް ދިޔައިރު މަގުމައްޗަށް ނިކުމެ އާންމުން ކުރި އިހްތިޖާޖު ތަކުގައި އެފަދަ ހާލަތްތައް ކުޑައިރު ދިމާވި އެތައް ބަޔަކު މާޒީގެ އެ ހިތި ހަނދާންތައް ހިއްސާކުރަމުން ދިޔައެވެ.

ރޭޕް ކުރުމާ ދެކޮޅަށް 2020ގައި މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން / ފައިލް ފޮޓޯ: ދަ ޕްރެސް

އެ ކަމަށް ތިން އަހަރު ފާއިތުވީ އިރު، އެ އަޑު މަޑު ވެއްޖެއެވެ. މަޑުވީ ކީއްވެ ހެއްޔެވެ. އެފަދަ ކޭސްތަކުގެ އަޑުތައް އާންމުންނާ ހަމައަށް ނާންނަނީ އެފަދަ ހާދިސާތައް ހިންގާލެއް މަދީ ހެއްޔެވެ. ނަމަވެސް އެއިން އެއްވެސް ހާލަތަކަށް މި ވަގުތު އެއްބަސްވެވޭކަށް ނެތެވެ.

އަދި ވެސް ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ކޭސްތައް ރިޕޯޓް ކުރާ މިންވަރު މަދެއް ނޫނެވެ. މިއަދު ޖެންޑާ މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ވެސް ކުޑަކުދިންނާ ގުޅުން ހުރި 213 މައްސަލައެއް މިދިޔަ ސެޕްޓެމްބަރު މަހު ރިޕޯޓް ކޮށްފައިވާ އިރު، އޭގެތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ ޖުމްލަ 92 މައްސަލައެއް ހިމެނެއެވެ.

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ / ފޮޓޯ: މަޖިލިސް

އެ 92 މައްސަަލައިގެ ތެރޭގައި ހިމެނެނީ، ޖިންސީ އަނިޔާގެ 23 މައްސަލައަކާއި އިހުމާލުގެ 20 މައްސަލައަކާއި، ގެވެށިއަނިޔާގެ އަމަލެއް ދެއްކުން ނުވަތަ ކުއްޖަކަށް ފެނުމުގެ 16 މައްސަލައެވެ. ހަަމއެއާއެކު ޖިސްމާނީ އަނިޔާގެ 15 މައްސަލައަކާއި، ނަފްސާނީ އަނިޔާގެ 3 މައްސަލައަކާއި، ފުރައްސާރައިގެ ޝިކާރައަކަށްވި 6 މައްސަލައަކާއި ކުދިންނަށް ފަރާތުން ގަނާ ލިބުމުގެ 4 މައްސަލައެވެ. އަދި ބިރު ދެއްކުމުގެ 2 މައްސަލައަކާއި މި ނޫންވެސް އެހެން އަނިޔާތަކުގެ 3 މައްސަަލައެއް ހިމެނެއެވެ.

މިދިޔަ އޮގަސްޓް މަހަށް ބަލާއިރު، ވެސް ކޭސްތައް ދައްކަނީ ސެޕްޓެމްބަރާ ގާތް އަދަދެކެވެ. އެގޮތުން އޮގަސްޓް މ،ަހު ކުޑަކުދިންނާ ގުޅުން ހުރި 254 މައްސަލައެއް ރިޕޯޓް ކޮށްފައިވާ އިރު، އޭގެތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ ޖުމްލަ 96 މައްސަލައެއް ހިމެނެއެވެ. އެ 96 މައްސަަލައިގެ ތެރޭގައި ޖިންސީ އަނިޔާގެ 18 މައްސަލައެއް ޖެންޑާއަށް ހުށަހަޅާފައި ވެއެވެ.

2021 އިން މިއަހަރު ސެޕްޓެމްބަރުގެ ނިޔަލަށް ޖިންސީ ގޯނާކުރި 797 މައްސަަލައެއް!

  • ޖެނުއަރީ 2023ގައި 27، 2022ގައި 20، 2021ގައި 42 މައްސަލަ
  • ފެބްރުއަރީ 2023ގަައި 27، 2022ގައި 23، 2021ގައި 24 މައްސަަލަ
  • މާޗް 2033 ގައި 13، 2022ގައި 40، 2021ގައި 18 މައްސަަލަ
  • އޭޕްރިލް 2033 ގައި 21، 2022ގައި 30، 2021ގައި 13 މައްސަަލަ
  • މެއި 2023 ގައި 31، 2022ގައި 31،
  • 2021 ގައި 21 މައްސަަލަ
  • ޖޫން 2023 ގައި 25، 2022ގައި 24، 2021ގައި 30 މައްސަަލަ
  • ޖުލައި 2033 ގައި 28، 2022ގައި 11،
  • 2021ގައި 12 މައްސަަލަ
  • އޮގަސްޓް 2023 ގައި 18، 2022ގައި 24، 2021ގައި 34 މައްސަަލަ
  • ސެޕްޓެމްބަރު 2033 ގައި 23، 2022ގައި 19، 2021ގައި 25 މައްސަަލަ
  • އޮކްޓޯބަރު 2022ގައި 12، 2021ގައި 30 މައްސަަލަ
  • ނޮވެމްބަރު 2022ގައި 25، 2021ގައި 29 މައްސަަލަ
  • ޑިސެމްބަރު 2022ގައި 19، 2021ގައި 27 މައްސަަލަ

2020 ވަނަ އަހަރުން ފެށިގެން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ މައްސަލަތައް ރިޕޯޓްކުރާ މިންވަރު ވަނީ މައްޗަށް ގޮސްފައެވެ. ނަމަވެސް އޭގެ މާނައަކީ އެފަދަ ކޭސްތައް އިތުރުވީ 2020 އިން ފެށިގެން ކަމަށް ބުނެވޭކަށް ނެތް ކަމަށް ޖެންޑާ މނިސްޓްރީން ބުނެއެވެ. އެމިނިސްޓްރީން ބުނެފައި ވަނީ ކޭސްތައް ރިޕޯޓްކުރާ މިންވަރު އިތުރުވެފައި ވަނީ، އާންމުން ހޭލުންތެރި ކުރުވުމަށް ހިންގާ ކެމްޕެއިންތަކުގެ ސަބަބުންނާއި، މިފަދަ މައްސަލަތަކުގައި އިންސާފް ހޯދި ދާނެ ކަމަށް އާންމުން ގަބޫލު ކުރާ މިންވަރު އިތުރު ވުމުން ކަމަށެވެ.

ޖިންސީ ގޯނާއާއި ދެކޮޅަށް އައްޑޫގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއް

2021 ވަނަ އަހަރު ތެރޭ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައިގެ ޖުމްލަ 306 ކޭސް ޖެންޑާ މިނިސްޓްރީއަށް ރިޕޯޓް ކޮށްފައިވާ އިރު، 2022 ވަނަ އަހަރު އެ އަދަދު ވަނީ 278 އަށް ދަށް ވެފައެވެ. އަދި މިއަހަރު ތެރޭ ރިޕޯޓް ކުރި ކޭސްތަކުގެ އަދަދު 213 އަށް އަރާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި އަހަރުގެ ބާކީ 3 މަސް އޮތް އިރު އެ މަސްތަކުގައި ރިޕޯޓް ކުރާ އަދަދުން މި އަހަރުގެ ރިޕޯޓް ކުރާނެ ޖުމްލަ އަދަދު އެނގިގެން ދާނެއެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 213 ރިޕޯޓް ކޮށްފައިވާ އިރު، ވޭތުވެ ދިޔަ 9 މަހަށް ބަލާނަމަ މަހަކަށް އެވްރެޖްކޮށް އެއީ 23.67 ކޭސްއެވެ. އެހެންކަމުން މިއަހަރު ނިމޭ އިރު ކޭސްތައް 284 އަރާނެ ކަމަށް ބެލެވެއެވެ.

ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ޖެންޑަ މިނިސްޓްރީ ކުރިމަތީ ކުރި މުޒާހަރާ / ފައިލް ފޮޓޯ

އެހެންކަމުން ވޭތުވެ ދިޔަ އަހަަރުތަކާ އަޅާ ބަލާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ބެހޭ ވާހަކަތައް ނުވަތަ އެކަމާ ދެކޮޅަށް އަޑުއުފުލާ މީހުން ނުފެނުމަކީ އެފަދަ ހާދިސާތައް ހިނގާލެއް މަދުވުން ކަމަކަށް ނުބެލެވޭނެއެވެ. މިއީ ރިޕޯޓް ކޮށްފައިވާ އަދަދު ކަމުގައި ވިޔަސް އަދި މި ފަދަ ހާދިސާތައް ހިނގައިފައި ވީ ނަމަވެސް ބަދުނާމުވުމުން ދުރަށް ދިއުމުގެ ގޮތުންނާއި ބްލެކް މެއިލްކޮށް ބިރު ދައްކައިގެން ނުވަތަ އިންސާފު ނުލިބިދާނެ ކަމަށް ބަލައި ރިޕޯޓް ނުކޮށް ތިބޭނެ އެތައް ކޭސްތައް އޮންނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

މިފަދަ ކޭސްތައް ބަލައި ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އާންމުކޮށް ހިނގަނީ ކުއްޖާއަށް އިތުރުބާރު ކުރެވޭ މަގާމެއްގައި ހުންނަ މީހެއްގެ ފަރާތުންނެވެ. އެއީ އާއިލާ މެންބަރެއް، ކިޔަވައިދޭ މުދައްރިސެއް، ނުވަތަ އާއިލާ އާ ގާތް ގުޅުމެއް އޮންނަ ރައްޓެއްސަކަށް ވެސް ވެދާނެއެވެ. ހަމައެއާއެކު މައިންބަފައިންނާ ނުލައި ބޭރަށް ދާ ކުދިންނަށް ވެސް ބީރައްޓެހިންގެ ފަރާތުން ވެސް މިފަދަ ކަންކަމާ ކުރިމަތިވާ ފަހަރުތައް އާދެއެވެ.