ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ލިބޭ ފަރާތްތަކަށް ގޯތި ކަނޑައި ހަވާލު ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ގިރާވަރުފަޅުން ގޯތި ލިބޭ މީހުންނަށް އަންނަނީ ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރަމުންނެވެ. މި މަސައްކަތް ނިންމާލެވޭނެ ތާރީހެއް ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވަނީ އަންނަ މަހުގެ 5 ވަނަ ދުވަހެވެ.
ވެރިކަން ބަދަލުވުމުގެ ކުރިން ގޯތީގެ ރަޖިސްޓްރީ ހުރިހާ ފަރާތްތަކަށް ދީ، ގޯތި ކަނޑައި ހަވާލު ކުރާނެ ކަމަށް މި ސަރުކާރުން ބުނެފައި ވަނީ، ގޯތީގެ ޔަގީން ކަން ދިނުމަށް، ރަޖިސްޓްރީ ދީ ބިން ކަނޑައި ހަވާލު ކުރުމުން ދެން އަންނަ ސަރުކާރަކަށް އެ ހައްގު އަތުލައި ނުގަނެވޭނެ ކަމަށް ބުނަމުންނެވެ. ނަމަވެސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ނުކުރާ އެތައް ބަޔަކު ބުނަމުން އަންނަނީ ގޯތި ގެއްލިދާނެ ކަމުގެ ބިރު އެ ބައޮތް ކަމަށެވެ. މި ފަދައިން ބައެއް ފަރާތްތަކުން ހާމަ ކުރަމުން ދިޔަ ނަމަވެސް މުއިއްޒު ވަނީ މި ސަރުކާރުން ދޭ ގޯއްޗެއް ފްލެޓެއް އަތުނުލާނެ ކަަމަށް ވައުދުވެވަޑައިގެންފައެވެ.
ނަމަވެސް މި ބިރު ބައެއް މީހުންގެ ހިތްތަކުގައި އުފެދިފައި ވަނީ، މީގެ ކުރިން ވެސް ސަރުކާރު ބަދަލުވާ މަރުހަލާގައި ކުރީ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓް ނިގުޅައިގެންފައިވާ ކަމަށް ބުނެ މާޒީގެ ވާހަކަތައް ބަޔަކު ދައްކަމުންދާތީއެވެ. އަދި މާލެ ސަރަހައްދުން ގޯތި ދޭން ބުނެ ދާއިމީ ލިސްޓް އިއުލާން ކުރި އިރު ވެސް ބައެއް ސަރަހައްދުތައް ހިއްކައި ނުނިމި އޮތުމަކީ ވެސް "ގޯތި ކަނޑު އަޑިން" ދޭން އުޅޭ ކަމަށް ބުނެ މިއީ ހުވަފެނެއް ކަމަށް ބަޔަކު ގަބޫލު ކުރި ސަބަބެއް ވެސް މެއެވެ.
މިހާރު ގިރާވަރުފަޅުން ގޯތި ލިބޭ މީހުންނަށް ރަޖިސްޓްރީ ދޫކުރަމުން އަންނަ އިރު، ގޯތީގެ ރަޖިސްޓްރީއާ ހަވާލުވާން މިއަދު ސީއެޗްސީއަށް ދިޔަ މީހަކު 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، އޭނާއަށް ގޯތީގެ ރަޖިސްޓްރީއާ ހަވާލުވާން އައުމަށް ހައުސިން މިނިސްޓްރީން ގުޅައި އޭނާއަށް އެންގީ އިއްޔެ ވަގުތެއްގައި ކަަމަށެވެ. އައިޑީ ކާޑް ހިފައިގެން މިއަދު ސީއެޗްއެސްސީއަށް ދިއުމަށް އެންގުމުން އެތަނަށް ދިޔަ ކަަމަށާއި، ކިއުގައި ވެސް މާގިނަ އިރު މަޑުކުރަން ނުޖެހުނު ކަން އޭނާ ފާހަގަ ކުރިއެވެ.
އެގްރިމަންޓްގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖެހުމަށް ފަހު ރަޖިސްޓްރީ ދޫކުރި ކަމަށާއި އަދި ވަރަށް އަވަހަށް ގޯތި ކަނޑަން ދާން ޖެހޭ ދުވަސް ބުނަން ހައުސިން މިނިސްޓްރީން ގުޅާނެ ކަމަށް ބުނެފައިވާ ކަމަށް އެމީހާ ބުންޏެވެ.
މިއަދު 1800 ވަނަ ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރި އިރު، މި މަހުގެ 14 ވަނަ ދުވަހު ގިރާވަރު ފަޅުން ގޯތި ލިބޭ މީހުންގެ ތެރެއިން 600 މީހުންނަށް ގޯތީގެ ރަޖިސްޓްރީ ވަނީ ހަވާލު ކޮށްފައެވެ. އެ ދުވަހު ގޯތި ހަވާލު ކުރި މީހުންނަށް ވެސް ވަރަށް އަވަހަށް ގޯތި ކަނޑަން ދާން ޖެހޭ ދުވަސް އަންގާނެ ކަމަށް ބުނެފައި ވީ ނަމަވެސް އަދި ގޯތި ކަނޑަން ނުގެންދާ ކަމަށް މި މަހުގެ 14 ވަނަ ރަޖިސްޓްރީ ލިބުނު މީހަކު 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުންޏެވެ. އަދި އެހާ ލަސްވާތީ، އެތަން އަދި ހިއްކާ ނުނިމެނީ ކަމަށް ސަމާސާ ރާގަކަށް އެމީހާ ބުންޏެވެ.
ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ. އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ނިންމާފައިވާ އިރު، ގުޅިފަޅުން 2،218 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ހުޅުމާލެއިން 1،351 ގޯއްޗާއި ގިރާވަރުފަޅުން 5،432 ގޯތި ދޭން ވަނީ ނިންމާފައެވެ.
މިއަދު 1800 މީހުންނަށް ރަޖިސްޓްރީ ހަވާލުކޮށްފައިވާ އިރު، ގިރާވަރުފަޅުން ދޭ 5432 ގޯތީގެ ރަޖިސްޓްރީގެ ތެރެއިން ދެން ބާކީ ރަޖިސްޓްރީ ހަވާލު ކުރަން ޖެހޭ މީހުންގެ އަދަދަކީ، 3632 އެވެ. ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މީގެ ކުރިން ވިދާޅުވެފައި ވަނީ އަންނަ މަހުގެ 5 ގެ ކުރިން ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށް ނިންމާލެވޭނެ ކަަމަށެވެ.
އެ ދުވަހަށް ބަރާބަރު ދެ ހަފްތާ ބާކީ އޮތް އިރު، ދެ ހަފްތާ ތެރޭ 3632 ގޯތީ ދޫކޮށް ނިންމަން ޖެހެއެވެ. އެއީ ހުކުރު ދުވަސް ނުހިމަނާ ހަފްތާގެ 6 ދުވަހަށް ބަހާލާނަމަ ވެސް ދުވާލަކު 400 މީހުންނެވެ.
1800 ވަނަ ގޯތީގެ ވެރިޔާއަށް ރަޖިސްޓްރީ ދޫކޮށްފައިވާ އިރު، ބައެއް ފަރާތްތަކުން އެކި ސަބަބުތަކާ ހުރެ ރަޖިސްޓްރީއާ ހަވާލުވާން ހައުސިން އިން އަންގާ މުއްދަތުގައި ނުދެވޭ ކަން ވެސް 'ދަ ޕްރެސް' އަށް ވަނީ އެނގިފައެވެ. އެފަދަ ފަރާތްތަކުން ހައުސިން އަށް ގުޅައި ރަޖިސްޓްރީއާ ހަވާލުވެ އެގްރިމަންޓްގައި ސޮއިކުރަން ދެވޭނެ ދުވަހެއް އަންގައި ނަން ނޯޓް ކުރުމަށް ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.
ބިންވެރިޔާ ސްކީމުން ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެއިންނާއި، ގުޅިފަޅު އަދި ގިރާވަރު ފަޅުންނެވެ. އެގޮތުން އެންމެ ފުރަތަމަ ހުޅުމާލެ ފޭސް 2 އިން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކޮށް ހުޅުމާލެއިން ގޯތީގެ އިން ޖަހާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ގުޅީފަޅުން އިން ޖަހައި ގޯތި ދޫކޮށް ފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.
މިނެދޭންވާނީ ޞާލިހު ވެރިކަމާ ހަވާލުވެ މިނުނު ނާޅިން
ކަނޑު އަޑިން ގޯތި ދިންނަމަވެސް އެތަނެއް ސަރުކާރުން ހިއްކާނެކަން މުޖައްރިބުތާ، ކުރިން މާލޭ ސަރަހައްދުން ގޯތި ދީފަހުރީ ސަރުކާރުން ފަޅުތެރޭ ދަނޑިޖަހާ ރޯނުދަމާފަ، ފަޅުހިއްކާ ގެވަޅުގަ އިމާރާތްކުރަން އެތަނުގަ ބިމެއް އޮންނާނެ ވަރުކުރީ އަމިއްލައަށް، މިބުނީ ބިން ހިއްކީ އަމިއްލައަށޭ.
ސްލޯ ވެރިކަން ނިމޭ އިރުވެސް ތިކަން ވާނެބާ