ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތެރޭގައި މީހުންނަށް އުނދަގޫވާ ގޮތަށް އުޅެމުން ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެންމީހާ އިމިގްރޭޝަނާ ހަވާލުކޮށްފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

މި މަހުގެ 16 ވަނަ ދުވަހު އެއާޕޯޓްތެރޭ އަޑުގަދަކުރަމުން ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޗައިނާއަށް ނިސްބަތްވާ އަންހެނެކެވެ.

އެއާޕޯޓް ތެރޭގައި އެހެން މީހުންނަށް އުދަނގޫވާ ގޮތަށް އަޑުގަދަކޮށް ތަންތަނަށް ކުޅުޖެހުން ފަދަ އަމަލުތައް ހިންގަމުން ދަނިކޮށް ހައްޔަރުކުރި މި މީހާ އިމިގްރޭޝާން އާއި ހަވާލުކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ހައްޔަރުކުރި މި އަންހެންމީހާ އާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ އެއާޕޯޓް ތެރޭގައި އަޑުގަދަކޮށް، އެފަދަ ގޮތަކަށް އަމަލުކޮށްފައި ވަނީ ވިސާގެ މައްސަލައެއް ޖެހިގެންނެވެ. އަދި މިހާރު އޭނާ ފުރުވާލާފައި ވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.