ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގަށް ފުލުހުން އެ އިދާރާއަށް ވަދެ ފާސް ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ އެ އިދާރާ ފާސް ކުރަމުންދަނީ އެފްއޭއެމްގެ މާލީ މުއާމަލާތްތަކާ ގުޅޭ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް ޕްރޮސްކިއުޓާ ޖެނެރަލް އޮފީހުގެ އެންގުމުގެ މަތިން ކޯޓު އަމުރަކާއެކު ކަމަށެވެ. "ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި ފުލުހުން މިވަގުތު ތަހުގީގު ކުރަމުން ދަނީ، އެފްއޭއެމްއަށް ބޭރުން ލިބުނު ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލައެކެވެ.

މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ބުނީ ރާއްޖެއަކީ ބޭރުގެ ޖަމިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ގައުމެއް ކަމަށާއި ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި، އިންސާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ގައުމީ މަސްލަހަތާ ސީދާގޮތުން ގުޅުން ހުރި ކަމެއް ކަމަށެވެ.

އެހެންކަމުން ބޭރުގެ އިދާރާތަކުން، ވަކި ހަމަތަކާއި އުސޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ، އެ ކަމަށް ދިވެހިރާއްޖޭގައި ހެދިފައިވާ އުސޫލުތަކާއި ގާނޫނުތަކާ ހިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް ފަހިވާގޮތަށް ބޭނުންކުރެވޭކަމުގެ ތުހުމަތެއް އޮތުމުން އެ އޮފީހުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އެއާއެކު ގާނޫނު އަސާސީގެ ދަށުން ލިބިފައިވާ ބާރުތަކުގެ ތެރެއިން އެފްއޭއެމްއަށް އެކި ފަރާތްތަކުން ފޯރުކޮށްދީފައިވާ ފައިސާ އަށް އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންގާއި، ވައްކަމާއި، ހިޔާނާތާއި، އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ، އެ ކަމެއް ތަހުގީގުކޮށް، އެ މައްސަލައިގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވާނޭ ކަމަށް އެފީހުން ވަނީ ބުނެފައެވެ.

ފުލުހުން ފާސް ކުރަމުންދާައިރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މި ވަގުތު ހުންނެވީ އެ އޮފީހުގައެވެ. އެ އިދާރާގެ ދަރަނި ބޮޑުވެފައިވާއިރު އެފްއޭއެމްގެ އިދާރީ މުވައްޒަފުންގެ އިތުރުން ނިމިދިޔަ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމާ އެކު ދިޔަ ކޯޗިން ސްޓާފުންނަށް އަދި ގައުމީ ޓީމުގެ ބައެއް ކުޅުންތެރިނަށްވެސް މުސާރަ ނުލިބޭ މައްސަލަ ވަނީ ފެންމަތިވެފައެވެ.

ނަމަވެސް އެ ތުހުމަތުތަކަށް އެފްއޭއެމް އިން އަންނަނީ ތަކުރާރުކޮށް އިންކާރު ކުރަމުންނެވެ.