ކުރިއަށް 2024 ވަނަ އަަހަރުގެ ބަޖެޓު ހެދުމުގައި އާ ސަރުކާރަށް ގޮންޖެހުންތަކެއް ހުރި ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދުގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު ފަރުމާ ކުރުމަށްވެސް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ލިބިފައި ވަނީ ވަރަށް ހަނި ޖާގައެއް ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓުގައިވެސް މައިގަނޑު ގޮތެއްގައި ހިމަނާފައި ވަނީ މިހާރު ހިނގަމުންދާ ސަރުކާރުގެ ތެރެއިން ހިންގަމުންދާ މަޝްރޫއު ތަކުގެ އިތުރުން މާލީ ޒިންމާ ތަކުގެ ތެރެއިން ކުރިއަށް އޮތް ސަރުކާރަކަށް ވާރުތަވެގެންދާ ކަންކަން ކަމަށެވެ. އެހެން ކަމުން އެ ބަޖެޓު ހެދުމަށް ގޮންޖެހުންތަކެއް ހުރި ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އިންތިހާބީ ރައީސްގެ އިތުރުން އިންތިގާލީ ޓީމުތަކުންވެސް މަސައްކަތް ކުރަމުން ގެންދަނީ އުންމީދާއެކު މިހާރު ރާއްޖެ އޮތް ހާލަތުން ފަހި ހާލަތަށް ގެންދިއުމަށް ކަމަށާއި އެ ޔަގީންކަން އިންތިހާބީ ރައީސް ވަނީ ރައްޔިތުންނަށް ދެއްވާފައި ކަން ފިރުޒުލް ފާހަގަ ކުރައްވާފައި ވެއެވެ.

މީގެ އިތުރުންވެސް ފިރުޒުލް ވިދާޅުވީ ސަޕްލިމަންޓަރީ ބަޖެޓަކީ 2023 އަހަރުގެ ބަޖެޓުން ނުފުދިގެން މި ސަރުކާރުން ބޭނުންވެގެން ހުށަހެޅި ސަޕްލިމަންޓަރީ ބަޖެޓެއް ކަމަށާއި އެކަމުގައި އިންތިހާބީ ރައީސްގެ އެއްވެސް އެދިވަޑައިގަތުމެއް ނެތް ކަމަށެވެ. ނަމަވެސް އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ހިންގުމަށް ނިންމާފައިވާ ޕްރޮޖެކްޓްތަކަށް 200 މިލިއަން ރުފިޔާ ހިމަނާފައިވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނީ 6,509.3 މިލިއަން ރުފިޔާގެ ނުވަތަ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެކެވެ. މި އަހަރަށް 42,840.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރިއިރު މި ސަޕްލިމަންޓަރީ ބަޖެޓާއެކު މި އަހަރުގެ ޖުމުލަ ބަޖެޓު 49,350.1 ބިލިއަން ރުފިޔާއަށް އިތުރު ވެގެންދާނެއެވެ.