އިޒްރޭލުގެ ކޮންޓްރޯލް ނެތް ހަމައެކަނި މަގު، ރަފާ އާއި މިސްރު ގުޅޭ މަގުން އެހީގެ ތަކެތި ގާޒާއަށް ވައްދަން މިސްރުން އެއްބަސްވެ މަސައްކަތް ފަށައިފިއެވެ.
ކާބޯތަކެއްޗާއި އެހެނިހެން އެހީގެ ސާމާނުން ބަރާކޮށްފައި އޮތް ވިހި ޓްރަކް މިހާރުވެސް އެ ކްރޮސިން [ބޮޑަރުގައި] އޮތް އިރު އެތަކެތި ގާޒާއަށް ނުވެއްދި ލަސްވަނީ އިޒްރޭލުން ހުރަސް އެޅުމާއި އެ ބޯޑަރު ހުޅުވާލަން މިސްރުން ދެކޮޅު ހަދަމުން ދާތީއެވެ.
މިސްރުން ބުނަނީ އެ ބޯޑަރުގައި ގިނަ އަދަދެއްގެ އާންމުންވެސް ތިބުމާއެކު ބޯޑަރު ހުޅުވާލުމާއެކު އާންމުން މިސްރަށް ވަނުމަކީ ހުއްދަދެވޭނެ ކަމަކަށް ނުވުމާއި، ބޯޑަރަށް އަމާޒު އިޒްރޭލުން މިސައިލް ހަމަލާ ދީފައި ވުމުން އެ މަގުގައި ހުރީ މުޅިން ވަޅުގަނޑުތައް ހެދިފައި ކަމަށް ވުމުން ދަތިތަކާ ދިމާވެފައި ވާ ކަމަށެވެ.
ނަމަވެސް މިހާރު، އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އާ ދެމެދު ކުރެއްވި މަޝްވަރާތަކަށް ފަހު މިހާރުން ފެށިގެން މިރެއާއެކު މަގު މަރާމާތުކޮށް މާދަމާ އެހީގެ ފުރަތަމަ ޝިޕްމަންޓް ވައްދަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
ރަފާ ކްރޮސިން އިން އެހީގެ ތަކެތި ވެއްދުމަށް ވާރު އަަޅާ އދ ގެ އިންސާނި ހައްގުތަކާ ބެހޭ ބައިންވެސް މަސައްކަތްތައް ކުރަމުން އެބަގެންދެއެވެ. އެގޮތުން ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާ މަޝްވަރާ ކުރާ ކަމަށާއި އެހީގެ ތަކެއްޗާއި މުވައްޒަފުން ތައްޔާރަށް ތިބި ނަމަވެސް އިޒްރޭލުން ހުއްދަ ނުދީގެން އުޅޭ ކަމަށްވެސް ބުނެފައި ވެއެވެ. އަދި އިންސާނީ އެހީ ގާޒާއަށް ވެއްދޭނީ ބަލައި ފާސްކޮށްފައި ކަމަށާއި އެ އެހީ ހަމާސްގެ އެއްވެސް މެންބަރަކަށް ލިބިއްޖެ ނަމަ އެހީ ފޯރުކޮށްދިނުން ހުއްޓުވާނެ ކަމަށް އިޒްރޭލުން ބުނާ ކަމަށް ވެސް އެޖަމާއަތުން ބުނެއެވެ.
ގާޒާގެ ރައްޔިތުން ބޯފެނާއި ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ޖެހި ހައިހޫނު ކަމުގައި ތިބޭތާ ދެހަފްތާ ވަނީއެވެ. އދ ގެ އިދާރާއިން ބުނާގޮތުން މިވަގުތު ގާޒާގައި ހުރީ ކޮންމެ މީހަކަށް ދުވާލަކަށް އެންމެ 1 ލީޓަރުގެ ފެނެއެވެ. އެ ލިބެނީވެސް ނަސީބު ރަނގަޅު މީހަކަށް ކަމަށާއި ގިނަ ކާބޯތަކެއްޗާއި، އަނިޔާވުމުން ބޭނުން ކުރާ ޕެއިން ކިލާ ހުރީ ހުސްވެފައި ކަމަށް ވެސް ބުނެއެވެ. ހުޅުވާފައި ހުރި ފިހާރައެއްގައި ބޯލާނެ ކިރު ޕެކެޓެއް، ފުޅިއެއްވެސް ނެތެވެ.
ގާޒާގެ 2.2 މިލިއަން މީހުން އަސާސީ ހައްގުތަކުން މަހުރޫމުކޮށް އަނިޔާ ދެމުން ގެންދާ އިރު، އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ހާއްސަ އިންތިޒާމްތަކެއް ގާއިމުކުރުމަށް ގޮވާލައި ރަޝިއާ އާއި ބްރެޒީލް އިން އދ ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރުތައް ވަނީ އެމެރިކާއިން ވީޓޯކޮށް ފާސްވިޔަ ނުދީފައެވެ.
އިޒްރޭލުން ގާޒާގެ ވައިގެ މަގާއި އެއްގަމާއި ކަނޑު މަގު ހިފަހައްޓާ، ކޮންޓްރޯލް ކުރަމުން ގެންދާތާ 17 އަހަރު ވެއްޖެއެވެ.
އެ މުއްދަތުގައި ގާޒާއަށް އެއްވެސް އެއްޗެއް [އެހީއެއް] ވެއްދެނީ އިޒްރޭލުގެ ޗެކްޕޮއިންޓްތަކުން ބަލައި ފާސްކުރުމަށް ފަހުއެވެ. އެހެން ގޮތަކަށް ބުނާނަމަ ގާޒާ ދުނިޔެއާ ވަކިކޮށްލާފައި އޮންނަތާ 17 އަހަރު ވީއެވެ.