ފަލަސްތީނުގެ މުސްލިމުންނަށް ދިވެހިން ހަދިޔާ ކުރި ފައިސާގެ ތެރެއިން ފަލަސްތީނުގެ 200 އާއިލާއަކަށް ނަގުދު ފައިސާ ބަހައިފިއެވެ.

މިފައިސާ ބަހާފައިވަނީ ފަލަސްތީނުގައި ހަރަކާތްތެރިވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އޭއައިސީ) ޓީމުގެ މެންބަރުންނެވެ. އެކަން ހިއްސާ އެ ޖަމިއްޔާއިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ނަގުދު ފައިސާ ބަހާފައި ވަނީ ފަލަސްތީނުގެ ވަރަށް ގިނަ އާއިލާތަކުގެ އެދުމުގެ މަތިން ކަމަށެވެ.

އަދި ފައިސާ ބެހި ސަރަހައްދު ތަކަކީ މާރުކޭޓާއި ފިހާރަތައް އަދިވެސް ހުޅުވި، މަސައްކަތްކުރާ ސަރަހައްދުތަކެއް ކަމަށް އޭއައިސީން ވަނީ ބުނެފައެވެ. އެހެންކަމުން 200 އާއިލާއަކަށް 500 ޑޮލަރުގެ މަގުން ފައިސާ ބަހާފައިވާ ކަމަށް އައިއޭސީ އިން ވަނީ މައުލޫމާތު ދީފައެވެ. އަދި ފައިސާ ދިން އާއިލާ ތަކުގެ ތެރޭގައި ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި ފަރާތްތަކުގެ އާއިލާގެ އިތުރުން އެއްކޮށް ގެ ހަލާކުވެފައިވާ އާއިލާތައް ވެސް ހިމެނޭ ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ.

އައިއޭސީގެ ޓީމުން ފަލަސްތީނުގެ އާއިލާތަކަށް ފައިސާ ބަހަނީ / ފޮޓޯ: އައިއޭސީ

ދިވެހި ޖަމިއްޔާއެއް ކަމަށްވާ އައިއޭސީން ވަނީ ފަލަސްތީނުގެ މުސްލިމުންނަށް އެހީ ވުމަށް ފަންޑު ފޮށި ހުޅުވާ، ދިވެހިންގެ އެހީ އެ މީހުންނަށް ފޯރު ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ޖިހާދު ކުރާ ހަމާސް ޖަމާއަތާއި އިޒްރޭލު ސިފައިންނާ ދެމެދު ހަމަލާތައް ބަދަލު ކުރަން ފެށިފަހުން މިއީ ނަގުދު ފައިސާ ބެހި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އިޒްރޭލުގެ ޔަހޫދީންގެ ހަމަލާތައް މެދު ނުކެނޑި ގާޒާއަށް ދެމުންދާއިރު ގިނަ އަދަދެއްގެ ކުށެއް ނެތް ކުޑަކުދިންނާއި އާންމުން ވަނީ ޝަހީދު ކޮށްލާފައެވެ. އަމިއްލަ ގައުމު ދިފާއު ކުރުމަށް ކަމަށް ބުނެ އިޒްރޭލުން ހަމަލާތައް ދެމުން ދާއިރު އެ ހަމަލާތަށް މިހާރު ވަނީ ހައްދު ފަހަނައަޅާ ގޮސްފައެވެ.

އިޒްރޭލުގެ އުދުވާނީ ހަމަލާތަކުގެ އަމާޒަކަށް ގާޒާގެ ރައްޔިތުން މީގެ ކުރިންވެސް ވެފައިވާއިރު ދިވެހިން ދަނީ އެމީހުންނަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެ ޖަމިއްޔާ މެދުވެރިކޮށް، މީގެ ކުރިން ވެސް ދިވެހިން އެތައް މިލިއަން ރުފިޔާއެއް ފަލަސްތީނަށް ވަނީ ހަދިޔާކޮށްފައެވެ.

އިޒްރޭލުން ދިން ހަމަލާގައިޒަހަމްވި މީހުން ސަލާމަތް ކުރަނީ / ފޮޓޯ: އޭއެފްޕީ

ގާޒާއަށް އެހީވުމަށް:

އެކައުންޓު ނަމްބަރު: 7770000062741

އެކައުންޓު ނަން: އިންޓަނޭޝަނަލް އެއިޑް ކެމްޕޭން

އައިއޭސީ އަކީ ރާއްޖެއިން ބޭރުގައި ގުދުރަތީ ކާރިސާތަކުގެ އިތުރުން އެހެނިހެން ގޮތްގޮތުން ހާލުގައި ޖެހޭ އެކި ގައުމު ތަކުގެ މީހުންނަށް މީގެ ކުރިންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމްއިއްޔާއެވެ. އަދި މި ޖަމްއިއްޔާގެ އެންމެ ބޮޑު އެއް އަމާޒަކީ އެންމެނަށްވެސް ދެމެހެއްޓެނިވި ރަނގަޅު ދިރިއުޅުމެއް ފޯރުކޮށް ދިނުމެވެ. އަދި މި އެހީތެރިކަމުން 12 ޕަސެންޓު ކެމްޕޭން ހިންގައި ބެލެހެއްޓުމާއި ދެމެެހެއްޓުމާއި އިދާރީ ހިންގުމާއި ތަރައްގީއަށް ނަގާނެ ކަމަށް އޭއައިސީން ވަނީ ބުނެފައެވެ.