ގާޒާއަށް މިސްރުން ފޯރުކޮށްދޭ އިންސާނީ އެހީ ރަފާ ބޯޑަރު ހުރަސްކޮށް ވަނުމުގެ ފުރުސަތު ދެވޭނީ ހަމާސް އިން ރަހީނު ކޮށްފައި ތިބި މީހުން ދޫކޮށްލުމުން ކަމަށް އިޒްރޭލުން ބުނެފިއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން މިކަން ހާމަކޮށްފައި ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އެ ގައުމަށް ކުރެއްވި ދަތުރުފުޅަށް ފަހު އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، މިސްރުން ފޯރުކޮށްދޭ އިންސާނީ އެހީ ގާޒާއަށް ގެންދާ އިރު ބަލައި ފާސްކުރާނެ ކަމަށާއި އެ އެހީ ހަމާސްގެ މެންބަރަކަށް ލިބިއްޖެ ނަމަ އެހީ ވެއްދުން ހުއްޓުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ގާޒާގެ ދެކުނުގައި ދިރިއުޅޭ އާންމުންގެ އާބާދީއަށް ހަމައެކަނި ކާބޯތަކެއްޗާއި ފެނާއި ބޭސް ލިބޭހާ ހިނދަކު އިޒްރޭލުން މިސްރުން ފޯރުކޮށްދޭ އިންސާނީ ސަޕްލައިއަށް ހުރަސް ނާޅާނެ ކަމަށް އެ ބަޔާނުގައި ބުނެއެވެ. އަދި ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭން ފުރުސަތު ދޭނީ ހަމާސް އިން ރަހީނުކޮށްފައި ތިބި އިޒްރޭލުގެ މީހުން ދޫކޮށްލުމުން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އިޒްރޭލުން މިގޮތަށް ނިންމާފައި މި ވަނީ ގާޒާއަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ގޮވާލައި ބައިނަލްއަގްވާމީ ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ގެއްލުން ވެފައިވާ ރަފާ ބޯޑަރު ހުރަސްކޮށް ގާޒާއަށް އެހީ ވައްދަން ފަށާނީ ކޮން އިރަކު ކަމެއް އަދި ނޭނގެއެވެ. ނަމަވެސް އެ ބޯޑަރުގައި އެހީގެ ތަކެއްޗާއި އޮފިޝަލުން މިހާރުވެސް ތިބީ ތައްޔާރީ ހާލަތުގައެވެ.

އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 3300 އިން މައްޗަށް ގޮސްފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 13000 އަށް އަރާފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ރިޕޯޓްތަކުން ބުނާއިރު، މިހާތަނަށް 1500 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައި ވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

އިޒްރޭލުން ގާޒާއަށް ހަމަލާތައް ދެމުން އަންނަ އިރު އެ ގައުމުގެ ރައްޔިތުންނަށް ފެނާއި ކަރަންޓާއި އިންޓަނެޓް ވެސް ވަނީ ކަނޑާލާފައެވެ. ހަމައެއާއެކު ކާބޯތަކެތީގެ ދަތިކަމާއި ބޭސް ލިބުމުގެ ދަތިކަމާ ވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ.

މިރޭ އދ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވިދާޅުވީ، އެ އިދާރާގެ 40،000 އެއްހާ އޮފިޝަލުން މިހާރުވެސް ގާޒާގައި ހަރަކާތްތެރިވާ ކަމަށާއި އެމީހުންނާއެކު އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ގިނަ އަދަދެއްގެ ވޮލަންޓިއަރުންވެސް ހަރަކާތްތެރި ވާ ކަމަށެވެ. އަދި އެހީގެ ތަކެއްޗާއި ބޭސްވެސް އެބަހުރި ކަމަށާއި ހަމަނުޖެހިގެން އުޅޭ ހަމައެކަނި ކަމަކީ އިޒްރޭލުން ހުއްދަ ނުދޭތީ ބޯޑަރު ހުރަސްކޮށް އެތަކެތި ވެއްދުން ކަމަށެވެ.

ގާޒާގެ މިވަގުތުގެ ހާލަތު ބަޔާން ކޮށްދެއްވަމުން މާޓިން ގްރިފިތް ވިދަޅުވީ މިވަގުތު ގާޒާގެ ރައްޔިތުންނަށް ލިބެން ހުރީ މީހަކަށް ދުވާލަކަށް އެންމެ 1 ލީޓަރުގެ ފެން ކަމަށެވެ. ބުއިމާއި އެހެނިހެން ބޭނުން ތަކަށް އިންސާނަކަށް ދުވާލަކު މަދުވެގެން 15 ލީޓަރުގެ ފެން ބޭނުންވާ ކަމަށާއި، ލިބޭ 1 ލީޓަރުވެސް ލިބެނީ ނަސީބު ހުރި މީހަކަށް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ކަރަންޓާއި ކާބޯތަކެއްޗާއި ބޭސް ހުސްވެފައި ވާ އިރު، ގާޒާއިން ވާހަކަ ދެއްކި ޑޮކްޓަރަކު ބުނީ، މުޅި ގާޒާއިން ޕެއިން ކިލާ ވަނީ ހުސްވެފައި ކަމަށާއި އައިވީއާއި އެނޫންވެސް ސިއްހީ ސާމާނުވެސް ހުރީ ވަރަށް މަދުން ކަމަށެވެ.