ރާއްޖޭގެ ދެކުނުގެ ރަށެއްގައި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ރޭޕްކޮށް ބަލިވެ ބޭންދި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ގއ. ގދ. އަތޮޅުގެ އިތުރުން އައްޑޫ އަދި ފުވައްމުލައް ސިޓީ ހިމެނޭހެން ދެކުނަށް ނިސްބަތްވާ އަތޮޅުގެ ރަށެއްގައި ކުޑަ ކުއްޖަކު ބަލިވެ ބޭންދި މައްސަލައެއް ފުލުހުން ބަލަން ފަށާފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 14 ވަނަ ދުވަހު ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ކުއްޖާގެ މަންމަ އޭރު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާގެ ދަރިފުޅު ބަނޑު ބޮޑު ކޮށްލުމަށް ފަހު ދަރިފުޅުގެ ބަނޑުގައި އޮތް ތުއްތު ދަރިފުޅު ބޭސް ދީގެން މަރާލަން މަސައްކަތް ކޮށް ނުވެއްޓުނީމައި އެކަން ކުރި ބަޔަކު އޭނާ ކައިރީ އެވާހަކަ ދެއްކި ކަމަށެވެ. އަދި އެ ވަގުތު ފުލުހަށް މައްސަލަ ހުށަހަޅި ނަމަވެސް އެ މައްސަލައިގައި ފުލުހުންގެ މާ ބޮޑު އެއްބާރު ލުމެއް ލިބެމުން ނުދާ ކަމަށް ކުއްޖާގެ މަންމަ ވަނީ ބުނެފައެވެ.

މި މައްސަލަައިގައި ފުލުހުންނާއި ޖެންޑާގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ ކުއްޖާގެ މަންމަ ވަނީ ކަމާ ބެހޭ އިދާރާތަކަށް ތުހުމަތުގެ އިނގިލި ދިއްކޮށްފައެވެ. އަދި މި މައްސަލަ ފުލުހުންނާއި އެހެން އިދާރާތަކުން އޮއްބާލަން މަސައްކަތް ކުރާ ކަމަށާއި އެ ކުއްޖާއަށް އިންސާފު ލިބޭނެ ކަމާމެދު ކުއްޖާގެ މަންމަ ވަނީ އޭރު ސުވާލުވެސް އުފައްދާފައެވެ.

ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތައް އިތުރު ވަމުން ދާއިރު މިކަންކަމަށް އެދެވޭ ހައްލެއް ހޯދާ ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ނުކުޅެދިފައެވެ. މިފަދަ އަމަލުތައް ގިނަ ފަހަރު ހިންގަނީ ކުދިންގެ އިތުބާރު ލިބޭ ފަދަ މަގާމުތަކެއްގައި ތިބޭ މީހުންކަން ފާހަގަ ކޮށްލެވެއެވެ.