ހައްދުފަހަނަޅާފައިވާ އިޒްރޭލުން، ފަލަސްތީނުގެ ގަޒާއަށް ދެމުންދާ ހަމަލާއާ ގުޅިގެން އެކަން ކުށްވެރިކޮށް އަދި ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އދގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރަށް ވޯޓު ނުދީ، ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް 10 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ފޮނުވާނެ ކަމަށް ޖަޕާނުގެ ހާރިޖީ ވަޒީރު ޔޯކޮ ކަމިކަވާ ވިދާޅުވެއްޖެއެވެ.
އީރާންގެ ހާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުއްލަހްޔާން އަށް ފޯނުން ގުޅުއްވާ ޔޯކޮ ވަނީ ފަލަސްތީނުގެ މަޝްރަހާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ގޮތުން ޔޯކޮ ވަނީ ހަމާސް ޖަމާއަތާ ގުޅިގެން މި ހާލަތު ބަދަލުކޮށް ސުލްހަ ގާއިމުކުރުމަށް މަޝްވަރާތައް ކުރުމަށް ހުސައިން އާމިރު އަބްދުއްލަހްޔާން ގެ އަރިހުން އެދިވަޑައިގެންފައެވެ.
މީގެ އިތުރުން 20 މިނިޓްގެ މި ކޯލުގައި ޔޯކޮ ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް 10 މިލިއަން ރުފިޔާ ފޮނުއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި 10 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދޭނެ ކަން އިޒްރޭލަށް ވެސް އަންގަވާފައި ވާނެކަމަށް ޔޯކޮ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ދެ ގައުމުގެ ހާރިޖީ ވަޒީރުން ވަނީ ގާޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖްތަމައުގެ އެހީތެރި ކަމަށް އެދިވަޑައިގުމަށް ވެސް އެއްބަސްވެ ވަޑައިގެންފައެވެ.
ޖަޕާނުގެ އިތުރުން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެސް ވަނީ ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މި ގޮތުން ހަމާސް ޖަމާއަތުގެ އިސްވެރިޔާ އިސްމާއީލް ހަނިއްޔާއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކައިގައި އަންވަރު ވަނީ ފަލަސްތީނަށް ކާބޯތަކެއްޗާއި ބޭސް ފޯރުކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ޔަހޫދީ އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 3000 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައި ވާއިރު މިލިޔަނަކަށް ވުރެ ގިނަ މުސްލިމުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
މިދިޔަ ހޯމަ ދުވަހު ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރުގައި ގާޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށާއި އިޒްރޭލުން އާންމު ރައްޔިތުންނަށް އަމާޒުކޮށް ކުރިއަށް ގެންދާ އުދުވާންތަކާއި އެންމެހައި ނިރުބަވެރި އަމަލުތައް ކުށްވެރިކޮށް، ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމަށާއި އެއްވެސް ހުރަހެއް ނެތި އިންސާނިއްޔަތުކަމުގެ އެހީ ގާޒާއަށް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް ގޮވާލައިފައި ވެއެވެ.
ސަލާމަތީ މަޖިލީހުން ގަރާރު ފާސްކުރުމަށް ބޭނުންވާ އަދަދަށް ވޯޓު ނުލިބުނު އިރު މިގަރާރާ އެއްކޮޅަށް ވޯޓު ދިނީ 5 ގައުމަކުންނެވެ. ދެކޮޅަށް ވޯޓުލީ 4 ގައުމުގެ ތެރޭގައި ޖަޕާން ހިމެނޭ އިރު ދެން އެލިސްޓުގައި ހިމެނެނީ، އެެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތެވެ.