ރޭގެ ވަގުތެއްގައި އިޒްރޭލުން ގާޒާގެ ހޮސްޕިޓަލަކަށް ދިން އުދުވާނީ ހަމަލާ ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.
އިޒްރޭލުގެ ޔަހޫދީން ބޮން އަޅާ ގޮއްވާލާފައި ވަނީ ގާޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލަށް ހަމަލާދިން އިރު އެ ތަނުގައި ގިނަ އަދަދެއްގެ ބަލި މީހުންނަށް ދިޔައީ ފަރުވާ ދެމުންނެވެ.
އަދި ހަމައެހެންމެ އެ ހަމަލާ އަމާޒު ކުރި ވަގުތަކީ އެ ހޮސްޕިޓަލުގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާންމުން ވަގުތީ ގޮތުން ހިޔާވަހިކަން ހޯދައިގެން ތިބި ތަނެއް ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެއެވެ. މި އަނިޔާވެރި ހަމަލާގައި 800 އަށްވުރެ ކުށެއް ނެތް ކުޑަކުދިންނާއި އާންމުން ވަނީ ޝަހީދުވެފައެވެ.
އެކަން ކުށްވެރިކޮށް މިއަދު ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އާންމު ރައްޔިތުންނަށް އަމާޒުކޮށް، ހޮސްޕިޓާތަކާއި އާންމު ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރާ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަދި އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ.
އަދި ފަލަސްތީނުގެ ކުށެއް ނެތް އާންމު ރައްޔިތުންނާ ދެކޮޅަށް އެއްވެސް ރަހުމެއް ނެތި ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހިރާއްޖެއިން ގޮވާލި ގޮވާލުން ވަނީ ތަކުރާރު ކޮށްފައެވެ. މީގެ އިތުރުންވެސް ގާޒާއަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯތަކެއް ހުޅުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް އަވަސްކުރުމަށް ވެސް ދިވެހިރާއްޖެއިން ގޮވާލާފައިވެއެވެ.
އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގެ ޝިކާރައަކަށް މައުސޫމް ގިނަ ކުޑަ ކުދިންނާއި އާންމުން ވަމުންދާތީ ރާއްޖެއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރޭ ގާޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ދިން ހަމަލާ ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މި ހަމަލާއާ ގުޅިގެން ފަލަސްތީނު އޮތޯރިޓީ (ޕީއޭ) ގެ ރައީސް މަހްމޫދު އައްބާސް ވަނީ ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާން ކުރައްވާފައެވެ. މި ހާދިސާއާ ގުޅިގެން ބައެއް ގައުމުތަކުގައި އަޑު އުފުލާ، އިހުތިޖާޖު ވެސް ވަނީ ކޮށްފައެވެ. އަދި ގިނަ ބަޔަކު ޔަހޫދީން ދިން ހަމަލާ ކުށްވެރިކޮށް ސޯޝަލް މީޑިއާގައި ވެސް އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ.
އެހަމަލާގެ ޒިންމާ ނުނަގާނެ ކަމަށާއި އެއީ އިސްލާމިކް ޖިހާދުގެ ފަރާތުން އަމާޒު ކުރި ހަމަލާއެއް ކަމަށް ބުނެ ހައްދު ފަހަނަ އަޅާފައިވާ އިޒްރޭލުގެ އސްކަރިއްޔާއިން ވަނީ ބުނެފައެވެ. ނަމަވެސް އެއާ ހިލާފަށް އިސްލާމިކް ޖިހާދުން ބުނެފައި ވަނީ އެއީ އެ ޖަމާއަތުން ދިން ހަމަލާއެއް ނޫން ކަމަށާއި އޭގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭ ފަރާތަކީ އިޒްރޭލުގެ އަސްކަރިއްޔާ އިން ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.
މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ހަނގުރާމަވެރި ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ހަމަލާތައް ބަދަލު ކުރަން ފަށާފައެވެ. އަމިއްލަ ގައުމު ދިފާއު ކުރުމަށް ކަމަށް ބުނެ އިޒްރޭލުން ހަމަލާތައް ދެމުންދާއިރު އެ ހަމަލާތަށް މިހާރު ވަނީ ހައްދު ފަހަނަ އަޅާ ގޮސްފައެވެ.