އިޒްރޭލުން، ފަލަސްތީނުގެ ގާޒާއަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީމަށް ހުޅުވި ފަންޑަށް 12.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހިންގާ 'ގާޒާ އެމަޖެންސީ ރިލީފް ފަންޑަށް' ފައިސާ ހޯދުމަށް މީޑިއާތަކުން ވަނީ އިއްޔެ "އަހަރެމެން ފަލަސްތީނާއެކު" ނަމުގައި 13 ގަޑިއިރުގެ ޓެލެތޯނެއް ކުރިއަށް ގެންގޮސްފައެވެ.

ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ކުރިއަށް ގެންދިޔަ ޓެލެތޯންގައި އޮންލައިން ޓްރާންސެކްޝަން ތަކުން 12.5 މިލިއަން ރުފިޔާ ލިބިފައި ވާއިރު 8300 އަށް ވުރެ ގިނަ ޑޮލަރު އެހީގެ ގޮތުގައި ލިބިފައި ވެއެވެ. މި ޓެލެތޯން އިންތިޒާމު ކުރި ފަރާތުން ބުނީ ފަންޑު ފޮށިތަކުން ލިބުނު ފައިސާ ގުނައި ނިމުމުން މި އަދަދު އިތުރުވެގެން ދާނެކަމަށެވެ.

މި ޓެލެތޯންގައި ކުންފުނިތަކާ، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ވަނީ ބައިވެރި ވެފައެވެ. މިގޮތުން މާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށި ބަހައްޓައިގެން، ފައިސާ ހޯދުން ކުރިއަށް ގެންގޮސްފައި ވާއިރު ސައިިކަލު ދޮވުމާއި، ކޭކާއި ހެދިކާ އާއި އެކި ކަހަލަ ސާމާނު ވިއްކައިގެން ލިބުނު ފައިސާވެސް މި ފަންޑަށް ވަނީ ޖަމާކޮށްފައެވެ.

އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 3000 އަށް އަރާފައި ވާއިރު ޒަހަމްވި މީހުންގެ އަދަދު ވަނީ 12500 އަށް އަރާފައެވެ.