ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުގައި ހުށަހަޅާފައިވާ "އިންޑަސްޓްރިއަލް ރިލޭޝަންސް" ބިލު ހުށަހެޅިތާ ގާތްގަނޑަކަށް ހަތް މަސް ފަހުން، މަޖިލީހުން ބަލައިގަންނަން ނިންމައި، އިގްތިސޯދީ ކޮމިޓީ އަށް މިއަދު ފޮނުވައިފިއެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް މިދިޔަ މާޗް މަހުގެ 19 ގައި ހުށަހެޅުއްވި ބިލު މަޖިލީހަށް ބަލައިގަންނަން ނިންމީ ވޯޓުގައި ބައިވެރިވި 43 މެންބަރުންގެ ވެސް އިއްތިފާގުންނެވެ. އެހެންކަމުން އެ ބިލު ބަލައިގަނެ، ރިޔާސަތުން ވަނީ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ދިރާސާކުރުމަށް ފޮނުވައިފައެވެ.

މި ބިލު ހުށަހަޅާފައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފައްދައި އެފަދަ ޖަމިއްޔާތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުންނެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލަށް ބަހުސްކުރެއްވި ގިނަ މެންބަރުން ވަނީ ބިލުގެ މަސައްކަތްތައް ނުކުރެވި ގިނަ ދުވަސްތައް ފާއިތުވެގެން ގޮސްފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިއީ މުހިންމު ބިލެއް ކަމަށް، ބިލަށް ބަހުސްކުރެއްވި ގިނަ މެންބަރުން ވިދާޅުވެފައިވެއެވެ.

އެގޮތުން އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު ހުށަހެޅުއްވި ޝަރީފް ވިދާޅުވީ، އިންޑަސްޓްރިއަލް ރިލޭޝަންސް ބިލަކީ މަސައްކަތްތެރިންގެ ހައްގުތަކާއި ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާގައި ތިބޭ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ބިންގަލެއްގެ މައްޗަށް ގާއިމްކުރުމަށްޓަކައި މުހިންމު ބިލެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފެހި ގާނޫނުއަސާސީ ތަސްދީގުކުރެވިގެން ދިޔަތާ 15 އަހަރު ވީ އިރު ވެސް، ގާނޫނުއަސާސީގެ ދަށުން މަސައްކަތްތެރިންގެ ހައްގުތަކާއި އެ މީހުންގެ އުޖޫރަ ކަނޑައެޅުމާއި އަދި މަސައްކަތުގެ މާހައުލުގައި މަސައްކަތްތެރިންނަށް ލިބިދޭ ހައްގުތައް ކަށަވަރުކޮށް ރައްކާތެރިކުރުމަށްޓަކައި ފާސްކުރަން ޖެހޭ ގާނޫނު މިއަދާ ހަމައަށް ވެސް ފާސްކޮށްފައި ނުވާ ކަމަށެވެ.

ހަަމަ އެހެންމެ، އިންޑަސްޓްރިއަލް މަސައްކަތްކުރާ ފަރާތްތަކާއި އިގްތިސޯދުގެ އެކި މަސައްކަތްތައް ކުރާ ފަރާތްތަކާއި އެ ފަރާތްތަކުގެ ހައްގު ހިމާޔަތްކުރުމާއި، ވަޒީފާ ދޭ ފަރާތްތަކާއި އެ ފަރާތްތަކުގެ ވަޒީފާ އަދާކުރާ ތަންތަނުގެ ގުޅުން އެކަށީގެންވާ ގާނޫނީ ބިންގަލެއްގެ މަތީގައި އޮތުމަށްޓަކައި އޮންނަ ގާނޫނެއް ވެސް ނެތްކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ޝަރީފަށް ފަހު އިންޑަސްޓްރިއަލް ރިލޭޝަންސް ބިލަށް ވާހަކަ ދެއްކެވި ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުތަކާއި މަސައްކަތްތެރިންނަށް ކުރެވޭ އަދި ނުކުރެވޭ ކަންތައްތަކާއި މަސައްކަތްތެރިންގެ އެކި ޔޫނިއަންތައް އުފެއްދުމާއި އެ ޔޫނިއަންތަކުގެ ގާނޫނީ ޒިންމާ ބަޔާންވެފައި އޮތުމަކީ މުހިންމުކަމެއް ކަމަށާއި، މަސައްކަތްތެރިންގެ ޔޫނިއަންތަކަށް ގާނޫނީ ގޮތުން ރައްކާތެރިކަން ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނެއް ގާނޫނެއް އޮތުމުން، ޔޫނިއަންތައް ހިންގުމުގައި ދިމާވާ މައްސަލަތައް ހައްލުވެ، ރަނގަޅަށް ނިޒާމެއްގެ ތެރެއިން އެ ޖަމިއްޔާތައް ހިންގުމަށްޓަކައި މަގުފަހިވެގެން ދާނެއެވެ.

"މި ދެންނެވި ގޮތަށް ކަންތައްތައް ވެގެން ދިޔައީމާ ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތްތަކާއި އެ ފަރާތްތަކުގެ ހައްގުގައި އުފެދިފައިވާ ޔޫނިއަންތަކުގެ ޒިންމާ އާއި ދައުރު ސާފުވެ ރަނގަޅަށް ނިޒާމު ހިންގުމަށްޓަކައި މަގުފަހިވެގެންދާ ކަން ވެސް ފާހަގަކުރަން،" އަހްމަދު ވިދާޅުވިއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވެސް ވަނީ، ޝަރީފް ހުށަހެޅުއްވި އިންޑަސްޓްރިއަލް ރިލޭޝަންސް ބިލަށް ތާއީދުކުރައްވައި ވާހަކަ ދައްކަވައިފައެވެ. ނަމަވެސް އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު ފާސްވެ، އެ ބިލުގައި ބަޔާންކޮށްފައިވާ ޔޫނިއަންތަކާ ބެހޭ މުއައްސަސާ އުފެދިއްޖެ ނަމަ ޔޫނިއަންތަކުގައި ބައިވެރިވާ މީހުންގެ ރެޖިސްޓްރީ ބެލެހެއްޓުން އެ މުއައްސަސާގެ ދަށަށް ބަދަލުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި، ޔޫނިއަންތަކުގެ ރެޖިސްޓްރީ ބެލެހެއްޓުން ހަވާލުކުރެވިފައި އޮންނަން ވާނީ ޔޫނިއަންތަކަށެވެ. އެހެން ނޫން ނަމަ ސިޔާސީ ބޭނުމަށް އެ އިރެއްގައި އޮންނަ ސަރުކާރަކުން ޔޫނިއަންތައް ބޭނުންކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގަ، ބަންގްލަދޭޝް މީހުންނަށް ރާއްޖެ އެތެރެއެއް ނުކުރެވޭ، އެހެން ނަމަވެސް މި އިންޑަސްޓްރީގެ މީހުންގެ ޔޫނިއަންތަކުން އެކަމަށް ލޮބީކޮށްގެން ބޭނުންވާ ބަޔަކު މިތަނަށް ގެނެވޭނެ ގޮތް ކުރެވެން ޖެހޭނެ،" އިލްޔާސް ވިދާޅުވިއެވެ.