ސިނަމާލެ ބްރިޖްގައި ދުއްވުމަށް ކަނޑައަޅާފައި އޮންނަ ދުވެއްޔަށްވުރެ ބާރަށް ދުއްވައިގެންނާއި ގަވައިދާ ހިލާފަށް ލޭން ބަދަލުކޮށްގެން ދުއްވި 120 މީހަކަށް ނަސޭހަތުގެ މެސެޖް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ބްރިޖްގައި ގަވައިދާ ހިލާފަށް ދުއްވާ މީހުންނަށް ނަސޭހަތުގެ މެސެޖެއް ފޮނުވަން ފަށާފައިވަނީ އިއްޔެއެވެ. އެގޮތުން އިއްޔެގެ 07:30 އިން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި 120 ނަސޭހަތުގެ މެސެޖް ފޮނުވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ނަސޭހަތުގެ މެސެޖު ފޮނުވަނީ ސައިކަލު ނުވަތަ އެ އުޅަނދެއް ރަޖިސްޓްރީ ކޮށްފައިވާ މީހާގެ މޯބައިލް ނަމްބަރަށެވެ.

އުޅަނދުތައް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ފޯނަށް ފޮނުވާ މެސެޖުގައި ދުއްވި ތާރީހާއި ގަޑި އެނގޭނެހެން ގަވާއިދާ ހިލާފުވެފައިވާކަން ބަޔާން ކޮށްފައިވެއެވެ. އަދި މައްސަލައާ ގުޅިގެން ފުލުހުން ފޮނުވާ މެސެޖުގައި އެއްވެސް ލިންކެއް ނުހިމެނޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސަތްތަކުގެ ތެރެއިން ކުރަން ފެށި ކަމެކެވެ. އުޅަނދު ދުއްވި ބާރުމިނާއި ލޭން ބަދަލުކުރިކަން ދެނެގަންނަނީ ސިނަމާލެ ބްރިޖުގައި ހަރުކޮށްފައިވާ ސްޕީޑް ކެމެރާތައް މެދުވެރިކޮށެވެ.

ފުލުހުން މީގެ ކުރިން ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހަދާފައިވާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް އުޅަނދު ނުދުއްވުމަށް ތަކުރާރުކޮށް އިލްތިމާސް ކޮށްފައެވެ. ފުލުހުން އަންނަނީ ބާރަށް ދުއްވާ އުޅަނދުތައް ބަލައި، ހުއްޓުވުމަށް ސްޕީޑް ގަންގެ ވެސް ބޭނުން ކުރަމުންނެވެ.