ގައުމީ ދަނޑުވެރިކަމުގެ ދުވަހާ ގުޅިގެން ގަސް އިންދާ ސްމާޓް ޕޮޓެއް ހޯދުމުގެ ފުރުސަތު އުރީދޫ އިން ހުޅުވާލައިފިއެވެ.

އުރީދޫން ބުނީ، އެ ސްްމާޓް ޕޮޓް ހޯދުމަށް ގޭގައި އިންދާފައި ގަހެއްގެ ފޮޓޯއެއް ނަގައި ފޮޓޯ ޕޯސްޓުގައި ހޭޝްޓެގް "ގްރޯ ވިތް އުރީދޫ" ބޭނުންކޮށް އުރީދޫ އަދި ޒުވާން ދަނޑުވެރިޔާ ޓެގް ކުރަންޖެހޭނެ ކަމަށެވެ.

މި ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިން މިމަހުގެ 21 ގެ ނިޔަލަށް ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ، ނަސީބުވެރި ފަރާތަކަށް ދޭސްމާޓް ޕޮޓަކީ "ގްރޯ ވިތު އުރީދޫ" ގެ އެމްބެސެޑާ ޒުވާން ދަނޑުވެރިޔާ އަބްދުﷲ ރަމްޒީގެ ފަރާތުން ދޭ ދޭ ހަދިޔާއެއް ކަމަށެވެ.

ދަނޑުވެރިންގެ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރަން ނިންމީ 2020 ވަނަ އަހަރުގައެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގެ ގޮތުން ދަނޑުވެރިންކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމާއި، ދަނޑުވެރިކަމުގެ މަސައްކަތް ރާއްޖޭގެ އިގްތިސާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޒުވާނުންނާއި މަސައްކަތްކުރާ އުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުގުވެރިކުރުން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަމުގެ އެކި މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އެފަރާތްތަކަށް ކުރިމަތިވަމުންދާ ހުރަސްތަކާއި ދަތި ކަންކަން ފާހަގަކޮށް އެ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމުގެ ފުރުސަތު ހޯދައިދިނުމާއި، ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި އެކަމަށް އެންމެ އެކަށޭނަ އާ ފަންނުތައް ދަނޑުވެރިންނަށް ތައާރަފުކުރުން ވެސް ހިމެނެއެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓްމަހުގެ 10 ވަނަ ދުވަހުގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް 2009 ވަނަ އަހަރު ހަމަޖެއްސި ނަމަވެސް ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ތަފާތު އެކި ސަބަބުތަކާ ހުރެ މިދުވަސް ފާހަގަކޮށްފައިވަނީ އަހަރުގެ ކޮންމެވެސް އެހެން ދުވަހެއްގައެވެ.

އެހެންކަމުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސްކަމުގައިވާ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހާ ގުޅުވައިގެން ދަނޑުވެރިންގެ ދުވަސް ފާހަގަކުރެއްވުމުގެ އެއް ބޭނުމަކީ ދަނޑުވެރިންނާއި އެ މީހުން އުފައްދާ ތަކެއްޗާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ހަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދިނުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.