ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މިދިޔަ 2018 ވަނަ އަހަރާ އަޅާބަލާއިރު މިހާރު އިތުރަށް 13،900 މީހަކަށް ވަޒީފާ ދީފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާއްމުކުރި ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ޕީސީބީން އާއްމުކުރި ސަރުކާރު ކުންފުނިތަކުގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައި މިހާތަނަށް ސަރުކާރު ކުންފުނިތަކުގައި 32،576 މުވައްޒަފުން ތިބިއިރު 2018 ވަނަ އަހަރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމުއިރު ސަރުކާރު ކުންފުނިތަކުގެ ވަޒީފާގައި ތިބީ 18,676 މުވައްޒަފުންނެވެ.

އެންމެ ގިނަ ވަޒީފާ އިތުރުކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވަނީ ފެނަކައާއި އެމްޓީސީސީއެވެ. އެގޮތުން ފެނަކައިގައި މިދިޔަ 2018 ވަނަ އަހަރު 2,756 މުވައްޒަފަކު ތިބިއިރު އެ އަދަދު އިތުރުކޮށް މިހާރު އެ ކުންފުނީގައި ތިބީ 7,379 މުވައްޒަފެކެވެ. އެއާއެކު އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު މިވަނީ 4،623 މުވައްޒަފުންނަށް އިތުރުވެފައެވެ.

2018 ވަނަ އަހަރު އެމްޓީސީސީގައި 1,752 މުވައްޒަފުން ކަމަށްވާއިރު އެ އަދަދު 2،359 މުވައްޒަފުންނަށް އިތުރުކޮށް މިހާރު އެ ކުންފުނީގައި މަސައްކަތް ކުރަމުންދަނީ 4,115 މުވައްޒަފެކެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2019 ވަނަ އަހަރު 1،786 ވަޒީފާ ސަރުކާރުގެ ކުންފުނިތަކަށް އިތުރުކޮށްފައިވާއިރު 2020 ވަނަ އަހަރު 1،702 ވަޒީފާ ވަނީ އިތުރުކޮށްފައެވެ. އެ ދެ އަހަރުގައި 1،700 އެއްހާ ވަޒީފާ އިތުރުކުރި ނަމަވެސް 2021 ވަނަ އަހަރު އެ އަދަދު އިތުރުކޮށް 2،879 ވަޒީފާއެއް ވަނީ އިތުރުކޮށްފައެވެ. އަދި 2022 ވަނަ އަހަރު 5،843 ވަޒީފާއެއް އިތުރުކޮށްފައިވާއިރު 2023 ވަނަ އަހަރު 1690 ވަޒީފާއެއް ވަނީ އިތުރުކޮށްފައެވެ.

ޕީސީބީގެ މި ރިޕޯޓުގައި ތިން ވަނަ ކުއާޓާއާ ހަމައަށް ކުންފުނިތަކުގައި ވަޒީފާގައި ތިބި މުވައްޒަފުންގެ އަދަދުތައް ފޯރުކޮށްދީފައި ނުވަނީ ދިރާގާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އަދި ވެމްކޯއެވެ.