ފަލަސްތީނާއެކު ދިވެހިން ތިބިކަން ދައްކުވައިދޭން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ހަރަކާތާ ގުޅިގެން މި ހަރަކާތް އިންތިޒާމުކުރި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ޝުކުރު އަދާކޮށްފިއެވެ.
ފަލަސްތީނަށް މިނިވަންކަން ހޯދައި ދިނުމަށް އެ ދައުލަތުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ކުއްލި ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން ހަނގުރާމަ އިއުލާންކޮށް އިޒްރޭލުން ގާޒާއަށް ދަނީ ހަމަލާ ދެމުންނެވެ. އެކަން ކުށްވެރިކޮށް، މާލެ އާއި ގިނަ ރަށްރަށުގައި އެ ދުވަހުގެ ހަވީރު ވަނީ އިޒްރޭލާ ދެކޮޅަށް ޝުއޫރު ފާޅުކޮށް، ފަލަސްތީނާ އެކު ސާބިތުވެ ތިބިކަން ދައްކުވައިދީފައެވެ.
އެކަމާ ގުޅިގެން އެ ދުވަހުގެ ފޮޓޯތަކާއެކު އައިއޭސީއިން ބުނީ ފަލަސްތީނަށް އޮތް ލޯބި ދައްކާލާ އަޑު އުފުލުމަށްޓަކާ އެއްވި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެ ހަރަކާތް ކާމިޔާބުކޮށް ކުރިއަށް ގެންދިޔުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރާ ކަމަށްވެސް އައިއޭސީއިން ވަނީ ބުނެފައެވެ.
އައިއޭސީއިން އިންތިޒާމްކޮށް އިތުރު ގިނަ ޖަމިއްޔާތަކުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ "ދިވެހިން ފަލަސްތީނާ އެކު" ހަރަކާތުގެ ދަށުން ރަސްފަންނުން ފެށިގެން ބޭއްވި ސައިކަލު ބުރަށްފަހު ވަނީ ފަލަސްތީނަށް މިނިވަންކަން ދެއްވުން އެދި ހާއްސަ ދުއާ އެއް ވެސް ކޮށްފައެވެ.
ފަލަސްތީނަށް އެހީވުމަށް ގިނަ ޖަމިއްޔާ ޖަމާއަތްތަކާއި ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުން އިސްނަގައިގެންވެސް ގިނަ ހަރަކާތްތަކެއް ހިންގަމުންދާއިރު، އެކަމަށް އާންމު ރައްޔިތުންގެ ބޮޑު އެއްބާރުލުން ލިބޭކަން ފާހަގަކުރެވެއެވެ.