ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ބޭއްވި "ޕިންކް ރިބަން ރަން ވޯކް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު ހުޅުމާލެގައި އަދި ރާއްޖޭގެ އެކި ރަށްރަށުގައެވެ. މި ހަރަކާތުގައި ގިން އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ.

މިި ހަރަކާތަކީ ބޭންކް އޮފް މޯލްޑިވްސް ގެ މާލީ އޭހީތެރިކަމާއެކު، ކެންސަރަށް ހޭލުންތެރިކަން އިތުރު ކުރުމަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފޯރުކޮށްދެމުންދާ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުގެ ގޮތުން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާގުޅިގެން ހިންގަމުން އަންނަ ހަރަކާތެކެވެ.

ކޮންމެ އަހަރަކު ވެސް އޮކްޓޯބަރު މަސް ފާހަގަ ކުރަނީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައެވެ. މި ހަރަކާތަކީ 2016 އިން ފެށިގެން ކެންސާ ސޮސައިޓީން ބާއްވަމުން ގެންދާ ހިނގާލުމެކެވެ. ވޭތުވެދިޔަ ތިން އަހަރު ބޭއްވި މި ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައި ވެއެވެ.

ކެންސާ ސޮސައިޓީއާ ގުޅިގެން ބީއެމްއެލް އިން ގިނަ ހަރަކާތްތަކުން ހިންގަމުން އަންނަ އިރު، އެ ޖަމިއްޔާއިން އަތޮޅުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްކްރީނިން ޕްރޮގްރާމަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

2016 ވަނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ކެންސާ ސޮސައިޓީ އަދި ޕިންކް ރިބަން ރަން-ވޯކް އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.