މި ހަފްތާ ނިމޭއިރު ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ލިބޭނެކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލް އިން ވަނީ މިއަދު "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ބ. ކަމަދޫ، ކުޑަރިކިލު އަދި ކެންދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ތައާރަފުކޮށްފައެވެ.
މިރަށްތަކުގައި އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވަޒީރުންގެ އިތުރުން ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބު އަދި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަށްތަކުގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސީއީއޯ ޝަރީފް ވަނީ މި ހަފްތާ ތެރޭގައި ބ.ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ދޮންފަނު އަދި މާޅޮހުގައި އޭޓީއެމް ހިދުމަތް ތައާރަފްކޮށް ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ފެށިގެންދާނެކަމަށް ވިދާޅުވެފައެވެ.
ޝަރީފް އިތުރަށް ވިދާޅުވީ މިއީ މިހާތަނަށް ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓު ކަމަށާއި، މިއިން ދޭހަކޮށްދެނީ ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށާއި ރަށްރަށުގެ ތަރައްގީއަށް ބީއެމްއެލް އިން ދޭ ހާއްސަ އަހައްމިއްޔަތު ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގެ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 134 ސެލްފް ސަާވިސް ބޭންކިން ސެންޓަރު، 189 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގް ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބޭންކުން ބުނެއެވެ.