ވިސްނުންފުޅަކީ ސިޔާސީ މަގާމުތައް ތަމްސީލު ކުރައްވާ ބޭފުޅުން ނުހިމަނައި ޖޭއެސްސީ އެކުލަވާލުން ކަމަށް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވެފައި ވަނީ ޖޭއެސްސީ އިސްލާހު ކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިދިޔަ ޖޫން މަހުގެ 19 ގައި ހުށަހަޅާފައިވާ ބިލަށް ބަހުސްކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

މުއިއްޒު ވިދާޅުވީ، ޖޭއެސްސީ އަށް ހަގީގީ މިނިވަންކަން އަންނަން ޖެހޭ ކަމަށާއި، އެގޮތުން އެ ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ސިޔާސީ މަގާމެއް އަދާކުރައްވާ އެއްވެސް ބޭފުޅަކު ހުންނަވައިގެން ނުވާނެ ކަމަށެވެ.

"[ޖޭއެސްސީގަ] ތިއްބަވަން ޖެހޭނީ ޖުޑީޝަލް ދާއިރާގެ ބޭފުޅުން، ރިޓަޔާޑް ޖަޖުން މިސާލަކަށް،" މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ބޭނުންފުޅުވަނީ އެކަހަލަ ވިސްނުންފުޅެއްގައި ޖޭއެސްސީ އެކުލަވާލުމަށް ކަމަށާއި، އާ ސަރުކާރުގެ އަމާޒަކީ ޖޭއެސްސީ އަށް ސިޔާސީ ނުފޫޒު ނުވަންނަ ގޮތް ހަދައި، އެކަމަށްޓަކައި ގެންނަން ޖެހޭ ބަދަލު ގެނައުން ކަމަށް ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާ ފުރަތަމަ ދުވަހުން ފެށިގެން ޖުޑިޝަރީ އިސްލާހު ކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ އެއްބާރުލުން ބޭނުންފުޅުވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރުން ޖޭއެސްސީ އިސްލާހު ކުރުމަށް ހުށަހެޅީ އެ ކޮމިޝަނުގެ މެންބަރުކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އުނިކޮށް ،ބަންޑާރަނައިބާއި، ވަކީލުންގެ ފަރާތުން އައްޔަނުކުރާ ވަކީލަކާއި، ތިން ފަނޑިޔާރަކާއި، މަޖިލީހުން އައްޔަނުކުރާ މެންބަރަކާއި އާންމުންގެ ތެރެއިން މަޖިލީހުން އައްޔަނުކުރާ މީހަކު ޖޭއެސްސީ ތަމްސީލުކުރާ ގޮތަށެވެ.

މި ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވީ، ސަރުކާރުން މިހާރު ހުށަހެޅި އިސްލާހުގެ ސަބަބުން ސިޔާސީ ނުފޫޒުން އެއްކިބާވެގެންވާ ކޮމިޝަނަކަށް ޖޭއެސްސީ ވެގެން ދާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ހުށަހެޅި އިސްލާހުގެ ސަބަބުން ޖޭއެސްސީން ސިޔާސީ ކުލަ އެއްކޮށް ނުފިލާނެ ކަމަށް ވިދާޅުވެ، ޑިމޮކްރެޓުންގެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.