ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްޓާޓަޕް ގްރާންޓް މި އަހަރުގެ ލިބޭ 2 ވިޔަފާރި މިއަދު ހޮވައިފިއެވެ.

ބީއެމްއެލްގެ މި ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ކުރިއެރުވުމަށް ހިލޭ އެހީގެ ގޮތުގައި 500،000 ރުފިޔާ ލިބޭ ގްރާންޓެކެވެ.

ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ދެ ފަރާތް:

1. އާމިނަތު ހަމީދު (މޯލްޑިވިއަން ޕެޓިސިއޭ)

ފެންވަރު ރަނގަޅު އަދި ތަފާތު ވައްތަރުގެ ބޭކްސް އަދި ޕޭސްޓްރީ ލިބޭ ބޭކަރީއެއް ގާއިމުކުރުމަށް

2. ސަންފާ ނަޒާހަތު އަހުމަދު (ނަޒާހެލްތް)

ޅ. ނައިފަރުގައި ފިޒިކަލް ރިހެބިލިޓޭޝަން ގެ ހިދުމަތް ގާއިމުކުރުމަށް

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ މޮޅު ޕިޗްތަކާ އެކު މި ގްރާންޓް ކާމިޔާބު ކުރި ފަރާތްތަކުގެ ހުށަހެޅުންތަކުގެ ފެންވަރަށް ސާބަސް ދެއްވާ ކަމަށެވެ. އަދި މި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ ފަހުރުވެރިވާ ކަމެއް ކަމަށާއި ދެކެންބޭނުންވެލައްވަނީ މުޖުތަމައަށް ހެޔޮ ބަދަލުތަކެއް އައިސް މި ވިޔަފާރިތަކުގެ ސަބަބުން އާ ފުރުސަތުތަކެއް ފަހިވާ މަންޒަރު ކަމަށް ވެސް ކާލް ސްޓުމްކަ ވިދާޅުވިއެވެ.

ބީއެމްއެލްއިން ބުނީ ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ފަރާތްތައް ހޮވާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ގެންދެވުނު ވަރަށް ވާދަވެރި އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހުގައި ކަމަށެވެ. އެގޮތުން ފުރުތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ރަނގަޅުކަމަށް ފާހަގަ ކުރެވުނު 10 ފަރާތް ވަނީ ޝޯޓްލިސްޓްކޮށްފައެވެ. އަދި ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން ވަނީ އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން އިވެލުއޭޝަން ކޮމިޓީއަށް ހުށަހަޅާފައެވެ.