އަންނަ އަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި 5 ދާއިރާއަކުން ވާދަކުރަން އަދާލަތު ޕާޓީއިން މަޝްވަރާކޮށްފިއެވެ.

އެކަމާ ގުޅިގެން އެ ޕާޓީގެ ތަރުޖަމާނު ވިދާޅުވީ ރޭ ބޭއްވި އަދާލަތު ޕާޓީގެ އިދާރީ މަޖިލީހުގެ ބައްދަލުވުމުގައި 2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 5 ދާއިރާއަކަށް ވާދަކުރުމާމެދު މަޝްވަރާ ކުރެވުނުނު ކަމަށެވެ. އަދި އެކަމާމެދު ގޮތެއް ނިންމުމުގެކުރިން ގޮފިތަކާއި ދާއިރާތަކާ އިތުރަށް މަޝްވަރާކުރުމަށް ވެސް އެއްބަސްވެވުނު ކަމަށް ނަޒީރު ވިދާޅުވިއެވެ.

އެ އިންތިހާބުގައި ވާދަކުރުމަށް ގިނަ ބަޔަކު މިހާރުވެސް ހާމަކުރަމުން އަންނައިރު ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކުރުމާ ގުޅިގެންވެސް ގިނަ ބަޔަކު އަންނަނީ ހާމަކުރަމުންނެވެ.

އަދާލަތު ޕާޓީއިން މިހާރުވެސް މަސައްކަތް ކުރަމުން ގެންދަނީ އެމްޑީޕީއާއެކު ކޯލިޝަނެއްގައި ކަމަށްވާއިރު އެ ޕާޓީއިން ވާދަކުރަނީ ކޮން ދާއިރާތަކެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގައި ތިބެނީ 87 މެންބަރުންނެވެ. އެހެންކަމުން އަންނަ އަހަރު އިންތިހާބު ކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިބޭނެ މެންބަރުންގެ އަދަދު 93 އަށް އަރާނެއެވެ. އެއީ އަލަށް އިތުރުވި ހަ ދާއިރާއާ އެކީގައެވެ. އިތުރުވި ދާއިރާތަކަކީ، ހުޅުމާލެ ދެކުނު ދާއިރާ، ކ. މާފުށި ދާއިރާ، ގުރައިދޫ ދާއިރާ އަދި ފޭދޫ ދެކުނު ދާއިރާއެވެ.