އިންތިހާބީ ރައީސް އަދި އިންތިހާބީ ނައިބު ރައީސް މަގާމުގެ ހުވާކުރެއްވުމުގެ ޖަލްސާގެ އިންތިޒާމުތަކާ ގުޅޭގޮތުން އިންތިގާލީ ކޮމިޓީގެ އިސްވެރިން ރައްޔިތުން މަޖިލީހާއެކު މަޝްވަރާކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ލިއުޝާ އަދި އިންތިގާލީ ކޮމިޓީގެ ވެރިއަކަށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ އިތުރުން އިންތިގާލީ ކޮމިޓީގެ އިސްވެރިން ބައިވެރިވެވަޑައިގެން މި ޖަލްސާ ބާއްވާފައި ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވީ އެ ރަސްމިއްޔާތު ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ކަމަށާއި އެގޮތަށް ކަންތައް ތަރުތީބުވަމުން އަންނަ ކަމުގެ ޔަގީންކަން މަޖިލީހުން ދީފައިވާ ކަމަށެވެ.
އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަކީ ގާނޫނުގައި ބުނާ ގޮތުންނަމަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކަމަށްވާތީ, އެ ރަސްމިއްޔާތުގެ ކަންކަން ބަލަހައްޓަވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވެސް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.
ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު މުއިއްޒު ވެގެންދާނީ ދިވެހި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސެވެ. އެހެންކަމުން މުއިއްޒަކީ ރާއްޖޭގެ އަށްވަނަ ރައީސެވެ. އަދި ކުރިއަށް އޮތް 5 އަހަރުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވާނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ)އެވެ.