ރާއްޖެ އިން ދެ ގައުމަކަށް ކަނޑައަޅާ ސަފީރުންގެ މަގާމަށް އައްޔަން ކުރަން ރައީސް ފޮނުއްވި ދެ ނަމެއް ދިރާސާކުރަން ރައްޔިތުން މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީ އަށް ފޮނުވި ދެ ނަމަކީ ޔޫއޭއީގެ ސަފީރަކަށް ކަނޑައަޅަން ފޮނުވި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީ މިދުފާ ނައީމާއި ބަންގަލަދޭޝްގެ ސަފީރަކަށް ކަނޑައަޅަން ފޮނުވި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީ ޝިއުނީން ރަޝީދުގެ ނަމެވެ.

މި ދެ ބޭފުޅުންގެ ތެރެއިން މިދުފާގެ ނަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވީ އޮގަސްޓް މަހުގެ 27 ގަ އެވެ. އަދި ޝިއުނީންގެ ނަން ފޮނުވީ މެއި މަހުގެ 5 ގަ އެވެ. އެ ނަންތައް ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވިކަން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އިއުލާން ކުރައްވާފައި ވެއެވެ.

މިދުފާ މި މަގާމަށް އައްޔަން ކުރެއްވި އިރު އޭނާ މަތީ ތައުލީމު ހާސިލު ކުރެއްވުމަށް ފަހު އޭނާ ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދަވާތާ އަހަރުތަކެއް ވަނީ ވެފައެވެ.

ދެ ގައުމަކަށް ސަފީރުން އައްޔަން ކުރަން ނަންތަކެއް ފޮނުވާ، އެ ނަންތައް ދިސާރާކުރަން ކޮމިޓީއަށް މިއަދު ފޮނުވި އިންތިގާލީ މި މަރުހަލާގައި މަގާމުތަކަށް މީހުން ނުނެގުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ވެސް ސަރުކާރުގައި އެދިފައި ވަނިކޮށެވެ.