ވ. ރަކީދޫގައި 4 ކުއްޖަކު ތައުލީމުން މަހުރޫމުވެފައި ތިބުމުން ފެލިދެ އަތޮޅު ކައުންސިލުން އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސާމާލުކަމަށް ގެނެސްފިއެވެ.

ފެލިދެ އަތޮޅު ކައުންސިލުން ބުނީ ސަރުކާރުގެ ރަސްމީ ތައުލީމީ ނިޒާމުގެ ތެރެއިން ތައުލީމު ފޯރުކޮށްދޭންޖެހޭ، ސްކޫލަށް ވަނުމަށް އުމުރު ހަމަވެފައިވާ 4 ކުއްޖަކު މިވަގުތު ތައުލީމު ހޯދުމުގެ އެއްވެސް ފުރުސަތެއްނެތި ރަކީދޫގައި ދިރިއުޅެމުންދާ ކަމުގެ ކަންބޮޑުވުން އެބައޮތް ކަަމަށާއި މިކަން ސަރުކާރުގެ ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކެއްގެ ސަމާލުކަމަށް ގެނައުމަށް އެ އިދާރާއިން ބޭނުންވާ ކަމަށެވެ.

އެ 4 ކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން 6 އަހަރުގެ ކުއްޖަކާއި، 7 އަހަރުގެ ކުއްޖަކާއި، 11 އަހަރުގެ ކުއްޖެއްގެ އިތުރުން 15 އަހަރުގެ ކުއްޖެއް ކަމަށް އެ އިދާރާއިން ބުނެއެވެ. އެ ކުދިންނަކީ އެ ރަށުގެ ސްކޫލު ހުޅުވިފައި ނެތުމުގެ ސަބަބުންނާއި، އާއިލާގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން އެހެން ރަށަކަށް ކުދިންނަށް ކިޔަވައިދިނުމަށް ދިރިއުޅުން ބަދަލު ކުރުމަށް އާއިލާއަށް ދަތިވުމުގެ ސަބަބުން ސްކޫލުގައި ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ކުދިން ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ރަކީދޫ ސްކޫލަކީ ރަށުގެ އާބާދީ މަދުވުމުގެ ސަބަބުން ސްކޫލު ބަންދުކުރެވިފައި ހުންނަތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ސްކޫލެކެވެ. އަދި މި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ތެރެއިން "ސްޓެލައިޓް" ސްކޫލް މޮޑެލްއަށް ހިންގުމަށް ކަނޑައެޅި، ކުރީގައި ރަށުގައި ހުރި ސްކޫލު މަރާމާތުކޮށް މުޅިން އާ ސްކޫލެއްގެ ގޮތުގައި މަސައްކަތްތައް ފުރިހަމަކޮށް ނިމިފައިވާ ސްކޫލެކެވެ.

ނަމަވެސް ސްކޫލުގެ މަސައްކަތް ނިމ، މި އަހަރުގެ ދިރާސީ އަހަރު ފެށުނު އިރުވެސް ސްކޫލުގައި ކިޔަވައިފިނުން ފެށިފައިނުވާތީ އެކަމުގެ ހިތްހަމަ ނުޖެހުމާއި އަދި ރަށުގެ އާބާދީ މަދުވުމުން ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުން މިކަމަށް އިސްކަންނުދޭ ކަމުގެ ޝުއޫރުތައް މީގެ ކުރިން ވެސް ރަކީދޫގެ ރައްޔިތުން ވަނީ ފާޅުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެއެެވެ. ރަކީދުގެ ރަޖިސްޓްރީކޮށްފައިވާ އާބާދީއަކީ 370 މީހުންނެވެ.

ރަކީދޫ ސްކޫލުގައި ކިޔަވައިދިނުން ވީ އެންމެ އަވަހަކަށް ފައްޓަވައިދެއްވުން އެދޭ ކަމަށް ފެލިދެއަތޮޅު ކައުންސިލުން އެޑިއުކޭޝަންއަށް ފޮނުވި ސިޓީގައި އެދިފައިވެއެވެ. އަދި ރަކީދޫ ސުކޫލުގައި ކިޔަވައިދިނުން ފެއްޓުމަށް ފެލިދެއަތޮޅު ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްތަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ މިހާތަނަށް ރަކީދޫ ސްކޫލަށް ވަނުމަށް ހުށަހަޅާފައި ވަނީ 4 އަހަރު ނުފެރޭ 3 ކުދިން ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ލާޒިމް ކުރަނީ 4 އަހަރުން މަތީގެ ކުދިންނަށް ތައުލީމު ދިނުމަށް ކަމަށެވެ.

އެގޮތުން 4 އަހަރުން މަތީގެ ކުދިން ތިބިނަމަ އަވަހަށް ފޯމު ހުށަހެޅުމަށް އެދިލައްވާ ކަމަށާއި އެ ސްކޫލުގައި ކިޔެވުން ފެއްޓުމަށް ތައްޔާރަށް ތިއްބެވި ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.