ގާނޫނާ ހިލާފަށް އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް އަނބުރާ ފަލަސްތީނުގެ ރައްޔިތުންނަށް ދީ ޔަހޫދީން ފައިބަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
މުއިއްޒު ވިދާޅުވީ އިސްރާއީލުން ގާނޫނާ ހިލާފަށް ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިހާރުން މިހާރަށް އަނބުރާ ދޭން ޖެހޭ ކަމަށެވެ. އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ވެސް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.
1967 ވަނަ އަހަރު ބޯޑަރު ކަނޑައަޅާފައިވާ ގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ބައެއްކަމަށް އިސްރާއީލުން ގަބޫލު ކުރަން ޖެހޭ ކަމަށާއި އެ ސަރަހައްދަށް ފަލަސްތީނުގެ ރެފިއުޖީން އެނބުރި އައުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ޔަހޫދީ އިޒްރޭލުން މުސްލިމުންގެ މުގައްދަސް އެއް ހަރަމް ކަމަށް ވާ އަލް އަގްސޯއަށް ވަދެ ހިންގާ ޖަރީމާތަކަށް ބަދަލު ހިފުމުގެ ގޮތުން ހަމާސްއިން ހަމަލާތައް ދެމުންދާއިރު ދުނިޔޭގެ އެންމެ ވަރުގަ އެއް އިންޓެލިޖަންސް އިދާރާ، އިޒްރޭލުގެ މޮސާޑަށް ދޮންކަޅު ވެސް އަންގާނުލައި ކުއްލި އަކަށް ދިން ހަމަލާގެ ފުރަތަމަ 20 މިނެޓް ތެރޭގައި 5000 ރޮކެޓް ފޮނުވާލާފައި ވާ ކަަމަށް ހަބަރުތައް ބުނެއެެވެ. އެއާއެކު ހަމާސް އިން ބުނެފައި ވަނީ، މިއީ ކުޅިކުޅިވަރަށް ކުރާ ކަމެއް ނޫން ކަމަށާއި ހަނގުރާމަ އިއުލާން ކުރީ ކަމަށެވެ.
ހަނގުރާމަ ދިގުދެމިގެން ދާނެ ކަމަށާއި ހަމަލާތައް ވަރުގަދަ ވާނެ ކަމުގެ އިންޒާރު އިޒްރޭލުން ދީފައި ވާ އިރު މިހަމަލާތަކުގައި ފަލަސްތީނު ފަޅިން މިހާތަނަށް 198 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި 1600 އަށް ވުރެ ގިނަ މީހުން ޒަހަމްވެ ހޮސްޕިޓަލްތައް ދަނީ ފުރެމުންނެވެ.
ހަމާސް އިން ފެށި މިހަމަލާތައް އެމެރިކާއިން ވަގުތުން ކުށްވެރިކޮށް ބަޔާން ނެރެފައި ވާ އިރު، އިޒްރޭލުން ބުނީ، ޕަލަސްތީނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ފުރިހަމަ ހައްގާއި އިހުތިޔާރު ލިބިފައި ވާ ކަމަށާއި އަދި އެފަދަ ހަމަލާތަކެއް ދިނުމަށް އަސްކަރިއްޔާ ތައްޔާރު ކަމަށެވެ.
ފަލަސްތީނުގެ ގާޒާ އާއި ވަށައިގެން އޮންނަ ސަރަހައްދުތަކަށް ޔަހޫދީން ބާރު ފޯރުވާތާ ކިތަންމެ ޒަމާނެކެވެ. 1967 ގެ އަރަބް އިޒްރޭލް ހަނގުރާމަ އަށް ފަހު އެސަރަހައްދުގައި ހިނގަނީ އިޒްރޭލުގެ ބާރެވެ.