2022 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް ގެޓަން (އަސްލު ނަމެއް ނޫން) ކޮންސްޓްރަކްޝަން މަސައްކަތްތެރިއެއްގެ ގޮތުގައި ރަނގަޅު ދިރިއުޅުމެއް އުޅެމުން ގޮސް، އޭނާގެ ދިރިއުޅުން ފުނޑުފުނޑު ކޮށްލާނެ ފަދަ ނިންމުމެއް ނިންމިއެވެ.

އެއްދުވަހު މެންދުރުގެ ކެއުމުގެ ބްރޭކްގައި އެކުވެރިންނާއެކު ސިނގިރޭޓެއް ބޯން އުޅެނިކޮށް، އުމުރުން 35 އަހަރުގެ މި ޒުވާނާއަށް ހެރޮއިން ކޮޅެއް ގަތުމުގެ ފުރުސަތު ލިބުނެވެ. ހަފުތާތައް ފާއިތުވަމުން ގޮސް، އެންމެ ފަހުން ކޮންމެ ދުވަހަކުވެސް މަސްތުވާ ހާލަތަށް މީހާގެ އާދަތައް ދިޔައެވެ.

އޭނާގެ ބުރަ މަސައްކަތުން ހޯދި ފައިސާއިން ދުވާލަކު ހަތަރު ޑޯޒަށް ބޭނުންވާ 2،000 މޮރިޝަސް ރުޕީސް (45 ޑޮލަރު) ހަރަދު ކުރަމުން ދިޔައެވެ. މަސައްކަތުގައި އުޅުނު އޭނާގެ އަހުލުވެރިންނާ ބައިވެރިވެގެން ދަގަނޑުތައް ވަގަށް ނަގައިގެން މަސްތުވާތަކެތި ގަތުމަށްޓަކައި އެ ދަގަނޑުތައް ވިއްކާ ހެދިއެވެ.

މަސްތުވާތަކެތީގެ ވަބާގައި އެތައް މަހެއް ތަހައްމަލު ކުރުމަށްފަހު، އެކަމުން އަވަހަށް ސަލާމަތްވާން ޖެހޭ ކަމަށް ގެޓަންއަށް ވިސްނުނެވެ. އެކަމަކު މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލިތާ ދެ ހަފްތާ ފަހުން އަނެއްކާވެސް އޭގެ ތެރެއަށް ވަދެވުނެވެ. އެންމެ ފަހުން މަސްތުވާތަކެތި ބޭނުންކުރުން މުޅިން ހުއްޓާލުމަށްޓަކައި ޕޯޓް ލުއިސްގެ މެދުގައި ހުންނަ އިޑްރިސް ގޫމަނީ ޓްރީޓްމަންޓް ސެންޓަރަށް ވަދެ ހަ މަސް ދުވަހުގެ އިންޓެންސިވް ޑިޓޮކްސް ޕްރޮގްރާމެއް ފުރިހަމަ ކުރިއެވެ.

އޭނާ އަދިވެސް ކޮންމެ ހަފުތާއަކު ކައުންސެލިން ނަގަމުން އަންނަ އިރު، މިއީ 1.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މި ކުޑަ ކުޑަ ގައުމުގައި އޮތް މަސްތުވާތަކެތީގެ ބަލިމަޑުކަމުގެ ސަބަބުން ހަލާކުވެފައިވާ މުޖުތަމައުގެ ނިސްބަތުން ސަލާމަތްވެފައިވާ ނާދިރު ކާމިޔާބީއެއްގެ ވާހަކައެކެވެ.

90ގެ އަހަރުތަކުގައި ހެރޮއިންގެ ވަބާ އިންތިހާއަށް މައްޗަށް ދިޔައިރު، އަފްޣާނިސްތާނުން އިރުމައްޗާއި ދެކުނު އެފްރިކާއަށް ކުރި ދަތުރުގައި މަޑަގަސްކަރަ މަގުން މަސްތުވާތަކެތީގެ ބާވަތްތައް އަނެއްކާވެސް އެ ގައުމުގެ އައްސޭރިފަށަށް ވަނީ އަރުވާފައެވެ.

ހަމަ އެއާ އެއްގޮތަށް، ޗައިނާގެ ކެމިކަލް ބޭނުން ކޮށްގެން އުފައްދާފައިވާ "ބްލެކް މަމްބާ"، "ރޭމްބޯ" އަދި "މާޑާ" ފަދަ މަސްތުވާތަކެތީގެ ބާވަތްތައް ޕެސްޓިސައިޑާ އެއްކޮށް، ސައި، އަދި ދުންފަތުގެ ބާވަތްތައް ހަދައިގެން ޒުވާނުންނަށް ވަރަށް ބޮޑަށް ވިހަ މާއްދާތައް ފޯރުކޮށްދެއެވެ.

"މިއަދު މަސްތުވާތަކެތީގެ މައްސަލައަކީ ގައުމުގެ އެންމެ ބޮޑު އެއް މައްސަލަ" މަސްތުވަތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭ މަރުކަޒެއް ކަމަށްވާ ސެންޓާ ޑި އެކިއުއެލް ޑި ޓެރޭ ރޫޖްގެ ޑިރެކްޓަރު މާރިއޯ އަހް-ސިއާން ބުންޏެވެ. މީގެ 23 އަހަރު ކުރިން ހެރޮއިން ދޫކޮށްލި، މިހާރު އުމުރުން 63 އަހަރުގެ މާރިއޯ ވަނީ އެ ހިތާމައިން އެހެން މީހުންނަށް ސަލާމަތްވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހި މުޅި ގައުމުތެރޭގައި ބޮޑެތި މައްސަލަތައް ކުރިމަތިވެފައި ވާއިރު، ވައްކަމާއި މާރާމާރީގެ ރާޅެއް އުފެދިފައިވާ ކަމަށް އޭނާ ބުންޏެވެ.

ސެންޓާ ޑި އެކިއުއެލް ޑި ޓެރޭ ރޫޖްގެ ޑިރެކްޓަރު މާރިއޯ

2021 ވަނަ އަހަރުގެ ރަސްމީ ދިރާސާއަކުން ދައްކާ ގޮތުގައި އުމުރުން 18 އަހަރާއި 59 އަހަރާ ދެމެދުގެ ގާތްގަނޑަކަށް 55،000 މީހުން (އާބާދީގެ 7.4 ޕަސެންޓް) އިންޖެކްޝަނަކާ ނުލާ މަސްތުވާތަކެތި ބޭނުންކުރާ އިރު، އޭގެ ތެރޭގައި ކެނަބިސް، ސިންތެޓިކްސް އަދި ހެރޮއިން ފަދަ ބާވަތްތައް ބޭނުން ކުރަނީ ނޭފަތުން ދަމައިގެން ނުވަތަ ދުންފަތުގެ އިސްތިއުމާލު ކޮށްގެންނެވެ.

ކާރޯ ކަލިޕްޓަސްގައި ހަލުވިކަމާއެކު މަސްތުވާތަކެތި ފެތުރެމުން އަންނަ އިރު، ޒުވާނުންގެ ޖީލެއް އަންނަނީ ހަލާކުވަމުންނެވެ. އެތަނުގެ ރަށްވެހިން ފާހަގަކުރާ ގޮތުގައި، މަސްތުވާތަކެތީގެ މައްސަލަތައް ބޮޑުކަމުން އެހެން މީހުންނަށްވެސް އެތަނުގައި ދިރިއުޅެން ވަރަށް އުނދަގުލެވެ. ގިނަ ކުދިން ސްކޫލަށް ނުދާއިރު، އުމުރުން 10 އަހަރުގައިވެސް މަސްތުވާތަކެތި ބޭނުންކުރަން ކުދިން ފަށާކަން ވަނީ ފާހަގަ ކުރެވިފައެވެ. އެކުދިންގެ އެތެރެ ހަށި ވަނީ އެއްކޮށް ހަލާކުވެފައި ކަމަށް ކާރޯ ކަލިޕްޓަސްގެ ރަށްވެއްސަކު ކަންބޮޑުކަމާއެކު ބުންޏެވެ. "މި އަހަރުގެ ކުރީކޮޅު މަސްތުވާތަކެތި ބޭނުންކޮށްގެން އޯވަޑޯޒް ވެފައިވާ މީހަކު މަގުމަތީގައި މަރުވެފައި އޮއްވާވެސް ފެނުނު. މިތަނުގެ ހާލަތު އެހާވެސް ބިރުވެރި." އޭނާ ބުންޏެވެ.

ކާރޯ ކަލިޕްޓަސްގެ އެހެން އަންހެނެއް ކަމަށްވާ ކްލައުޑިން ބުނި ގޮތުގައި ކްރިސްޓަލް މެތު އާއި "ލަޑްރޮގް ޒޮމްބީ" ("ޒޮމްބީ ޑްރަގް") ނަމަކަށް ކިޔާ އާ އުފެއްދުމެއް ބާޒާރުގައި ދަނީ އާންމުވަމުންނެވެ.

މިކަމުގައި ފުލުހުންގެވެސް އަތެއް ވާކަމަށް ވެއެވެ. އެގޮތުން މަސްތުވާތަކެތީގެ ރެއިޑެއް ޖަހަން ފުލުހުން ތައްޔާރުވާކަމުގެ މައުލޫމާތު މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މާ ކުރިން އެނގެއެވެ.

ފުލުހުންނާއި ޖަލު ގާޑުންނާއި ގާނޫނީ ވަކީލުންނާއި ކަސްޓަމްސްގެ އޮފިޝަލުންނާއި ސިޔާސީ ފަރާތްތައް ހިމެނޭ ގޮތަށް އެކި ފަރާތްތަކުގެ މައްޗަށް މާފިއާގެ ނުފޫޒު ފޯރުވާކަމުގެ ސާފު ހެއްކެއް 2018 ވަނަ އަހަރު ދައުލަތުން އެކުލަވާލި އިންކުއަރީ ކޮމިޝަނަށް ވަނީ ފެނިފައެވެ. އަދި އެ ގައުމުގެ އެންޓި ޑްރަގް އެންޑް ސްމަގްލިން ޔުނިޓް (އޭޑީއެސްޔޫ) އިސްލާހު ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ކަނޑައަޅައި، އެ ޔުނިޓް އުވާލުމަށް ވަނީ ލަފާ ދީފައެވެ. އޭގެ ފަސް އަހަރު ފަހުން، އޭޑީއެސްޔޫގެ ނުފޫޒު ގަދަވެގެން ދިޔައީ، އޭޑީއެސްޔޫ ރޭންކުތަކުގެ ކުރީގެ އޮފިސަރުންގެ މައްޗަށް އެކުލެވޭ ސްޕެޝަލް ސްޓްރައިކިން ޓީމް (އެސްއެސްޓީ) ގެ ނަމުގައި ކޮމްޕްލިމެންޓަރީ ފޯސްއެއް އުފެއްދުމުންނެވެ.

މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވުުމުގައި ފުލުހުންގެ ބައިވެރިވުންވެސް އޮތް ކަމަށް މޮރީޝަސްގެ ރައްޔިތުން ބުނޭ

އަންނަ އަހަރުގެ އިންތިހާބަށް ތައްޔާރުވަމުން އަންނައިރު، ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތުގެ ސަރުކާރުން ވަނީ "ޔުނިސް ކޮންޓްރޭ ލާ ޑްރޯގް - ޔުނައިޓެޑް އެގެއިންސްޓް ޑްރަގްސް" އިއުލާނުކޮށް، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަކޮށްފައެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެސްއެސްޓީއަކީ ޖުގްނައުތުގެ ހަނގުރާމަވެރި ސޯޝަލިސްޓް މޫވްމަންޓް (އެމްއެސްއެމް)ގެ ސިޔާސީ ހަތިޔާރެއް ކަމަށާއި އޭނާގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އަދި ރަށުގެ އެންމެ ބޮޑު ޓްރެފިކް ކުރާ މީހާ ހިމާޔަތް ކުރާ ކަމުގެ ތުހުމަތު ވެސް ސަރުކާރަށް ކުރެއެވެ. އަވަށްޓެރި ރީޔޫނިއަންގެ ކަމާބެހޭ ފަރާތްތަކުން އިންޓަ އައިލެންޑް ޓްރެފިކިންގެ ކުށް ސާބިތުވެ ޖީން ހުބާޓް ސެލެރިން ނުވަތަ ފްރޭންކްލިން ހަތް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ 2021 ވަނަ އަހަރުއެވެ.

ނަމަވެސް އޭނާ އަދިވެސް ހުރީ މޮރިޝަސްގައި ކަމަށާއި އެ ތަނުގައި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ ތަހުގީގެއްވެސް މިހާރު ކުރިއަށް އެބަދެއެވެ. ސަރުކާރާ މެދު އާންމުންގެ އިތުބާރު އެހާ ކުޑަކަމުން ގިނަ ބަޔަކު ޝައްކު ކުރަނީ އެ ތަހުގީގަކީ ކިންޕިން އަނބުރާ ގައުމަށް ފޮނުވާލުން ލަސްކުރުމަށް ކުރާ ތަހުގީގެއް ކަމަށެވެ. "އޭނާ ވާހަކަ ދައްކައިފިނަމަ ވަރަށް ގިނަ އިސްވެރިން މިފަދަ ކުށްތަކުގައި ބެދޭނެ." މަސްތުވާތަކެއްޗާ ދެކޮޅަށް އެތައް އަހަރެއް ވަންދެން ކެމްޕޭން ކުރަމުން ގެންދާ ތަޖުރިބާކާރު ސޯޝަލް ވޯކަރެއް ކަމަށްވާ އެލީ ލަޒަރު ބުންޏެވެ.

އާންމު ދިރިއުޅުމުގެ ފޭރާމުގައި މަސްތުވާތަކެތީގެ ވަބާ އިންތިހާއަށް ގޯސްވަމުންދާއިރު، އެ ގައުމުން ދަނީ ކުރީގެ އަނިޔާވެރި ސިޔާސަތުތަކާ ދުރަށް ޖެހި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނާ މެދު އަމަލުކުރާ ގޮތް މުރާޖައާ ކުރަމުންނެވެ. މިވަގުތު ސަރުކާރުން ދަނީ ރިކަވަރީގެ އެކި މަރުހަލާތަކުން ރިހެބިލިޓޭޝަންއިން ފެށިގެން ރީއިންޓަގްރޭޝަނާ ހަމައަށް ބޭނުންކުރާ ފަރާތްތައް ބަލަހައްޓާނެ ޕެނަލެއް އުފައްދަމުންނެވެ.