ބޭނުންވަނީ ކޮންމެ ދަރިވަރަކީ ވެސް ދިރިއުޅުމަށް ތައްޔާރުވެގެން، ގައުމަށް ހިދުމަތްކުރަން ނުކުންނަ ދަރިއަކަށް ހެދުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ޓީޗަރުންގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި ޑރ. އާއިޝަތު ވިދާޅުވީ، މިއަދު ކުރިމަތިލާފައި މިވަނީ 21 ވަނަ ގަރުނުގެ އުފެއްދުންތެރި ވިސްނުމާއެކު ކަމަށާއި އިއްޔެ އުގައްނައިދިން ގޮތަށް މިއަދު އުގައްނައިދީގެން ފަރުޖައްސާލެވެން ނެތް ކަމަށެވެ.

ކުރިއަރާފައިވާ ގާއުމުތަކުގެ ތައުލީމީ ނިޒާމުގައި ފާހަގަ ކޮށްދެވޭފަދަ ފަހި ފުރުސަތުތަކާއެކު، މަންހަޖުގައި ބުނާފަދަ ދިރިއުޅުމަށް ތައްޔާރު ވެފައިވާ ދަރިވަރުންތަކެއް ތަމްރީންކުރުމަށްޓަކައި ޒަމާނީ، ޓެކްނޮލޮޖީއާއި ފަންނީ ހުނަރުތަކުގެ ތެރެއަށް ދަރިވަރުންގެ ލޯތައް ހުޅުވާލަދޭން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދަރިވަރުންގެ ކުރިއެރުމަށް ކުރާ ބުރަ މަސައްކަތްތަކީ އެންމެ ބޮޑު ސަމާލުކަމެއް ދެމުން އައި އަދި މިއަދުވެސް ދެމުންގެންދާ މަސައްކަތް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއަށް ސްޓެމް އެޑިއުކޭޝަން ތައާރަފްކުރުމާއި ވޮކޭޝަނަލް ސެންޓަރުތައް ތައާރަފުކުރުމުގެ ބޭނުމަކީ މިއީ ކަމަށެވެ.

މިހާރު ކުރިއަށް ގެންދާ ލިޓްރަސީ، ނިއުމަރަސީ ޕރޮގްރާމް "ލޭމްޕް“ ގެ އަމާޒަކީ ވެސް ހަމަ މިއީ.
މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ، ބޭނުންވަނީ ކޮންމެ ދަރިވަރު ވެސް ހަގީގީ މާނައެއްގައި ލިޔުންތެރިކަން ދަންނަ، ހަގީގީ މާނައިގައި ދިރިއުޅުމަށް ތައްޔާރު ވެގެން، ގައުމަށް ހިދުމަތްކުރަން ނުކުންނަ ދަރިއަކަށް ހެދުން ކަމަށެވެ.

ތައުލީމީ ދާއިރާގައި ފާއިތުވި ފަސްވަރަށް އަހަރުގެ ތެރޭގައި ގެނެވިފައިވާ ކާމިޔާބުތައް، މުދައްރިސުންނަށާއި ސްކޫލްތަކުގެ އިސްވެރިންނަށާއި މެނޭޖްމަންޓްތަކަށާއި އިދާރީ މުވައްޒަފުންނަށް އަދި އެޑިޔުކޭޝަން މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އެންމެހާ އިދާރާތަކުގެ ހިންގުންތެރި އެންމެހާ ވެރިންނާއި މުވައްޒަފުންނަށް ވަގްފުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.