ތިން ގައުމެއްގެ ސަފީރަކާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ބައްދަލު ކުރައްވައިފިއެވެ.

މުއިއްޒުގެ އަރިހަށް ޗައިނާގެ ސަފީރު ވާން ލީޝިނާއި، އިންޑިއާގެ ސަފީރު މޫނޫ މަހާވަރާއި، ޔޫއޭއީގެ ސަފީރު ވަނީ އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

އެ ތިން ގައުމުގެ ސަފީރުންގެ އަރިހުން މުއިއްޒު އެދިވަޑައިގަތީ އޭނާ ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށެވެ. ހަމަ އެހެންމެ އެ ތިން ގައުމުގެ ސަރުކާރުން ދިވެހިންނަށާއި ރާއްޖޭގެ ތަރައްގީ އަށް ދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި މުއިއްޒު ޝުކުރު އަދާކުރެއްވިއެވެ.

ޗައިނާގެ ސަފީރު ވާން ލީޝިނާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ---

އަދި އޭނާގެ ވެރިކަމުގައި އެ ތިން ގައުމާއި ރާއްޖެ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ ބަދަހިވެގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެ ތިން ގައުމުގެ ތެރެއިން އިންޑިއާގެ ސަފީރުގެ އަރިހުން މުއިއްޒު އެދިވަޑައިގަތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދެއްވުމަށާއި، ރާއްޖޭގެ ސިޔާދަތީ މުސްތަގިއްލުކަން ހިމާޔަތްކުރުމަށް ދިވެހިން ނިންމި ނިންމުމަށް އިހްތިރާމް ކުރުމަށެވެ. އިންޑިއާގެ ސަފީރު ވަނީ ރާއްޖޭގެ މުސްތަގިއްލު ކަމަށް ފުރިހަމަ އަށް އިހްތިރާމް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައި، ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައި ދެއްވުމަށް މަޝްވަރާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޔޫއޭއީގެ ސަފީރާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ---

ޔޫއޭއީގެ ސަފީރާ އެކު ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، އެ ގައުމާއި ރާއްޖެ އާ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން އަރަބި އިސްލާމީ ގައުމުތަކާއި ރާއްޖެ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޗައިނާ އާއި އިންޑިއާ އާއި ޔޫއޭއީގެ ސަފީރުން ވަނީ އެ ގައުމުތަކާއި ރާއްޖެ އާ ދެމެދު އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމުގެ ޔަގީންކަމާއި، ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ އެކި ދާއިރާތަކަށް އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.