ސަރުކާރުން އެންމެ އިސްކަންދޭ އެއް މަސައްކަތަކީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް މަޝްރޫއު ނިންމައި، އޮޕަރޭޝަން ފެށުން ކަމަށާއި އޮޕަރޭޝަން ފެށުމުން ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އާ ޓާމިނަލް ހުޅުވުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ހަލުވި ދުވެލީގައި ކުރިއަށް ދާއިރު، އެއާޕޯޓްގެ ތަރައްގީއަށްޓަކައި އެކި ދުވަސްވަރު، އެކި ވެރިން ތިއްބަވައިގެން ގެނެސްދެއްވި ކުރިއެރުންތަކުގެ ހައްގު ތައުރީފު އެ ބޭބޭފުޅުންނަށް ދެއްވަންޖެހޭ ކަމަށެވެ.
އާ ޓާމިނަލް އޮޕަރޭޝަން ފެށުން ވެގެންދާނީ ދިވެހިރާއްޖޭގެ އިގްތިސޯދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ވަކީން ހާއްސަކޮށް އެއީ ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ދޮރުތަކެއް ހުޅުވިގެންދާނެ ކަމެއްކަމުގައި ރައީސް ސިފަފުޅު ކުރެއްވިއެވެ.
މި އެއާޕޯޓަކީ ދިވެހި އިގްތިސޯދުގެ އެންމެ މުހިންމު އެސެޓް ކަމަށާއި އެތަނަށް އަންނަ ކޮންމެ ކުރިއެރުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި އެއާޕޯޓަކީ ހުރިހާ ރައްޔިތުންގެ ކުރިއެރުމާއި، ލާބަޔާއި މަންފާއާ ގުޅިފައި އޮތް ތަނެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރިއަށް އޮތީ ދިވެހިރާއްޖޭގެ ފަހުރުވެރި މިނިވަން ދުވަހުގެ މުނާސަބާ ކަމުގައި ފާހަގަ ކުރައްވައި، ގައުމުގެ ވެރިޔާގެ ހައިސިއްޔަތުން އެންމެ ބޭނުންފުޅުވާ ކަމަކީ، ދިވެހިރާއްޖެއަކީ ވަރަށް އެކުވެރި ރައްޔިތުން ދިރިއުޅޭ، ހަމަޖެހުން ގާއިމުވެފައި އޮތް ގައުމަކަށް ވުން ކަމަށް ރައިސް ވިދާޅުވިއެވެ. ހަމައެއާއެކު ބަދަލު ހިފުމުގެ ރޫހު ނެތިކޮށްލައި، އުފާވެރި، އެކުވެރި މުޖުތަމައެއް ދިވެހި ގައުމުގައި އޮތުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ހަގީގަތް ގުޅިފައި ވަނީ މުޖުތަމައުގެ ގުޅިލާމެހުމާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.