ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ވަހީދު މަގާމުން ވަކިކޮށްފިއެވެ.
ހއ. ހޯރަފުއްޓަށް އުފަން އަބްދުﷲ ވަހީދަށް އެ ވަޒީފާ ދީފައި ވަނީ ސެޕްޓެމްބަރު 11، 2014 ގަ އެވެ. މިދިޔަ މަހު 26 ގައި ވަހީދު ވަޒީފާއިން ވަކިކޮށްފައި ވާއިރު އޭގެ ކުރިން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އޭނާ ހުރީ މަގާމުތަކުގެ މަސްއޫލިޔަތުތަކުން އެކަހެރި ކޮށްފަ އެވެ.
ވަހީދު މަގާމުން ވަކިކޮށްފައި މި ވަނީ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތަކުގެ އިތުރުން މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރި ކަމަށް ވާހަކަ ފެތުރިފައި ވަނިކޮށެވެ. އޭނާ ވަނީ ގާތްގަނޑަކަށް 9 އަހަރު ވަންދެން ފެނަކައިގައި މަސައްކަތް ކޮށްފައެވެ.
ފެނެކައިން ވަހީދަށް ފޮނުވި ސިޓީ އޭނާ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާއިރު އެލިޔުމުގައިވާ ގޮތުން އޭނާ ވަޒީފާއިން ވަކި ކޮށްފައިވަނީ ފެނެކަައިގެ މުވައްޒަފުންގެ ގަވައިދު 2022 ގެ 34.8 ވަނަ މާއްދާގެ (ހ) ގެ 01 ގައިވާ ގޮތުގެ މަތިން ވަޒީފާގައި އިތުރަށް ބަހައްޓައިފިނަމަ، ވަޒީފާ ދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާ ކުރާތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެންނާތީއެވެ.
ފެނަކައާ ގުޅޭ ކޮރަޕްޝަން މައްސަލަތަކެއް މީގެ ކުރިން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ހުށަހަޅާފައެވެ. އެ މައްސަލަތައް ބަލަން ފެށީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ތުހުމަތުކޮށް ހުށަހެޅި 27 މައްސަލައިގެ ތެރެއިންނެވެ.
އެކަމަކު އެ ތުހުމަތުތައް ސައީދު ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވެފައި ވާ ގޮތުގައި އޭސީސީއަށް ބަޔަކު ދިއުމަކީ "ސިޔާސީ ގޮތުން ރޭވުމެއް" ކަމަށެވެ.ނަމަވެސް އެ މައްސަލަތައް ބަލާ އެއްވެސް ފިޔަވަޅެއް އެޅިކަން މިހާތަނަށް އެނގިފައެއް ނުވެއެވެ.