ރައްޔިތުންގެ ވެރިކަމެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ދައުރަކީ ނުހަނު މުހިއްމު ކަމެއް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ލިޔުއްވައިފިއެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ކުރި ހޯއްދަވައި ކުރިއަށް އޮތް ފަސް އަހަރަށް ހޮވިވަޑައިގެންނެވީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ޑރ. މުއިއްޒެވެ. އިންތިހާބީ ރައީސްގެ ގޮތުގައި ހުންނަވައި މިއަދު މުއިިއްޒު ވަނީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ރަސްމީކޮށް ބައްދަލު ކުރައްވާފައެވެ.
މަޖިލީހަށް ވަޑައިގަތުމުން މަޖިލީހުގެ އެކި ޕާޓީތަކުގެ މެންބަރުންނާއި އިދާރީ މުވައްޒަފުން މުއިއްޒަށް މަރުހަބާ ކިޔާފައިވާ އިރު، މުއިއްޒު ވަނީ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ހާއްސަ މެސެޖެއް ލިޔުއްވާފައެވެ. އެ މެސެޖުގައި ވަނީ، ރައްޔިތުންގެ މަޖިލީހުން ދައުވަތު ދެއްވި ކަމަށްޓަކައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ޝުކުރު ދަންނަވާފައެވެ. ރައްޔިތުންގެ ވެރިކަމެއް ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ދައުރަކީ ނުހަނު މުހިއްމު ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަން އެގޮތުގައި ހާސިލްވާނެ ކަމާމެދު ޔަގީންކަން އޮތްކަމަށް ވިދާޅުވެފައި ވެއެވެ.
ރައީސް ނަޝީދާ، މުއިއްޒު ބައްދަލު ކުރައްވާފައިވާ އިރު އެ ދެބެފުޅުންގެ ދެމެދުގައި ވަނީ މަޝްވަރާތަކެއް ކުރައްވާފައެވެ. އެގޮތުން މުއިއްޒު އެދިވަޑައިގަތީ ސަރުކާރު ހިންގުމުގައި މަޖިލީހުން އެއްބާރުލުން ދެއްވުމަށެވެ. މީގެ އިތުުރުން މި ބައްދަލުކުރެއްވުމުގައި ވެރިކަމާ ހަވާލުވުމަށް ބާއްވާ ހުވާކުރުމުގެ ރަސްމިއްޔާތާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކަވާފައެވެ.
ގާނޫނުއަސާސީގެ 114 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ. އެގޮތުން އަންނަ މަހުގެ 17 ވަނަ ދުވަހު އެ ޖަލަސާ ބޭއްވުމުގެ އިންތިޒާމްތައް އަންނަނީ ރާވަމުންނެވެ.