އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ ނަމުގައި އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިންގް ފެސްޓިވަލް މި މަހު ބާއްވާއިރު ޕާޓްނަރަކަށް އީ2އެސް ގޭމިން ހަމަޖައްސައިފިއެވެ.

އީ2އެސް ގޭމިން އަކީ ޕްރޮފެޝަނަލް އީސްޕޯޓްސް އޯގަނައިޒޭޝަނެކެވެ.

އުރީދޫން ބުނީ، މި ގޭމިންގް ފެސްޓިވަލްގައި ޖުމްލަ 185،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި މި ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10، 20 އަދި 21 ގައި ކަމަށެވެ. މި ފެސްޓިވަލް ބާއްވަން ހަމަޖެހިފައި ވަނީ އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ކަމަށާއި ހުރިހާ ވައްތަރެއްގެ ގޭމް ކުޅޭ ފަރާތްތަކަށް ވެސް އެކަށީގެންވާ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑްގައި އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ފައިނަލް މެޗްތަކުގެ އިތުރުން ރޭސިން ސިމް، ފީފާ، ކޮސްޕްލޭ އަދި ޓެކަން ޓޯނަމެންޓް ހިމެނެއެވެ.

"އުރީދޫ ނޭޝަން ގޭމާސް ލޭންޑް" ވެގެންދާނީ ރާއްޖޭގައި ގޭމް ކުޅޭ ފަރާތްތަކުގެ އެންމެ ބޮޑު އެއްވުމަކަށެވެ. މަޖާ އަދި ވާދަވެރި މަގްބޫލް ގޭމުތަކުގެ މުބާރާތްތަކާއި، ތަފާތު އެކި ގޭމު ކުޅުމުގެ ތަޖުރިބާ އާއި ފޭސް ޕެއިންޓިން ފަދަ ހަރަކާތްތައް މި އިވެންޓްގައި ކުރިއަށްދާނެ ކަމަށް އުރީދޫން ބުނެއެވެ.

މި ފެސްޓިވަލްގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ގްރޭންޑް ފިނާލޭ ހިމެނެއެވެ. އެއްލައްކަ ރުފިޔާގެ ޕްރައިޒް ޕޫލެއް ހަމަޖެހިފައިވާ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުތައް ބާއްވަން ހަމަޖެހިފައި ވަނީ އުރީދޫ ނޭޝަން ގޭމާސް ލޭންޑް ގޭމިން ފެސްޓިވަލްގައި ކަަމަށް އުރީދޫން ބުނެއެވެ. 2022 ވަނަ އަހަރު ބޭއްވި ރޯޑް ޓު 100ކޭ ކޮލިފައިން މުބާރާތްތައް ކަމަށްވާ ކޮންޓެންޑާ ސީރީޒް 1، 2 އަދި 3 ގެ އިތުރުން ވައިލްޑް ކާޑް އެންޓްރީ ސީރީޒް ކާމިޔާބު ކުރި ޖުމްލަ 16 ޓީމެއް ފައިނަލްގައި އެއްލައްކަ ރުފިޔާގެ ބޮޑު ޕްރައިޒް ޕޫލަށް އަށް ވާދަކުރާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ގްރޭންޑް ފައިނަލްގެ އިތުރުން މި ފެސްޓިވަލްގައި ތަފާތު މުބާރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަން ވަނީ ނިންމާފައެވެ. ރަޖިސްޓާ ކުރުމުގު ތަފްސީލް އުރީދޫ ނޭޝަން ވެބްސައިޓާއި، އުރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ހިއްސާ ކުރާނެ ކަމަށް އުރީދޫން ބުނެއެވެ.

މި މުބާރާތްތަކުގެ ތެރޭގައި ހިމެނެނީ 40،000 ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު އީއޭއެފްސީ (ފީފާ)، 25،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ރޭސިން ސިމް ޗެލެންޖް، 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ޓެކެން މުބާރާތް އަދި 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ކޮސްޕްލޭ މުބާރާތެވެ.

ގެމާސް ލޭންޑަކީ ހަމައެކަނި މުބާރާތްތަކަށް ވުރެ ބޮޑު ފެސްޓިވަލެކެވެ. ގޭމިން ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކްލޯ މެޝިނާއި، އެންމެ ފަހުގެ ވީޑިއޯ ގޭމްތައް ތަޖުރިބާކުރުމުގެ އިތުރުން ޖަސްޓް ޑާންސްއަށް ރައްޓެހިންނާއެކު ނަށާލުމާއި، ތްރޯ ދަ ހޫޕް ފަދަ ފަދަ ތަފާތު ހަރަކާތްތައް ކުރިއަށް ދާނެއެވެ. ކިޑްސް އެރީނާގައި ޒުވާން ގޭމް ކުޅޭ ކުދިންނަށް ވެސް މަޖާ ގޭމްތަކާއި ޔޫވީ ފޭސް ޕެއިންޓިން ފަދަ ހަރަކާތައް ވެސް ކުރިއަށްދާނެއެވެ. މީގެ އިތުރުން ފޮޓޯ ބޫތުތަކުން ފޮޓޯ ނަގާލެވޭނެއެވެ.