ޗައިނާގެ ރައީސް ޝީ ޖިންޕިން، ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މަރުހަބާ ދަންނަވައިފިއެވެ.

ޗައިނާގެ ރައީސްގެ ވަނީ އިންތިހާބީ ރައީސް ޑރ. މުއިއްޒުއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ މުއިއްޒުއަށް ހެޔޮ އެދުންތައް އަރިސް ކުރައްވާފައެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ރަހުމަތްތެރި ކަމުގެ ގުޅުމަކީ ޒަމާނުއްސުރެ ހިނގަމުން އަންނަ ގުޅުމެއް ކަމަށް ޝީ ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި ޗައިނާއަކީ އެއް ގައުމުން އަނެއް ގައުމަށް އިތުބާރު ކުރުމާއި، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގާތް ރަހުމަތްތެރިންގެ އިތުރުން، އާންމު ތަރައްގީއާއި ކުރިއެރުމަށްޓަކައި އެކުގައި މަސައްކަތް ކުރާ 2 ގައުމު ކަމަށް ވެސް ޝީ ވަނީ ވިދާޅުވެފައެވެ.

"ޗައިނާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭނަން، އެކުގައި މަސައްކަތްކޮށް މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކޮށް ދެމެހެއްޓުމަށާއި، އިތުރު ކުރިއެރުންތަކާއެކު، އެކުވެރި އަދި ކޯޕަރޭޓިވް ޕާޓްނާޝިޕް ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރަން ތައްޔާރު" ޝީ ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ ޗައިނާއާއެކު ގާތް ގުޅުމެއް ބާއްވާފައެވެ. އިންތިހާބީ ރައީސް ޑރ. މުއިއްޒު އޭރު ހުންނެވީ ހައުސިން މިނިސްޓަރުގެ މަގާމުގައެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު އިންތިހާބީ ރައީސް ޑރ. މުއިއްޒުއަށް އެކި ގައުމުތަކުން އަންނަނީ މަރުހަބާ ކިޔަމުންނެވެ. އެގޮތުން ބަލާއިރު އެމެރިކާ، އިންޑިއާ އަދި ލަންކާ، ޕާކިސްތާނުން ވެސް ވަނީ ޑރ. މުއިއްޒުއަށް މަރުހަބާ ކިޔާފައެވެ.