ޅ. ނައިފަރުން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލުނުތާ ހަތަރު ދުވަސް ފަހުން ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް، ޅ. ނައިފަރު / ސީނިޔާގެ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާ އިން ރިޕޯޓުކޮށްފައި ވާއިރި، އެންމެ ފަހުން މައިސަރާ ފެނިފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ނައިފަރުންނެވެ.

ފުލުހުން ބުނީ، މިއަދު ހަވީރު އެ ކުއްޖާ ފެނިފައިވާ ކަމަށާއި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.

މިއަދު މައިސަރާ ފެނިފައިވާ އިރު، އޭނާ ގެއްލުނު ސަބަބު ފުލުހުން ވެސް އަދި އެ ރަށު ކައުންސިލުން ވެސް ހާމައެއް ނުކުރެއެވެ.

މަދުން ނަމަވެސް ރާއްޖޭގައި ވެސް ފުރާވަރުގެ އަންހެން ކުދިން ގެއްލިގެން އާއިލާއަށް ހަބަރު ނުވެގެން ރިޕޯޓް ކުރާ ކަން ފާހަގަ ކުރެވެއެވެ. އަދި މިފަދަ މައްސަލަތަކުގައި މިހާތަނަށް ގެއްލިގެން ރިޕޯޓް ކުރި އެއްވެސް އަންހެން ކުއްޖެއް އަދި ނުފެނުނު މައްސަލައެއް ފާހަގަ ކުރެވިފައެއް ނުވެއެވެ.

ނަމަވެސް މީގެ ދެ އަހަރު ކުރިން ވަނީ 13 އަހަރުގެ ފިރިހެން ކުއްޖެއް ގެއްލިގެން އާއިލާއިން ރިޕޯޓް ކުރި ފަހުން މަރަލާފައި އޮއްވާ ފެނިފައެވެ.