މިސަރުކާރުން ރައްޔިތުންގެ ހެވާއި ލާބަޔަށް ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް އަލަށް އުފެދޭ ސަރުކާރުން ކުރިޔަށް ގެންގޮސްދެއްވަާ، ދިވެހި ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު ކުރައްވަމުން ދަނީ ސުލްހަވެރިކަމާއި އެކު ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ. މިގޮތުން އިންތިހާބީ ރައީސް ޑރ މުގައްމަދު މުއިއްޒާއި ބައްދަލުކުރައްވާފައިވާ ކަމަށާއި، ސަރުކާރު ބަދަލުކުރުމުގެ މަރުހަލާ ކުރިޔަށް ގެންދިޔުމަށްޓަކައި ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށެވެ. އަދި އުއްމީދުކުރައްވަނީ އެމަސައްކަތް ސުލްހަވެރިކަމާއިއެކު ކުރިޔަށް ގެންދިއުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވޭތުވެދިޔަ ފަސް އަހަރުދުވަހު ދަތިތަކާއި އުނދަގޫތަކާއި އެކުވެސް ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ކޮށްދެއްވިއްޖެކަމުގެ އިހުސާސްކުރެއްވޭ ކަމަށާއި ހެޔޮވެރިކަމެއް ރައްޔިތުންނަށް ކޮށްދެއްވިއްޖެ ކަމުގެ އުފާވެސް މިއަދު އިހްސާސްކުރެއްވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ، ވެރިކަން ކުރެއްވުމަށްޓަކައި ރައްޔިތުން 5 އަހަރު ދެއްވި ކަމަށްޓަކައި ރައްޔިތުންނަށާއި، އެމަނިކުފާނަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަަކަށް ޝުކުރު އަދާކުރައްވާފައެވެ.

މިގޮތުން، ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނާއި މަޖިލިސް މެމްބަރުންގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވި މެމްބަރުންނާއި، ސަރުކާރުގެ މުވައްޒަފުންނާއި، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތްކުރެއްވި ފަރާތްތައް ފާހަގަކުރެއްވިއެވެ.