ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ގެ ކުށް ސާބިތުވެ ޖަލު ހުކުމްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ގެކޮޅަށް ވަޑައިގެންފިއެވެ.

ދާދި ދެންމެ ގެކޮޅަށް ވަޑައިގެންފައި ވަނީ، ކަރެކްޝަންސް ގެ އޮފިޝަލުންނާއި ފުލުހުންގެ ބެލުމުގެ ދަށުންނެވެ.

11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން، ގެކޮޅަށް ބަދަލު ކުރީ، އިއްޔެ ނިމިދިޔަ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ޕީޕީއެމް އަދި ޕީއެންސީން ހޯދި ކާމިޔާބާއެކު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލެއްވުންނެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ދެއްވި މެސެޖްގައިވެސް މުއިއްޒު ވިދާޅުވީ، މިވަގުތުން މިވަގުތަށް ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ހިނގަމުން ދާ ސަރުކާރަށް ކުރެވޭނެ ކަމަށް ވާތީ ލަސްނުކޮށް އެކަން ކޮށްދެއްވުމަށެވެ.

އިއްޔެ ނިމުނު އިންތިހާބުގައި ޑރ. މުއިއްޒު ކާމިޔާބު ހޯއްދަވާފައި ވަނީ، ބޮޑު ތަފާތަކުން ކަމަށް ވާއިރު، މުއިއްޒުގެ ކެމްޕެއިންގެ ހުރިހާ ދަތުރުތަކެއްގައި ވެސް، ޔާމީން މިނިވަން ކުރެއްވުމަށް ގޮވާލައްވައި އަދި އެމަނިކުފާނުގެ ވެރިކަމެއްގައި އެންމެ ފުރަތަމަ އެއް މަސައްކަތަކަށް ވާނީވެސް ޔާމީން މިނިވަން ކުރެއްވުން ކަމަށް ތަކުރާރު ކޮށް ވިދާޅުވެފައި ވެއެވެ.

މިއަދު ރައީސް ޔާމީން ގެކޮޅަށް ވަޑައިގަންނަވާތި ޕީޕީއެމް އަދި ޕީއެންސީގެ ސަޕޯޓަރުން ވަނީ، އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެހި ހުންނަ ސަރަހައްދުގެ މަގުމަތި ފުރާލާފައެވެ. އެތައްހާސް ސަޕޯޓަރުންނެއް ޖަމާވެ ތިބީ ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށެވެ. އޭގެ ތެރޭގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް (މެޑަމް ފާތުން) ވެސް އެބަހުންނެވިއެވެ. އަދި ދެޕާޓީގެ ލީޑާޝިޕްގެ އިސް ބޭފުޅުންވެސް އެބަތިއްބެވިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށްކޮށްފައިވާ ހުކުމުގެ އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ކުރިއަށް ދާއިރު ރ. ފުއްގިރި މައްސަލައިގެ ކުރީގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އާރަށް މައްސަލާގައި ރައީސް ޔާމީން އަށް ހުކުމް ކުރީ ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏަކަށް އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އެމަނިކުފާނު ގަބޫލު ކުރެއްވިކަން ސާބިތުވުމުންނެވެ.