އިއްޔެ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާ ގުޅިގެން 'ދަ ޑިމޮކްރަޓްސް' އިން މަރުހަބާ ކިޔައިފިއެވެ.

އެ ޕާޓީން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެނޑިޑޭޓް ޑރ. މުއިއްޒު ހޯއްދެވި ކާމިޔާބީއަށް އެމަނިކުފާނަށާއި، ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް (ސެމްބެ)ގެ އިތުރުން އެ ކޯލިޝަނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާ ކަމަށެވެ.

އަދި ހަމައެހެންމެ އިންތިހާބުގައި ވާދަ ކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރަނިންގްމޭޓް މުހައްމަދު އަސްލަމް އިންތިހާބުގެ ނަތީޖާއާ ގުޅިގެން ދެއްކެވި ރިވެތި ޑިމޮކްރަޓިކް މިސާލަށް ޑިމޮކްރަޓުން ވަނީ މަރުހަބާއާ ޝުކުރު އަދާ ކޮށްފައެވެ.

ރައީސް ނަޝީދު އެމްޑީޕީއާ ދުރަށް ޖެހިވަޑައިން 'ދަ ޑިމޮކްރަޓްސް'ގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައި އެ ޕާޓީން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކޮށް އިންތިހާބުގެ ތިންވަނަ ކާމިޔާބު ކުރި ނަމަވެސް ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކާ ކޯލިޝަން ހައްދަވާފައެއް ނުވެއެވެ. ނަމަވެސް ޑިމޮކްރެޓުންގެ ތެރެއިން ގިނަ ބަޔަކު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވަނީ ނިމިދިޔަ އިންތިހާބުގައި ތާއީދު ކުރައްވާފައެވެ.

މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސްގެ މައްޗަށް 15 ހާސް ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވި މުއިއްޒު ވަނީ އެ ބުރުގައި 101،635 ވޯޓު ހޯއްދަވާފައެވެ. ރައީސަށް އެ ބުރު ލިބިވަޑައިގަތީ 86،161 ވޯޓެވެ.

ދެވަނަ ބުރުގައި މި ތަފާތު ބޮޑުކުރައްވައި 19،291 ވޯޓުން މުއިއްޒު ކުރި ހޯއްދަވާފައި ވާ އިރު މިއީ ވާދަވެރި އިންތިހާބެއްގައި ބޮޑު ކޯލިޝަނަކަށް ނުވާ ކޯލިޝަނަކާއެކު އެކަނި އެއް ކެންޑިޑޭޓަކު ތަފާތު ބޮޑުކޮށް ކާމިޔާބު ކުރެއްވި އިންތިހާބެވެ. ދެވަނަ ބުރުގައި ޕީޕީއެމް އަދި ޕީއެންސީ އާ ކޯލިޝަން ހެދީ 2000 ވޯޓު ހަމަ ނުވާ އެމްއެންޕީންނެވެ.

މުއިއްޒަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސެވެ. އެހެންކަމުން މުއިއްޒަކީ ރާއްޖޭގެ އަށްވަނަ ރައީސެވެ.