މިއީ އުންމީދުކުރެއްވި ނަތީޖާ ކަމަށް މިއަދު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޕްރެޒިޑެންޓް އިލެކްޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް އަދި ފަރެސްމާތޮޑާ ދާއިރާ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވިދާޅުވެއްޖެއެވެ.

ސެންބެ މިފަދައިން ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު މިރޭ މީރުމާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު "ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސެންބެ ވަނީ ދިވެހި ލޮބުވެތި ރައްޔިތުންގެ ކެންޑިޑޭޓް، ޑރ. މުއިއްޒަށް އިތުބާރު ކުރައްވާ ދިން ވޯޓަށް އިހުލާސްތެރި ކަމާއެކު ޝުކުރު ދަންނަވާފައެވެ. އަދި މި އިންތިހާބަށް ވޯޓުލާން ނިކުތް ހުރިހާ ރައްޔިތުންނަށް ވެސް ސެންބެ ވަނީ ޝުކުރު ދަންނަވާފައެވެ.

"އަޅުގަނޑު ފުރަތަމަވެސް ދަންނަވާލަން ބޭނުންވަނީ ތިބޭފުޅުން، ދިވެހި ލޮބުވެތި ރައްޔިތުންގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް އިތުބާރުކުރައްވާ ތި ދެއްވި ވޯޓަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމޭ. ޖުމްލަ ގޮތެއްގައި މި އިންތިހާބަށް ވޯޓުލާން ނިކުންނެވި ދިވެހި ހުރިހާ ރައްޔިތުންނަށް އަޅުގަނޑުގެ ފަރާތުން ޝުކުރު ދަންނަވަން"
ސެންބެ

ސެންބެ ވިދާޅުވީ އެކި އެކި ސަބަބުތަކާ ހުރެ މި އިންތިހާބުގައި ވޯޓުލުމުގައި ބައިވެރި ނުވެވުނު މީހުން ތިބި ކަމުގައި ވީ ނަމަވެސް މުއިއްޒު ވިދާޅުވެފައިވާ ފަދައިން ރައްޔިތުންނަށް ހިދުމަތް ކުރައްވަން ނިކުމެވަޑައިގަންނަވާނެ ކަމަށެވެ. އަދި ވަކި ފިކުރަކަށް، ވަކި ކުލައަކަށް ބެއްލެވުމެއް ނެތި ރާއްޖޭގެ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި ވާހަކަ ސެންބެ ވަނީ ތަކުރާރު ކުރައްވާފައެވެ.

"ވަކި ފިކުރަކަށް ވަކި ކުލައަކަށް ބެލުމެއް ނެތި ރާއްޖޭގެ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތްކުރައްވާނެ ކަމަށް ވިދާޅުވި"
ސެންބެ

ސެންބެ ވަނީ އުންމީދު ކުރެއްވި ގޮތަށް ދިވެހި ރައްޔިތުން އިތުރުބާރު ޔަގީން ކޮށްދިނީތީ ޝުކުރު ދަންނަވާ މިއީ އުންމީދު ކުރެއްވި ނަތީޖާ ކަމަށް ވިދާޅުވެފައެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު އިންތިހާބު ކުރުމަށް ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށްޓަކައި ބެހެއްޓި 586 ފޮށީގެ ތެރެއިން ލަންޑަނުގައި ބަހައްޓާފައިވާ ވޯޓު ފޮށި ފިޔަވައި ހުރިހާ ފޮށިތަކެއްގެ ނަތީޖާ ލިބިފައި ވާއިރު، ވަގުތީ ނަތީޖާ ދައްކާ ގޮތުން 18 ހާހެއްހާ ވޯޓުގެ ތަފާތުން ކުރީގައި އުޅުއްވަނީ މުއިއްޒެވެ.

މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސްގެ މައްޗަށް 15 ހާސް ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވި މުއިއްޒު ވަނީ އެ ބުރުގައި 101،635 ވޯޓު ހޯއްދަވާފައެވެ. ރައީސަށް އެ ބުރު ލިބިވަޑައިގަތީ 86،161 ވޯޓެވެ.

މުއިއްޒަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސެވެ. އެހެންކަމުން މުއިއްޒަކީ ރާއްޖޭގެ އަށްވަނަ ރައީސެވެ. އަދި ކުރިއަށް އޮތް 5 އަހަރުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވާނީ ސެންބެއެވެ.