ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ އެމްޑީޕީގެ ޖަގަހައަށް ބަޔަކު ވަދެ އެ ޕާޓީގެ އޮފިޝަލުންނަށް ބިރު ދައްކާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ އިދިކޮޅު ޕާޓީގެ ފަރާތުން އެ ޖަގަހައަށް ވަދެ ހަޑި ހުތުރު ބަހުން ވާހަކަ ދައްކާ އެތަނުގައި ތިބި އެމްޑީޕީގެ އޮފިޝަލުންނަށް ބިރު ދައްކާފައިވާ ކަަމަށެވެ. ތަކެއްޗަށް ގެއްލުން ދީފައިވާ ކަމަށް މައުލޫމާތު ލިބިފައި ނުވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާ އިތުރަށް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. "ފޮށިތައް ކައިރި އުޅެފަ އޮފިޝަލުން ބްރޭކެއް ނަގާލަން ޖަގަހަ އަށް ވަނީ، އެ ވަގުތު އިދިކޮޅު ޕާޓީގެ ބައެއް އެތަނަށް އައިސް ހަމަ ނުޖެހުން ހިންގާފައި ވަނީ" އަނަސް ވިދާޅުވިއެވެ. އެމްޑީޕީގެ ޖަގަހައަށް ބަޔަކު ވަދެ ބިރު ދައްކާފައިވާއިރު މިއަދު ވަނީ ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފަށްވެސް ބަޔަކު ހަމަލާދީފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ޝަރީފްގެ އެއް ލޯ މަތި ވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ. އަދި ނޭފަތްމަތިން ވަނީ ހަލާކުވެ، ލޭ ވެސް އައިސްފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ މެންހެޓަން ބިޒްނަސް ހޮޓަލްގެ ތެރޭގައި ޝަރީފަށް ބަޔަކު ހަމަލާދީފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ސީންގައި ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
އަދި ހަމައެހެންމެ މަޖިލީހުގެ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނިހާދަށް ވެސް ބަޔަކު ވަނީ ހަމަލާދީފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ނިހާދަށް ހަމަލާ ދީފައިވަނީ ވޯޓުލުމުގެ މަސައްކަތުގައި އޭނާ ހަރަކާތްތެރިވަމުން ދަނިކޮށެވެ.
ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓުލުން މިއަދު ހަނދުނު 8 ޖެހިއިރު ފަށާފައިވާއިރު ވޯޓުލުން މިއަދު ހަވީރު 5:00 އާ ހަމައަށް ކުރިއަށް ދާނެއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282,394 މީހުންނަށް ލިބުނުއިރު ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ 409 މީހުންނާއެކު ޖުމްލަ 282,804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
މި ހާ އަވަހައް ގޭންގް ތައް އެކްޓިވް ކޮއްލީ.ދެން މިގައުމަށް ވަނީ ކިހިނެއް.