އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުالله އަށް ހަޑި ހުތުރު ބަހުން މުއާމަލާތު ކުރައްވައި، މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އިންޒާރު ދެއްވި ކަމަށް އަދާލަތު ޕާޓީން ބުނާ ވާހަކަ އޭނާ ދޮގުކުރައްވައިފިއެވެ.
ނަރީޝް ވިދާޅުވީ އޭނާ އިމްރާންއަށް ހަޑިހުތުރު ބަހުން ވާހަކަދައްކަވާ އިންޒާރު ދެއްވި ކަމަށް އަދާލަތު ޕާޓީއިން ބުނަމުންދާ ދިއުމަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށެވެ.
އެތައް ރައްޔިތުން ތަކެއް ތިބި ތަނެއްގައި ނުހިނގާ ކަމެއް ހިނގި ކަމަށް ދައްކަން މަސައްކަތް ކުރުމަކީ އިންތިހާބުން ބަލިވެއްޖެ ކަން ކަށަވަރުވެ ޔަގީންވާ ކަމެއް ކަމުގައި ނަރީޝް ވަނީ ވިދާޅުވެފައެވެ. އަދި މިއިންތިހާބު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޣިޔާސުއްދީން ސުކޫލުގައި ހުރި ވޯޓުލާ މަރުކަޒުގައި އިމްރާން ހަރަކާތްތެރި ވެ ވަޑައިގަންނަވަނިކޮށް، ނަރީޝް އިމްރާނާ ދިމާލަށް އަވަގުރާނަ ގޮވާ އަޑުގަދަކޮށް އިންޒާރު ދެއްވާފައިވާ ކަމަށް އަދާލަތު ޕާޓީއިން ވަނީ ބުނެފައެވެ. ރެއިން ފެށިގެން މިކަހަލަ ބިރުދެއްކުމުގެ ކަންކަން ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޓީމުތަކުން ހިންގަމުންދާ ކަމަށާއި އެކަންކަން ހުއްޓާލުމަށް އެ ޕާޓީއިން ވަނީ ގޮވާލާފައެވެ.
މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރަށް އަދާލަތު ޕާޓީއިން ކޯލިޝަން ހަދާފައިވާ އެމްޑީޕީއިން ކަނޑައަޅާފައިވާ ބަޖެޓުކަމަށް ބުނެ ސޯޝަލް މީޑިއާގައި ލިސްޓެއް ދައުރުވަމުން ދާއިރު އެ ލިސްޓަކީ އެއްވެސް ހަގީގަތެއް ނެތް ލިސްޓެއް ކަމަށް ވެސް އެމްޑީޕީއިން ވަނީ ބުނެފައެވެ.