ރައްޔިތުން ނިންމާ ގޮތް ބަލައިގަންނަވާނެ ކަމަށާއި އަބަދުވެސް އިސްކުރަން ޖެހޭނީ ގައުމުގެ ހަމަޖެހުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ މިއަދު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލައްވަން ޖާމަލުއްދީން ސްކޫލަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވީ މިއަދު ދިވެހި ރައްޔިތުން ގޮތެއް ނިންމާނެ ކަމަށާއި ކުރީ ދުވަހު ވަރަށް ގިނަ ކެންޑިޑޭޓުން ވާދަކުރި ނަމަވެސް މިއަދު ޔަގީން ކަމާއެކު އެނގިވަަޑައިގަންނަވާ ކަމަކީ ކޮންމެވެސް އެއް ކެންޑިޑޭޓެއް ކާމިޔާބު ކުރައްވާނެ ކަމެވެ.

އެތައް ލައްކަ ބަޔަކު ވޯޓުލާކަން ފާހަގަ ކުރައްވާ ފައިސަލް ވިދާޅުވީ ދިވެހި ރައްޔިތުން ގޮތެއް ނިންމަވައިފިނަމަ އެގޮތް ބަލައިގަންނަން ޖެހޭނެ ކަމަށާއި އިންތިހާބެއް ނިމިގެން ދާއިރު ހުރިހާ އެންމެން އެއް ކެންޑިޑޭޓަކަށް ވޯޓެއް ނުލާނެ ކަމަށެވެ. އަދި އާންމުކޮށް އަންނަނީ ކުޑަ ތަފާތެއް ކަމުގައި ވިޔަސް އަބަދުވެސް އިސްކުރަން ޖެހެނީ ގައުމީ ހަމަޖެހުން ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އަބަދުވެސް ކުރިއަށް އޮތް 5 އަހަރު ބަލަންވީ މިއަދު ރައްޔިތުން ނިންމާ ގޮތަށް ކުރިއަށް ދިއުމަށް ކަމަށާއި އެއް 5 އަހަރަށްފަހު އަނެއް 5 އަހަރު ރަނގަޅުވެ، ސުލްހަވެރިވެ، ގައުމަށް ކުރިއެރުން ލިބޭނެ ކަަމަށް ގަބޫލު ކުރަން ވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި އެއީ ރައްޔިތުން ބޭނުންވާނެ ގޮތް ކަމުގައި ފައިސަލް ވަނީ ފާހަގަ ކުރައްވާފައެވެ.

ފައިސަލް ވިދާޅުވީ ކޮންމެ ކެންޑިޑޭޓެއް ކާމިޔާބު ކުރިއަސް ރަނގަޅަށް ކަންތައްތައް ކުރިއަށްދާނެކަން ގަބޫލުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

ގައުމުގެ ނައިބު ރައީސް ކަމުގެ މަގާމުގައި ފަސް އަހަރު ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން ފައިސަލް ވަނީ އެންމެ ބޮޑު އެދިވަަޑައިގަތުމަކީ ގައުމީ ހަމަޖެހުމާއި ގައުމީ ކުރިއެރުން ކަމަށާއި އޭނާ ހުންނަވާނީ ރައްޔިތުން ނިންމާ ގޮތަކަށް ކަމަށް ވިދާޅުވެފައެވެ. އަދި ތާއީދު ކުރައްވާނީ ރައްޔިތުން ނިންމަވާފައި އޮންނަ ގޮތަކަށް ކުރިއަށް ދިއުމަށް ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ފައިސަލް ވިދާޅުވީ ވޯޓުލުމުގެ ހައްގަކީ އަދާކުރަން ޖެހޭ ހައްގެއް ކަމަށާއި ގާނޫނުން ކޮންމެ ރައްޔިތަކަށްވެސް ގުޅިފައިވަނީ ގައުމުގައި ހިނގާ ކޮންމެ ކަމަކާ ކަމަށާއި އެއީ ވަރަށް ބޮޑު ނިންމުމެއް ކަމަށެވެ. އަދި މި މުޖުތަމައުއަށާއި ގައުމަށް ވެރިއަކު އިސްކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި ވޯޓުލުމަކީ މުހިއްމު ކަމެއް ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ފައިސަލް އިތުރަށް ވަނީ ވޯޓާސް ލިސްޓުގައި ހިމެނޭ ހުރިހާ އެންމެންވެސް ވޯޓުލުމަށް ދިއުމަށް އިލްތިމާސް ކުރައްވާފައެވެ.